މާފަރުގައި ހިންގާ އިންޓަނޭޝަނަލް އެއާޕޯޓު (އެމްއައިއޭ) ރަންވޭ އިތުރަށް ބޮޑު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ތިންވަނަ ފަހަރަށް އިއުލާނުކޮށް، އެންމެ ފަހުން ދިން މުއްދަތު ވެސް އިތުރު ކޮށްފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހަދައި ހުޅުވި އެމްއައިއޭއަކީ އަބޫދާބީ ފަންޑުން ހިލޭ އެހީއެއްގެ ގޮތުގައި ތަރައްގީ ކޮށްދިން އެއާޕޯޓެކެވެ. މި އެއާޕޯޓުގެ ރަންވޭ އިތުރަށް ބޮޑު ކުރުމުގެ ދެވަނަ ފިޔަވަހި ފެށުމުގެ ގޮތުން ޕްލޭނިން މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނީ މާފަރު އެއާޕޯޓު ތަރައްގީ ކުރުމާއި ރަންވޭ އެކްސްޓެންޝަންގެ މަސައްކަތް "ފޭސް ދޭއް" ގެ މަޝްރޫއު އީޕީސީ ޓާންކީ އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މި މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އުސޫލުން ކަމަށެވެ. މިއީ މި މަޝްރޫއު ހިންގައިދޭނެ ފަރާތެއް ހޯދުމަށް އިއުލާނު ކުރި ދެވަނަ ފަހަރެވެ.
މި މަޝްރޫއު ފުރަތަމަ އިއުލާނުކުރީ މިދިޔަ މަހުގެ 24 ގެ ކުރިން ބިޑް ހުށަހަޅަން ޖެހޭ ގޮތަށެވެ. ނަމަވެސް މި މަޝްރޫއަށް ކުރިމަތިލާން ދިން މުއްދަތު ފިނޭންސް މިނިސްޓްރީން ވަނީ 8، މެއި 2022 އަށް އިތުރުކޮށްފަ އެވެ.
ސިންގްޕޫރުގެ ޓަފް ކުންފުންޏާ ހަވާލު ކޮށްގެން ހެދި މި އެއާޕޯޓުގައި ޓާމިނަލް އާއި މި ނޫން ވެސް ވަސީލްތައް ހުރެ އެވެ. އެއާޕޯޓަށް ފަންޑުކޮށްފައި ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. މިއީ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިލޭ އެހީގެ ގޮތުގައި ހަދާފައިވާ ތަނެކެވެ. މި އެއާޕޯޓު ތަރައްގީ ކޮށްފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއެކުގަ އެވެ.