ބޮލީވުޑް

"ޑާންސް ޕްލަސް 2" ކާމިޔާބުކުރީ 14 އަހަރުގެ ތަނޭ

Sep 26, 2016
1

ކޮރިއޯގްރާފާ އަދި ޑައިރެކްޓަރު ރެމޯ ޑިސޫޒާ ސުޕާ ޖަޖެއްގެ ގޮތުގައި ފެނިގެންދާ ޑާންސް ރިއަލިޓީ ޝޯ " ޑާންސް ޕްލަސް 2" 14 އަހަރުގެ ތަނޭ މާޅާރާ ކާމިޔާބުކޮށްފި އެވެ.

ތަނޭ އަކީ ޒީޓީވީއިން ދެއްކި ޑާންސް ޝޯ "ޑީއައިޑީ ލިލް މާސްޓާ 2" ގެ ބައިވެރިއެއްގެ ގޮތުގައިވެސް ފެނިގެން ގޮސްފައިވާ ކުއްޖެކެވެ.

އިންޑިއާގެ އެކި ކަންކޮޅުތަކުން ޑާންސްކުރާ ކުދިން ބައިވެރި، އެމީހުން ނެށުމުގެ ހުނަރު ދައްކާލާ މިޝޯގެ ދެވަނަ ސީޒަން މަހަރާޝްތްރަ އަށް ނިސްބަތްވާ ތަނޭ ކާމިޔާބުކޮށްފައިވަނީ ފައިނަލުގައި ވައިލްޑް ރިޕާސް ކްރޫ އާއި ޕިޔުޝް ބަގަތް އަދި ސުޝާންތް ކަތްރީ ވާދަކޮށް އެންމެ މޮޅު ނެށުމެއް ދައްކައިގެންނެވެ.

މިއަހަރުގެ ސީޒަންގެ އެއްވަނަ ލިބުމުން ތަނޭ ވަނީ ޝޯ ކާމިޔާބުވުމަކީ އޭނާ އަށް ވަރަށް ބޮޑު ސަޕްރައިޒަކަށްވި ކަމެއް ކަމަށާއި އޭނާ އަށް ސަޕޯޓްކުރި ހުރިހާ އެންމެންނަށާއި ވަކިން ހާއްސަކޮށް އޭނާގެ ކެޕްޓަން އަދި މިޝޯގައި އޭނާގެ ފަރާތުން ފެނިގެންދިޔަ ހުރިހާ ހުށަހެޅުންތަކަކަށް ތައްޔާރުކޮށްދިން ކެޕްޓަން ދަރްމޭޝް އަށް ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ.

އަދި ޝޯގެ ސުޕާ ޖަޖް ރެމޯ ވަނީ ތަނޭ އަކީ، ހުނަރެއް ލިބިފައިވާނަމަ މީހާގެ އުމުރުން ކިތަންމެ ހަނގުވެފައި އެމީހަކީ ކިތަންމެ ކުޑަ މީހަކަށް ވިޔަސް އެކަމެއް ހާސިލްކުރަން ހިތުލައިފިނަމަ އެކަމެއް ވާނެ ކަމުގެ ވަރަށް ބޮޑު މިސާލެއް ކަމަށް ބުނެފަ އެވެ.

ތަނޭ "ޑާންސް ޕްލަސް 2" ގައި ހުށަހަޅާފައިވާ ޑާންސްއެއް:

ޑާންސް އިންޑިއާ ޑާންސްއިން ވިދާލި ޝަކްތީ މޯހަން އާއި ދަރްމޭޝް ޔެލާންދޭ އަދި ޕުލްކިތް ޖޭ ޕަތަކް ސުޕާ ޖަޖުންގެ ގޮތުގައި ފެނިގެން ގޮސްފައިވާ މިޝޯގެ ގްރޭންޑް ފިނާލޭ ބާއްވާފައިވަނީ ރޭގަ އެވެ. އަދި ގްރޭންޑް ފިނާލޭގައި ހަތަރު ފައިނަލިސްޓުންގެ ހިތްގައިމު ހުށަހެޅުންތައް ފެނިގެންގޮސްފައިވާއިރު، ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރު ވަނީ އޭނާގެ އެންމެ އަވަހަށް ރިލީޒްވާ ފިލްމު "އެއި ދިލްހޭ މުޝްކިލް" ޕްރޮމޯޓްކުރުމަށް އެޝޯގައި ބައިވެރިވެފަ އެވެ. ރަންބީރުގެ އިތުރުން އޮލިމްޕިކްސްއިން ބްރޯންޒް މެޑަލް ލިބިފައިވާ ރެސްލިންތެޅުންތެރިޔާ ސާކްޝީ މަލިކް ވެސް ވަނީ ގްރޭންޑް ފިނާލޭގައި ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެފަ އެވެ.

ޓްރޮޕީގެ އިތުރުން އިނާމުގެ ގޮތުގައި 25 ލައްކަ ރުޕީޒް އާއި ކާރެއްވެސް ލިބުނު ތަނޭ އަކީ މިޝޯގައި ފުރަތަމަ ދުވަހުން ފެށިގެން އޭނާގެ އާދަޔާ ހިލާފު މޮޅު ނެށުމުގެ ޖާދޫގައި އެތައް ބަޔަކު ޖައްސާފައިވާ ކުއްޖެކެވެ. މޮޅަށް ކޮންޓެމްޕްރަރީ ޑާންސް އާއި ފްރީ ސްޓައިލްގެ ޑާންސްތަށް ކުރާ ތަނޭ މިޝޯ ފެށިގެންވެސް އެންމެ މޮޅު ހުށަހެޅުމެއް ދެމުން އައި އެއް ބައިވެރި އެކެވެ.

"ޑާންސް ޕްލަސް 2" ގެ ފައިނަލިސްޓުންގެ ގޮތުގައި ފެނިގެންދިޔަ ހުރިހާ ބައިވެރިން ރެމޯ ޑައިރެކެޓްކުރާ ޑާންސް ފިލްމު "އޭބީސީޑީ 3" އިން ފެނިގެންދާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.