އެތަކަށް ހާސް މީހުނާއެކު އެމްޑީޕީން ބޭއްވި އެއްވުން ހިނގާލުމަށް ބަދުކޮށް ޑިމާޑްތަކަކާއެކު ނިންމާލާފައި ވަނިކޮށް މާލޭގެ މަގުތަކުގައި މުޒާހަރާކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ވެގެން މުޒާހަރާ ނިންމާލައިފި އެވެ.
ބޮޑު އެއްވުމުގެ ތެރެއިން އުފަންވި މުޒާހަރާ މިރޭ ނިންމާލި އިރު ބޮޑެތި ހަމަނުޖެހުންތައް ހިނގައި ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށްފައިވާއިރު މުޒާހަރާގެ ތެރެއިން ބައެއް މީހުންނަށާއި ނޫސްވެރިންނަށް ހިސާބަކަށް އަނިޔާވި އެވެ. އަދި މުޒާހަރާގެ ބައިވެރިން ބޭނުން ކުރި ބައެއް ތަކެއްޗަށް ވެސް މިރޭ ގެއްލުންތައްވި އެވެ.
ދުރާލައި ރާވަމުން އައި ޖޭޕީއެމްޑީޕީން ރާވަމުން އައި ބޮޑު އެއްވުމަށް މިއަދު އުސްފަސްގަނޑަށް އެރީ އެ އެއްވުމަށް އަތޮޅުތަކުގެ ގިނަށް ރަށްތަކުން މާލެއަށް 2000 އަށްވުރެ ގިނަ މީހުން ވެސް މާލެ އައިސްގެނެވެ. އަދި އެ ބޮޑު އެއްވުމަށް ސަލާމާތީ ބާރުތައް ވަރަށް ފުރިހަމައަށް ތައްޔާރުވެ އިންޒާރުތައް ވެސް ދީފައި ވަނިކޮށެވެ.
މިއަދުގެ އެއްވުން ހަވީރު 3:45 އެހާކަންހާއިރު އުސްފަސްގަނޑު ފެށުމާއެކު ކުރިން ހީކުރެވިފައިވާ ގޮތަށް ހިލާފަށް މިއީ ސުލްހަވެރި ކަމާއެކު ސަރުކާރަށް ފާޑުކިޔައި ސަރުކާރު ހަމަ މަގަށް އަޅުވަން ބާއްވާ ހިނގާލުމެއް ކަމަށާއި ހިނގާލުން އޮންނަނީ އިރުއޮއްސި 6:00 ޖަހަންދެން ކަމަށް ދެޕާޓީން ވަނީ އިއުލާންކޮށްފައެވެ. އަދި އޭގެ ފަހުން ހިނގާ އެއްވެސް ކަމަކަށް ދެ ޕާޓީން ޒިންމާ ނުވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެއްވުން ހިނގާލުމަކަށް ބަދަލުކޮށް އެތަކެއްހާސް މީހުނާއެކު ހިނގާލަން ނުކުތުމާއެކު ދެ ޕާޓީން ބުނީ ހިނގާލުމުގައި މައިގަނޑު ކަމަށް އޮތީ ޝުއޫރު ފާޅު ކުރުމާއި ދެ ޕާޓީން ސަރުކާރަށް ޑިމާންޑްތަކެއް ކުރުން ކަމަށެވެ. މީގެ އިތުރުން މިވަގުތު ސްރީލަންކާގައި ހުންނެވި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ އޯޑިއޯ މެސެޖެއް ވެސް ވަނީ އިއްވާފައެވެ. އެމަނިކުފާނުގެ މެސެޖްގައި މުޅިން ހިމަނާފައި ވަނީ ދެ ޕާޓީގެ ނަމުގައި ސަރުކާރުގެ މައްޗަށް ކުރި ޑިމާންޑްތަކެވެ.
ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި އެ ދެ ޕާޓީގެ އިސް ގިނަ ލީޑަރުން ކުރީ ސަފުގައި ތިއްބަވައިގެން ބޭއްވި ހިނގާލުމުގެ މައިގަނޑު އެންމެ ބޮޑު ޑިމާންޑަކީ ރައީސް މުހައްމަދު ނަޝީދު މިނިވަންކަން ދޫކޮށްލުމެވެ. މުޅި ހިނގާލުމުގައި ވެސް އެންމެ ގަދަ އަޑަކަށްވީ އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލި އަޑެވެ. މީގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި މެންބަރު އަލީ އާޒިމް މިނިވަން ކުރުމަށް ވެސް ގޮވާފައި ވެއެވެ.
މީގެ އިތުރުން ކޮށްފައިވާ ޑިމާންޑްތަކުގެ ތެރޭގައި ހިމެނެނީ އޮޑިޓް ގާނޫނުގެ އިސްލާހު އަނބުރާ ގެނައުމާއި ސިޔާސީ ދައުވާތައް ދޫކޮށްލުމާއި ސަރުކާރުގެ ކޮރަޕްޝަންތައް ބަލައި ތަހުގީގުކުރުމާއި ކަރަންޓުގެ އަގު ހެޔޮކުރުމާއި މަސްވެރިންނާއި ދަނޑުވެރިންގެ ސަބްސިޑީ ދިނުމާއި ލާމަރުކަޒީ ގާނޫނު ތަންފީޒުކޮށް ކައުންސިލްތަކަށް ބާރުތައް ދިނުމާއި ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނު ތަންފީޒުކުރުމާއި މުސާރައިގެ ހަމަހަމަކަން ހިފަހައްޓައިދީ މުސާރަ ބޮޑުކޮށްދިނުމާއި އަލަށް ނަގަން ފަށާ ތެލުގެ ޑިއުޓީ ނުނެގުމާއި މިނިވަން މުއައްސަސާތަކަށް ގާނޫނީ ބާރު ދިނުމާއި ހުސްނުވާ އާސަންދައިގެ ހިދުމަތް ފޯރުކޮށްދިނުމެވެ.
މިއަދުގެ ހިންގާލުން ބޮޑުތަކުރުފާނު މަގުން މަޖީދީ މަގަށްވަދެފައިވާއިރު މީހުން ގިނަ ދިގު ހިނގާލުމެއްގެ ގޮތުގައި ފެނުނެވެ. އަދި މުޅި ހިނގާލުމުގައި ރައީސް ނަޝީދާއި މުހައްމަދު ނާޒިމްގެ ފޮޓޯތަކާއި ސަރުކާރަށް ފާޑުކިޔާ ޕޯސްޓަރުތަކާއި ލިޔުންތަކާއި ބެނާތައް ހިފައިގެން އެންމެން ވެސް ވަނީ ޝުއޫރު ފާޅުކޮށްފައެވެ. އަދި މުޅި އެއްވުމަށް ހާއްސަކޮށްފައިވާ ތީމް ލަވައެއްވެސް ޖަހަމުން ދިޔައެވެ. ހިނގާލުން އިތުރު މަގަކަށް ނުވެދެ ރަސްމީ ބައި ނިންމާލީ ހައެއް ޖަހާ ބޮޑުވި ފަހުންނެވެ. އެއްވެސް ހަމަނުޖެހުމެއްވެސް އެއްވެސް މައްސަލައެއް ވެސް ދިމައެއް ނުވެއެވެ.
ނަމަވެސް ހިނގާލުން ފެށުނު ވަގުތު އުސްފަސްގަނޑާއި ދަރުބާރުގެ ހިމެނޭ ސަރަހައްދު ނުރައްކާތެރި ހަތިޔާރުތަކެއް ފުލުހުން ހޯދައިގެން ގެންދިޔަ އެވެ. އެތަކެތި ފެނިފައި ވަނީ ހިނގާލުން ފެށުމުގެ ކުރިން ފުލުހުން ހިންގި ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއްގެ ތެރެއިން ނެވެ.
އެހިސާބުން ދެ ޕާޓީގެ ލީޑަޝިޕް ސަރަހައްދު ދޫކޮށް ދިއުމުން ހިނގާލުމުގެ ބައިވެރިން ވަނީ އެ ސަރަހައްދުގައި އިށީދެންގެން އިރުގަނޑަކު ތިބުމަށްފަހު އެކި ސަރަހައްދުތަކަށް ބެހިގެންފަ އެވެ. އެއްބަޔަކު އެމްއެމްއޭ ސަރަހައްދަށް ގޮސް އަޑު އުފުލި އިރު އަނެއް ބަޔަކު ދިޔައީ ޗާންދަނީ މަގާ މަޖީދީ މަގުގެ ގުޅޭ ކަންމައްޗަށެވެ.
މިރޭގެ މުޒާހަރާ މިސްރާބު ބަދަލުވެ ހަމަނުޖެހުންތައް ހިނގައި ގިނަ އަދަދެއްގެ މީހުން ހައްޔަރު ކުރާ ހިސާބަށް ދިޔައީ ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ ގެކޮޅު ހުންނަ އަލިކިލެގެފާނު މަގާއި މަޖީދީ މަގު ގުޅުނު ސަރަހައްދަށް ގޮސް ރައީސް ޔާމީންގެ އިސްތިއުފާއަށް ގޮވައި ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލަމުން ދަނިކޮށް މުޒާހަރާގެ ތެރެއަށް ވަން ބަޔަކު ހަމަނުޖެހުން ހިންގާ ބައެއް މީހުންގެ ގެޔަށް އަތްލައި ބައެއް ތަކެއްޗަށް ގެއްލުން ދިން ހިސާބުންނެވެ. އެގޮތުން މުޒާހަރާގައި ބޭނުން ކުރި ލޯރިއަށް ގެއްލުން ދީފައިވާއިރު ރާއްޖެ ޓީވީގެ ބައެއް ތަކެއްޗަށް ގެއްލުން ލިބުނެވެ. ނަމަވެސް ފުލުހުން ވަނީ އެ ހަމަ ނުޖެހުން ހުއްޓުވައި އޭގެ ތެރެއިން ބައެއް މީހުން ހޯދައި ހައްޔަރުކޮށްފައެވެ.
މިރޭގެ މުޒާހަރާގެ ތެރޭގައި މުޒާހަރާގެ ތެރެއިން އެކިފަހަރު މަތިން ފެންފުޅި އާއި ތިމަރަ ބަރިއާއި ކަޅުތެޔޮ އެކި ދިމަ ދިމާއަށް އުކާފައިވާއިރު އޭގެ ސަބަބުން ވެސް މީހުންނަށް ބައެއް ކަހަލަ ގެއްލުން ލިބުނެވެ.
އެކިފަހަރު މަތިން މުޒާހާރާ ކުރިއަށް ޖެހި ނުރުހުން ފާޅުކޮށްފައިވާއިރު އެކަންކަމުގެ ތެރޭގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެގެން ވެސް ވަރަށްގިނަ މީހުން ހައްޔަރު ކުރި އެވެ. އަދި މުޒާހަރާގައި ބައިވެރިވެއްޖެނަމަ ހައްޔަރު ކުރާނެ ކަމަށް ފުލުހުން އިންޒާރުކޮށްފައި ވަނިކޮށް މުޒާހަރާގެ ތެރެއަށް ވަދެ ބައިވެރިވި ދެ ބިދޭސީއަކުން ވެސް ވަނީ ހައްޔަރު ކޮށްފައެވެ.
މިރޭގެ މުޒާހަރާއަކީ ޣައިރު ގާނޫނީ މުޒާހަރާއެއް ކަމަށް އިއުލާންކޮށް މުޒާހަރާ ރޫޅައިލާން ކަމަށް އިއުލާން ކުރުމަށް ފުލުހުން މުޒާހަރާ ފަހަތަށް ޖައްސާން ފަށާފައި ވަނީ 10:00 ޖެހުމާއެކު އެވެ. އެއާއެކު މުޒާހަރާ ހާވިޔާވެ އެކި ސަރައްދުތަކުގައި ބައެއް މީހުން ކުނާ އަޅައިގެން ތިބި އިރު އަނެއް ބަޔަކު ބޮނޑިބަތް ގެނެސްގެން ވެސް ކަމުން ދިޔައެވެ. އަދި ދޭތެރެ ދޭތެރެއިން ފުލުހުންނާ ކުރިމަތިލާ މީހުން ހައްޔަރު ކުރަމުން ވެސް ދިޔައެވެ.
އެކި މީހުންގެ ތަފާތު ޝުއޫރުތައް ފާޅު ކުރުމާއެކު ފަހުން މުޒާހަރާ ކުރާ މީހުން އެކި ސަރަހައްދުތަކަށް ބަދަލުވެ މުޒާހަރާގައި ބޭނުން ކުރާ އަޑުގަދަ ކުރާގެ އަޑު ކަނޑާލައި މުޒާހަރާ ނިންމާލިކަން އިއުލާން ކުރީ 12:00 ޖެހުމުންނެވެ. ނިންމާލިކަން އިއުލާން ކުރި ނަމަވެސް މުޒާހަރާ ހުއްޓައި ނުލާ ކުރިޔަށް ގެންދިޔައެވެ.