މާފަރު އިންޓަނޭޝަނަލް އެއާޕޯޓް

މާފަރު އެއާޕޯޓުގެ ރަންވޭ ބޮޑު ކުރަން އަނެއްކާ ބަޔަކު ހޯދަނީ

Mar 15, 2022
1

މާފަރުގައި ހިންގާ އިންޓަނޭޝަނަލް އެއާޕޯޓު (އެމްއައިއޭ) ރަންވޭ އިތުރަށް ބޮޑު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ތިންވަނަ ފަހަރަށް އިއުލާނުކޮށްފި އެވެ.

އަބޫދާބީ ފަންޑުން ހިލޭ އެހީއެއްގެ ގޮތުގައި ތަރައްގީކޮށްދިން މާފަރު އެއާޕޯޓުގެ ރަންވޭ އިތުރަށް ބޮޑު ކުރުމުގެ ދެވަނަ ފިޔަވަހި ފެށުމުގެ ގޮތުން ޕްލޭނިން މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނީ މާފަރު އެއާޕޯޓު ތަރައްގީ ކުރުމާއި ރަންވޭ އެކްސްޓެންޝަންގެ މަސައްކަތް "ފޭސް ދޭއް" ގެ މަޝްރޫއު އީޕީސީ ޓާންކީ އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އުސޫލުން ކަމަށެވެ. މިއީ މި މަޝްރޫއު ހިންގައިދޭނެ ފަރާތެއް ހޯދުމަށް އިއުލާނު ކުރި ދެވަނަ ފަހަރެވެ.

މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކުން 135،000 ޑޮލަރުގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހެ އެވެ. ބިޑް ހުށަހަޅަން ޖެހެނީ މިމަހުގެ 24 ގެ ކުރިންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މި އަހަރުގެ ޖެނުއަރީ މަހު މާފަރަށް ކުރެއްވި ދަތުރުފުޅުގައި މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހި ފަށާނެ ކަމަށް ވިދާޅުވެފަ އެވެ.

މާފަރުގައި އެއާޕޯޓެއް ހެދީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިންގަޕޫރުގެ ޓަފް ކުންފުނިންނެވެ. މި އެއާޕޯޓުގައި ޓާމިނަލް އާއި މި ނޫންވެސް ވަސީލްތައް ހުރެ އެވެ. އެއާޕޯޓަށް ފަންޑުކޮށްފައި ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. މިއީ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިލޭ އެހީގެ ގޮތުގައި ހަދާފައިވާ ތަނެކެވެ. މި އެއާޕޯޓު ތަރައްގީ ކޮށްފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއެކުގަ އެވެ.