ސަރުކާރު ވައްޓާލާނެ ކަމުގެ އިންޒާރު ދެމުން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ އެކްޓިވިސްޓުން މުޒާހަރާ އަށް ތައްޔާރުވެއްޖެ އެވެ. ނަމަވެސް މި އެއްވުމަކުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމެއް ފެނިވަޑައެއް ނުގަންނަވާނެ އެވެ.
މުޒާހަރާގައި ގާސިމް ބައިވެރިވެ ވަޑައިނުގަންނަވާނެކަން ޖޭޕީގެ ނާއިބު ރައީސް އަމީން އިބްރާހީމް ކަށަވަރުކޮށް ދެއްވާފައިވާއިރު ބައެއް ފަރާތްތަކުން ބުނަނީ "ގާސިމް ބިރުން ފިއްލެވީ" ކަމަށެވެ. ނަމަވެސް އަމީން ވިދާޅުވެފައި ވަނީ ގާސިމަށް މުޒާހަރާގައި ބައިވެރިވެ ވަޑައިނުގަންނެވުނީ ގައުމުގެ ސިޔާސީ ހަލަބޮލިކަމާ ބެހޭ މަޝްވަރާތަކަށް ސްރީ ލަންކާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ހެދި ކަމަށެވެ.
މި ދަތުރުފުޅުގައި ގާސިމް މިއަދު ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާއާ ބައްދަލުކުރެއްވުމަށް ހަމަޖެފައިވާ ކަމަށް އަމީން ވިދާޅުވި އެވެ. މި ބައްދަލުވުމަށް ފަހު ގާސިމް އެނބުރި ވަޑައިގަންނަވާނެ ތާރީޚެއް ވެސް އަމީން ނުދެއްވަ އެވެ.
ބޮޑު މުޒާހަރާއާ ދިމާކޮށް ގާސިމް ލަންކާގައި ހުންނެވިއިރު ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ތެރެއަށް ގާސިމް ވެސް ވަނީ ދަމައިގެންގޮސްފަ އެވެ. ދައުލަތުން ބުނަނީ ސަރުކާރާ ދެކޮޅަށް ނާޒިމް ދެއްވަން އުޅުއްވި ހަމަލާ އަކީ ގާސިމްގެ ވިލާ ގްރޫޕްގެ މާލީ އެއްބާރުލުން ލިބިގެން ހިންގަން އުޅުނު ހަރަކާތެއް ކަމަށެވެ.
އެހެންވީމަ މި މައްސަލަ އިތުރަށް ހޫނުވެގެން ގޮސްފައިވާއިރު ގާސިމް ހައްޔަރުކުރުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.
ގާސިމާ އެކު ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ވެސް ލަންކާގައި ހުންނެވިއިރު މި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންނެވި އެމްޑީޕީގެ ދެ މެމްބަރުން ކަމުގައިވާ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުގެ އާއި މާލޭގެ މޭޔަރު މުހައްމަދު ޝިހާބު ވަނީ އެނބުރި ވަޑައިގެންފަ އެވެ.