ވިޔަފާރި

ކުރު މުއްދަތެއްގެ ތެރޭގައި މާލީ ދާއިރާ ބޮޑު ކުރިއެރުމެއް ހޯދައިފި: ޒުހޫރު

Sep 26, 2016

ކުރު މުއްދަތެއްގެ ތެރޭގައި ރައީސް އަބްދު ﷲ ޔާމީން ރާއްޖޭގެ ފައިނޭންޝަލް ސެކްޓާ، ހާއްސަކޮށް އިގްތިސާދު ބަދަލުކޮށްލާފައިވާ ކަމަށް އިކޮނޮމިކް އެންޓް ޔޫތް ކައުންސިލްގެ ޗެއާ އަހުމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.

ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ހޮޓެލް ޖެންގައި މިއަދު ބޭއްވި "އިންސްޓިޓިއުޝަނަލް އިންވެސްޓްމަންޓް ސެމިނާ" ފެއްޓުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޒުހޫރު ވިދާޅުވީ ރައީސް ޔާމީން ދަނީ ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ގެނެސްދެއްވަމުން ކަމަށެވެ.

"ރައީސް ޔާމީންވަނީ ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖެއަކީ އިންވެސްޓަރުންނާއި ރައްޓެރި ގައުމަކަށް މި ގައުމު ހައްދަވާފަ. ފޮރިން އިންވެސްޓަރުންނަށް އެޓްރެކްޓިވް ތަނަކަށް ހައްދަވާ ދެއްވާފަ،" ޒުހޫރު ވިދާޅުވި އެވެ.

ޒުހޫރު ވިދާޅުވީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ފުރަތަމަ ފަހަރަށް އާއްމު ކުރެއްވުމާއި ސޮވެރިން ފަންޑެއް ގާއިމް ކުރުމަކީ މުހިންމު ކަންތައްތައް ކަމަށެވެ. އަދި މިފަދަ ކަންތައްތައް ކުރެވޭނީ އިގްތިސާދި ވިސްނުން ހުރި ވިޝަނަރީ ލީޑަރަކަށް ރައީސް ޔާމީން ވާތީ ކަމަށް ވެސް ޒުހޫރު ވިދާޅުވި އެވެ. އަދި މި ސަރުކާރުގެ މަސައްކަތުގެ ސަބަބުން ރާއްޖެއާ މެދު ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ދުވަހެއް ދުވަހަކަށް ބޮޑު ވަމުން އަންނަ ކަމަށް ވެސް ޒުހޫރު ވިދާޅުވި އެވެ.

"މިފަދަ ކަންތައްތަކުގެ ސަބަބުން ރާއްޖެއާއި ބޭރުގެ އިންވެސްޓްރުންނަށް ވަނީ އިތުބާރު ލިބިފައި،" ޒުހޫރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕެންޝަން ފަންޑަކީ ދިގު މުއްދަތުގެ ރަނގަޅު އިންވެސްޓްމަންޓެއް ކަމަށާއި، ޕެންޝަން ފަންޑުގެ ފައިދާ އެންމެ ރަނގަޅު ގޮތުގައި ހިފޭނެ ގޮތްތަކެއް ސަރުކާރުން ފަހި ކުރަމުންދާ ކަމަށެވެ. އެގޮތުން، ޕެންޝަން ފަންޑްގައި ހުންނަ ފައިސާ އިން ފްލެޓް ނޫނީ ރޯ ހައުސް ފަދަ ތަންތަން ގަތުމަށް ނަގާ ލޯނުގެ އެޑްވާންސް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވާކަން ޒުހޫރު ފާހަގަ ކުރެއްވި އެވެ. މިކަމުގެ ސަބަބުން ބޯހިޔާވަހިކަމަށް ފަސޭހަތަކެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ޕެންޝަން ފަންޑް އިތުރަށް ފުޅާ ކުރެވޭނެ ގޮތްތަކެއް ހޯދައި އެ ފަންޑްގެ ފައިދާ އިތުރު ކުރެވޭނެ އިންވެސްޓްމަންޓްތަކަކާ ދިމާލަށް މިސްރާބު ޖެހުމަށް ޒުހޫރު ގޮވާލެއްވި އެވެ.