ހޮލީވުޑް

ލޫޕިއާ ނިޔޯންގޯގެ އަގުބޮޑު އޮސްކާ ހެދުން ވަގަށް ނަގައިފި

ކެންޔާގެ މި ބަތަލާ އަށް ހޮލީވުޑްގެ ހިތް ބަންޑުންވީ "12 އިޔާސް އަ ސްލޭވް" އިން މިދިޔަ އަހަރު އޮސްކާގައި އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އެވޯޑް ހާސިލުކުރި ހިސާބުންނެވެ. އެހިސާބުން ފެށިގެން 31 އަހަރުގެ ލޫޕިއާ ލިޔޯންގޯ ވެފައި ވަނީ ހޮލީވުޑްގެ ފަލަ ސުރުހީތައް އެންމެ ފަސޭހައިން އަތުލާ މޫނަށެވެ.

ނަމަވެސް މިފަހަރު އޭނާގެ ނަން ފަލަ ސުރުހީ އަށް އެރީ އޮސްކާއެއް ލިބިގެންނެއް ނޫނެވެ. އަދި މާ ރީއްޗަށް ހެދުން އަޅައިގެންނެއް ވެސް ނޫނެވެ. ނިމިގެން ދިޔަ އޮސްކާގެ ރެޑް ކާޕެޓް ހަފުލާގައި ބައިވެރިވުމަށް އޭނާ ބޭނުންކުރި އަގުބޮޑު ހެދުން ވަގަށް ނެގީމަ އެވެ.

ވަގަށް ނަގާފައިވާ މި ހެދުމަކީ 6،000 އިތާ މުތް ބޭނުންކޮށްގެން ޖަރީކޮށްފައިވާ، 150،000 ޑޮލަރުގެ ހެދުމެކެވެ. ކަސްޓަމް މޭޑް މި ހެދުމަކީ ކެލްވިން ކްލެއިން މަރުކާގެ ހާއްސަ އުފެއްދުމެކެވެ.

ނިޔޯންގޯގެ މި ހިތްގައިމު ހެދުން ވަގަށް ނަގާފައި ވަނީ ވެސްޓް ހޮލީވުޑްގެ ލަންޑަން ހޮޓެލްގެ ކޮޓަރިއެއްގެ ތެރޭގައި އޮތްވަ އެވެ. ވަގުކަލޭގެ މި ހެދުން ގެންދިޔައީ ނިޔޯންގޯ ކޮޓަރިން ބޭރަށް ނުކުތް ވަގުތާ ދިމާކޮށެވެ.

ކެލްވިން ކްލެއިންގެ ޑިޒައިނަރު ފްރެންސިސްކޯ ކޯސްޓާ ޑިޒައިންކޮށްފައިވާ މި ހެދުމަކީ 25 މީހުން ބޭނުންކޮށްގެން 10 ހަފުތާ އިން ނިންމާފައިވާ ހެދުމެކެވެ.

ހެދުން ވަގަށް ނެގި މައްސަލަ ފުލުހުން ބަލަމުން ދިޔަ ނަމަވެސް މިހާތަނަށް އެއްވެސް ކުރިއެރުމެއް ނުލިބެ އެވެ.