ވާހަކަ

ޓޮމް ފީފާއަށް ފޮނުވި ސިޓީ: ބައްސާމް އައްޔަންކުރީ އެކްސްކޯއަކުންނޫން

ޖެނެރަލް ސެކްރެޓަރީގެ މަގާމުން ބައްސާމް އަދީލް ޖަލީލް ވަކިކުރި އެކްސްކޯ ބައްދަލުވުމުގެ ޔައުމިއްޔާ ހޯދަން ފީފާއިން އެންގުމުން އޭނާ މަގާމަށް އައްޔަންކުރީ އެކްސްކޯ ބައްދަލުވުމެއްގައި ނޫން ކަމަށް ބުނެ ކުރީގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ފީފާ އަށް ސިޓީ ފޮނުވައިފި އެވެ.

ޓޮމް ފީފާ އަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ބައްސާމް މަގާމުން ވަކިކުރީ ކުރިން ހެދިފައިވާ ގޯސް ރަނގަޅު ކުރަން ކަމަށެވެ. އަދި ބައްސާމް މަގާމަށް އައްޔަންކުރީ ގޯސްކޮށްކަން އެނގުނީ މާފަހުން ކަމަށާއި މިހާރުއެކަން ރަނގަޅު ކުރުމަށް ދަނީ މަސައްކަތްކުރަމުން ކަމަށެވެ.

ޓޮމް މިގޮތަށް ސިޓީފޮނުވާފައިވީ ނަމަވެސް އެފްއޭއެމުގެ އިންތިހާބު ބޭއްވި ދުވަސް ކަމަށްވާ މިދިޔަ މޭ މަހުގެ 31 ވަނަ ދުވަހު ބައްސާމް ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އައްޔަންކޮށް އޭނާ އަށް މަގާމު ހަވާލުކުރި އެވެ. ދަރުބާރުގޭގައި ބޭއްވި ކޮންގްރެސް އަށް ހާޒިރުވެތިބި ހުރިހާ ކުލަބުތަކާއި އެކްސްކޯ މެމްބަރުންގެ ކުރިމަތީގަ މަގާމު ހަވާލުކުރީ ވެސް ސީދާ ޓޮމް އެވެ. އަދި އެކަން އިއުލާނުކޮށް މީޑިޔާ އަށް މައުލޫމާތު ދިނުމަށް ޕްރެސް ވެސް ބޭއްވި އެވެ. މީގެ އިތުރުން ޖެހިގެން އައިދުވަހު ބޭއްވި އެފްއޭއެމުގެ އެކްސްކޯ ބައްދަލުުމުގައި ޖެނެރަލް ސެކްރެޓަރީ ކަމަށް ބައްސާމް އައްޔަންކޮށްފައިވާތީވެ އޭނާ އަށް އެކްސްކޯ މެމްބަރުން މަރުހަބާކިޔާފައިވާކަން އެދުވަހުގެ ބައްދަލުވުމުގެ ޔައުމިއްޔާގައި ވެސް ވަނީ ހިމަނާފަ އެވެ.

އެފްއޭއެމުގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޖެނެރަލް ސެކްރެޓަރީ މަގާމުން ވަކިކުރަން ޖެހެނީ އެކްސްކޯ އަށް ހުށަހަޅައި މެމްބަރުންގެ ތާއީދާއެކުގަ އެވެ. މަގާމުން ވަކިކޮށްފައިވީ ނަމަވެސް ފީފާއިން ވަނީ އަސާސީ ގަވާއިދާ ހިލާފަށް ޖެނެރަލް ސެކްރެޓަރީ ވަކިކޮށްފައިވާނަމަ މަގާމު އިއާދަކުރާނެ ކަމަށް ބުނެފަ އެވެ.

ލީކުވެފައިވާ ޓޮމްގެ ސިޓީ ނިންމާލަމުން ބުނެފައިވަނީ އެކްސްކޯގެ ނުވަ މެމްބަރުންގެ ތެރެއިން ފަސް މެމްބަރުން އިސްތިއުފާދީފައިވާތީވެ އެއީ އެފަސްމެމްބަރުން އަމިއްލަ އަށް ފޮނުވާފައިވާ ސިޓީތަކެއްތޯ ޔަގީންކުރަމުން އަންނަ ކަމަށް ވެސް ބުނެފަ އެވެ.