ވިޔަފާރި

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ރައީސް ޔާމީން ހުޅުއްވައި ދެއްވައިފި

Sep 26, 2016
5
  • ބޭންކުގެ ރައުސުލްމާލު 150 މިލިއަން ރުފިޔާ
  • އެންމެ ޒަމާނީ ހިދުމަތް ފަސޭހަ ކަމާއެކު ލިބޭނެ
  • ބޭންކް ފެށިއިރު، ދެ އޭޓީއެމްގެ ހިދުމަތް ދޭނެ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) ރައީސް އަބްދުﷲ ޔާމީން މިއަދު ހުޅުއްވައި ދެއްވައިފި އެވެ.

ހަ އަހަރަށް ފަހު ރާއްޖޭގައި އަނެއްކާ ވެސް ބޭންކެއް ހުޅުވުމަށް، ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފުރަތަމަ ބޭންކް ކަމަށްވާ ސީބީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ބޭންކް ހުޅުވި ކުންފުނީގެ ޗެއާމަން މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފު ވަނީ ރައީސް ޔާމީނަށް ހަނދާނީ ފިލައެއް ހަދިޔާ ކުރައްވާފަ އެވެ.

ބޭންކް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބޭންކުގެ ސީއީއޯ އަދި އެމްޑީ ދިލަމް ރާޖަޕަކްސަ ވިދާޅުވީ ސީބީއެމް އިން މަސައްކަތް ކުރާނީ ރާއްޖޭގެ އިގްތިސާދަށް އެންމެ ބޭނުންވާ ގޮތަށް ހިދުމަތް ދިނުމަށް ކަމަށެވެ. އަދި މި ބޭންކު ހުޅުވުމަކީ ރާއްޖެ އާއި ސްރީލަންކާގެ ޒަމާންވީ ރަހުމަތްތެރި ގުޅުން ބަދަހި ވެގެންދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކޮމާޝަލް ބޭންކުން އެންމެ ފަހުގެ ޒަމާނީ ބޭންކިން ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށް ދިލަން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ހުރިހާ ޕްރޮޑަކްޓްތަކެއް ވެސް ފަރުމާކޮށްފައިވާނީ ރާއްޖެ އަށް އެންމެ އެކަށީގެންވާ ގޮތަށް،" ދިލަމް ވިދާޅުވި އެވެ.

ސީބީއެމް ހުޅުވާފައިވަނީ ގާތްގަނޑަކަށް 150 މިލިއަން ރުފިޔާގެ ރައުސްމާލަކާއެކު މި ބޭންކުގައި ޓްރީޓޮޕްގެ 45 ޕަސެންޓް ހިއްސާވާއިރު 55 ޕަސެންޓް ހިއްސާ ކުރަނީ ސްރީލަންކާގެ ކޮމާޝަލް ބޭންކެވެ. ބޭންކް ހަދާފައިވަނީ ހ. ފިލިގަސްދޮށުގޭގަ އެވެ. މި ބޭންކް ހުޅުވިއިރު، މިތަނުން ދެ އޭޓީއެމްއާއި ފައިސާ ޖަމާކުރާ މެޝިނެއްގެ ހިދުމަތް ލިބޭނެ އެވެ.

މި ރަސްމިއްޔާތުގައި ސީބީއެމްގައި ފުރަތަމަ އެކައުންޓް ހުޅުވި ފަސް ވިޔަފާރިއަށް އެކައުންޓް ހުޅުވި ކަމުގެ ލިޔުން ޗަމްޕާ ހުސެން އަފީފް ވަނީ ހަވާލުކޮށްދެއްވައިފަ އެވެ. އެ ބޭންކްގައި އެންމެ ފުރަތަމަ އެކައުންޓް ހުޅުވީ، މަޝްހޫރު ވިޔަފާރިވެރިޔާ އިބްރާހިމް އުމަރުމަނިކާއި ދަމާސް އާއި ސޮނީ ގްރޫޕް އަދި ތިންކް އެސޯސިއޭޓްސް އެވެ.

ޓްރީޓޮޕް ކުންފުންޏާ ގުޅިގެން ރާއްޖޭގައި ބޭންކް ހުޅުވާ ސްރީލަންކާ ކޮމާޝަލް ބޭންކުގެ ރައުސްލްމާލު 20 ބިލިއަން ޑޮލަރަށް އަރާއިރު، މި ބޭންކުގެ ބްރާންޗުތައް އޭޝިޔާގެ ގިނަ ގައުމުތަކާއި އިޓަލީގައިވެސް ހުރެ އެވެ.