ހަބަރު

އެއްވެސް މީހަކު ހައްޔަރު ކުރަން އަމުރެއް ނުކުރަން: ނަޝީދު

އެއްވެސް މީހަކު ހައްޔަރު ކުރަން އަމުރުކޮށްފައި ނުވާނެ ކަމަށް ވިދާޅުވެ، ދައުލަތުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރާ ދައުވާއަށް އެމަނިކުފާނު މިރޭ އިންކާރު ކުރައްވައިފި އެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގެ މިރޭ ބޭއްވި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެއްވެސް މީހަކު ހައްޔަރުކޮށް، ބަންދުކުރަން އެމަނިކުފާނު އަމުރު ކުރައްވާފައިނުވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ މައްޗަށް ކުރާ އެ ދައުވާއަކީ ސިޔާސީ ވާދަވެރިންނާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ ދައުވާތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ދެ ފަނޑިޔާރަކާއި މިހާރުގެ ޕީޖީ މުހުތާޒް މުހުސިން އެ މައްސަލައިގެ ތަހުގީގުގައި ބަޔާން ދެއްވާފައިވާ ކަމަށާއި އެހެންވެ ވަކި ކޮޅަކަށް ބުރަ ނުވެ، އެމަނިކުފާނުގެ ޝަރީއަތް ފަނޑިޔާރުންނަށް ހިންގިދާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ތިން ފަނޑިޔާރުންގެ ތެރެއިން ނަޝީދު އެ ވާހަކަ ނިސްބަތް ކުރެއްވީ އެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ގާޒީ އަބްދުﷲ ދީދީ އާއި އެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޒީ އަބްދުލްބާރީ ޔޫސުފަށެވެ.

މީގެ އިތުރުން އެމަނިކުފާނުގެ މައްޗަށް އާދައިގެ ދައުވާއެއް ކޮށްފައި ވަނިކޮށް، އެ ދައުވާ އަނބުރާ ގެނެސް ޓެރަރިޒަމްގެ ދައުވާ އުފުލީ އަބްދުﷲ ގާޒީގެ ދަށުގައި މަސައްކަތް ކުރެއްވުމަށް ފަހު ޕީޖީގެ މަގާމަށް ވަޑައިގެންނެވި ބޭފުޅެއްކަން ވެސް ނަޝީދު މިރޭގެ ޝަރީއަތުގައި ފާހަގަކުރެއްވި އެވެ. އަދި މިހާރު ފެނިގެންދަނީ އެމަނިކުފާނާ މެދު އިންސާފުވެރި ޝަރީއަތެއް ހިންގަން ފަނޑިޔާރުންނަށް ދަތިވެގެން އުޅޭތަން ކަމަށް ވެސް ފަނޑިޔާރުންނަށް ނިސްބަތް ކުރައްވާ ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނަކީ ޓެރަރިސްޓެއް ކަމަށް ރައްޔިތުން ގަބޫލު ނުކުރާ ކަމަށާއި އެކަން އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުން ވެސް ސާފުވެގެން ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.

ނަޝީދުގެ ވަކީލުންނަށް ވާހަކަ ދައްކަން ފުރުސަތު ދިނުމުން ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އަބްދުﷲ ޝާއިރު ވިދާޅުވީ އެ މައްސަލައިގެ ލިޔުންތައް ލިބިފައިވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށާއި ނަމަވެސް ލިޔުންތައް ގިނަކަމުން އެ ތަކެތި ދިރާސާ ނުކުރެވޭ ކަމަށެވެ. އެހެންވެ އިތުރު ތިން ދުވަހުގެ މުއްދަތެއް ޖަވާބުދާރީވާން ދިނުމަށް އޭނާ އެދުނެވެ.

ނަޝީދުގެ ވަކީލުން އެގޮތަށް އެދުމުން ފަނޑިޔާރުން ވަނީ ތިން ދުވަހުގެ މުއްދަތެއް ނަޝީދުގެ ވަކީލުންނަށް ދެއްވައިފަ އެވެ. އިތުރަށް ވާހަކަ ދައްކަން ނަޝީދުގެ ވަކީލުން އުޅުމުން ވެސް ފަނޑިޔާރުން ވަނީ އިތުރަށް ތިން ދުވަހުގެ ފުރުސަތެއް ދީފައިވާނެ ކަމަށް ވިދާޅުވެ، ވަކީލުން ވާހަކަ ދެއްކުން ހުއްޓުވައިފަ އެވެ.

ނަޝީދު ކުރިން ދުވަހުގެ ޝަރީއަތުގައި ހުންނެވިއިރު އެމަނިކުފާނުގެ މޫނުފުޅުމަތިން ކޮންމެވެސް ވަރަކަށް ހާސްކަން ފެނިގެން ދިޔަ ނަމަވެސް ކޯޓު ފަޓުލޫނު ތުރު ކުރައްވައިގެން ރީނދޫ ޓައީއެއް އަޅުއްވައިގެން ހުންނެވި ނަޝީދު މިރޭގެ ޝަރީއަތުގައި އެމަނިކުފާނު އިންނެވީ ވަރަށް ހަމަޖެހިވަޑައިގެނެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ނަޝީދު މިރޭގެ އަޑުއެހުމަށް ކޯޓަށް ވެއްދީ ނޫސްވެރިންނަށް ވަރަށް ބޮޑަށް ފޮރުވައިގެންނެވެ. އެގޮތުން ފުލުހުންގެ ވެހިކަލެއް ކުރިމަތީގައި ބޭއްވުމަށް ފަހު ނަޝީދު ކޯޓަށް ވެއްދިއިރު ނޫސްވެރިން ތިބީ ވަރަށް ދުރުގައި ބައިތިއްބައިފަ އެވެ.