އެފްއޭއެމުން އެކްސޯގެ ނުވަ މެމްބަރުންގެ ތެރެއިން ފަސް މެމްބަރުން އިސްތިއުފާދީފައިވާތީވެ އެސިޓީތަކުގެ ސައްހަކަން ބަލަމުންދާ ކަމަށް މަގާމު ގެއްލިފައިވާ އެފްއޭއެމުގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ފީފާ އަށް އަންގައިފި އެވެ.
ލީކުވެފައިވާ މިސިޓީ ފޮނުވާފައިވަނީ ޖެނެރަލް ސެކްރެޓަރީ މަގާމުން ވަކިކުރިކަމަށް ފީފާ އަށް ސިޓީ ފޮނުވުމުން އެކަން ކުރި ޖަލްސާގެ ޔައުމިއްޔާ ފޮނުވައިދިނުމަށް އެދި ފީފާއިން ސިޓީ ފޮނުވުމުންނެވެ.
"މިވަގުތު އަހަރުމެން މިދަނީ މިސިޓީތަކުގެ ސައްހަކަން އެފަސް މެމްބަރުންނާ ގުޅައިގެން އޮޅުންފިލުވަމުން. މި ޕްރޮސެސް ފުރިހަމަވުމުން ފީފާ އަށް އަންގާނަން،" ޓޮމްގެ އިއްޔެ ފީފާ އަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
ނަމަވެސް އިސްތިއުފާދެއްވި މެމްބަރަކު ވަނީ އެފްއޭއެމުން އެދުވަހު މެމްބަރަކު ގުޅައި އެސިޓީއަކީ އޭނާ ފޮނުވާފައިވާ ސިޓީއެއްތޯ ޔަގީންކޮށްފައިވާ ކަމަށެވެ.
ޓޮމް އެފްއޭއެމް ހިންގާގޮތާމެދު ހިތްހަމަނުޖެހިގެން އެފްއޭއެމުގެ އެކްސްކޯއިން ފަސް މެމްބަރަކު އިސްތިއފާ ދިނުމުން އޭނާގެ މަގާމު ވަނީ ގެއްލިފަ އެވެ. އިސްތިއުފާދިން ފަސް މެމްބަރުންނަކީ ޓޮމް އާއެކު ގައުމީ ޓީމަށް ކުޅުނު ދެ ކުޅުންތެރިން ކަމަށްވާ އެފްއޭއެމުގެ ނާއިބް ރައީސް އަލީއުމަރާއި ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމުގެ ކެޕްޓަން އައްސަދު އަބުދުލްގަނީ އެވެ. އަނެއް ތިންމެމްބަރުންނަކީ ގައުމީ ޓީމުގެ ފިޒީޝަން އަހުމަދު ޝަކީބާއި ކުރީގެ މަޝްހޫރު ވޮލީ ކުޅުންތެރިޔާ އައިޝަތު ނާޒިމާއާއި ޓީސީގެ އަހުމަދު އީސާ އެވެ.
މި މައްސަލާގައި މީޑީޔާ އަށް މިހާތަނަށް ވާހަކަ ދެއްކީ އިސްތިއުފާދެއްވި ފަސް މެމްބަރުން އެކަންޏެވެ. ޓޮމް ވެސް ހުންނެވީ ހިމޭނުންނެވެ.
ފީފާއިން ވަނީ އެކްސްކޯގެ ޔައުމިއްޔާ ނެތްނަމަ ޖެނެރަލް ސެކްރެޓަރީގެ މަގާމު އަލުން އިއާދަ ކުރާނެ ކަމަށް ބުނެފަ އެވެ. އެފްއޭއެމް މިވަގުތު ހިންގުމާ ހަވާލު ހުންނެވީ ކުރީގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒެވެ.
މި މައްސަލަ މިގޮތަށް އޮއްވައި އޭއެފްސީގެ ޖެނެރަލް ސެކްރެޓަރީގެ ހާއްސަ ދައުވަތަކަށް މަގާމުން ވަކިކޮށްފައިވާ އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް މިހާރު ވަނީ އޭއެފްސީ ކޮންގްރެސް އަށް އިންޑިޔާ އަށް ގޮހެވެ.