ހަބަރު

ދައުވާއަށް ޖަވާބުދާރީވާން ތޮލްހަތަށް އިތުރު ތިން ދުވަހުގެ މުއްދަތެއް ދީފި

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ މައްޗަށް ކުރާ ދައުވާއަށް ޖަވާބުދާރީވާން އޭނާއަށް އިތުރު ތިން ދުވަހުގެ ފުރުސަތެއް ކޯޓުން މިރޭ ދީފި އެވެ.

އަބްދުﷲ ގާޒީ ބަންދު ކުރިއިރު އޭރުގެ ޑިފެންސް މިނިސްޓަރަކަށް ހުންނެވި ތޮލްހަތުގެ މައްޗަށް ދައުވާކުރަނީ އަބްދުﷲ ގާޒީ ބަންދު ކުރަން މަޝްވަރާކޮށް، އެކަމުގައި ބައިވެރިވި ކަމަށް ބުނެއެވެ. އެ ދައުވާއަށް ޖަވާބުދާރީވާން ކޯޓުން މިދިޔަ ހޯމަ ދުވަހު ވަނީ ތިން ދުވަހުގެ މުއްދަތެއް ދީފަ އެވެ.

މިރޭގެ ބޭއްވި އެ މައްސަލައިގެ ދެވަނަ އަޑުއެހުމުގައި ތޮލްހަތުގެ ވަކީލް މުހައްމަދު ޝާހު ވިދާޅުވީ އެ މައްސަލައިގެ ލިޔުންތައް ގިނަކަމުން ލިޔުންތައް ދިރާސާކުރަން ފަސް ވަރަކަށް ދުވަހުގެ މުއްދަތެއް އިތުރަށް ބޭނުންވާ ކަމަށެވެ. ނަމަވެސް ފަނޑިޔާރުން ދެއްވީ ތިން ދުވަހުގެ މުއްދަތެކެވެ. އަދި ދެން އޮންނަ މަޖިލީހެއްގައި ޖަވާބުދާރީވާން ޖެހޭނެ ކަމަށް ފަނޑިޔާރުން ވިދާޅުވި އެވެ.

އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރަނީ ކުރީގެ ތޮލްހަތުގެ އިތުރުން އޭރުގެ ރައީސް މުހައްމަދު ނަޝީދާއި އޭރުގެ ސިފައިންގެ ޗީފް އަދި މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި އޭރުގެ މާލޭ އޭރިއާގެ ކޮމާންޑަރު އިބްރާހިމް ދީދީ އަދި އޭރުގެ ސިފައިންގެ އޮޕަރޭޝަންސް ޑައިރެކްޓާ ކާނަލް ޒިޔާދުގެ މައްޗަށެވެ.