ހަބަރު

މާލޭގެ ގެއެއްގެ ތެރޭގައި ޒަހަމްކޮށްލި ޒުވާނަކު ސީރިއަސް ހާލަތުގައި

އަންގާރަ ދުވަހުގެ ފަތިހު މާލޭގެ ގެއެއްގެ ތެރޭގައި ޒުވާނެއްގެ ގަޔަށް ވަޅިޖަހައި ޒަހަމްކޮށްލުމުގެ ސަބަބުން، އެ ޒުވާނާގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް އެ ކުއްޖާގެ އާއިލާއިން ބުނެފި އެވެ.

އެ ޒުވާނާގެ އާއިލާއާ ވަރަށް ގާތް ގުޅުމެއް އޮތް މީހަކު ރޭ "އަވަސް"އަށް ބުނީ، އެކަން ހިނގާފައިވަނީ އިއްޔެ ފަތިހުގެ ވަގުތެއްގައި ކަމަށާއި 20 އަހަރުގެ އެ ޒުވާނާގެ ބުރަކަށްޓަށް ވަޅި ޖެހުމުގެ ސަބަބުން ގޮހޮރަށް ބޮޑެތި ގެއްލުންވެފައިވާ ކަމަށެވެ. އަދި އެ ޒަހަމްތަކުގެ ސަބަބުން، އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދެމުން އަންނައިރު އޭނާގެ ހާލު "ކްރިޓިކަލް" ކަމަށް އާއިލާއާ ގުޅުން އޮތް މީހަކު ބުންޏެވެ. ފުލުހުންގެ ސަމާލުކަމަށް އެ މައްސަލަ ގެނައީ އޭޑީކޭގެ ފަރާތުންނެވެ.

"އެކަން ހިނގީ އޭނާ ދިޔައީ ރައްޓެއްސަކާއެކު ގެއަކަށް، އެ ގޭގައި އޭނާއަށް ހަމަލާދިނީ،" އޭނާ ބުންޏެވެ. އެނގިފައިވާ ގޮތުގައި އެ ޒުވާނާ ޒަހަމްތަކާ އެކު އޭޑީކޭއަށް ގެންދިޔައީ ވެސް އޭނާގެ ރަހުމަތްތެރިޔާ އެވެ.

މިކަމާ ގުޅިގެން ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ ވިދާޅުވީ، އެފަދަ މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ މާރާމާރީއެއް ކަމެއް އަދި ސާފުނުވާ ކަމަށެވެ. އެ ކުއްޖާގެ ހާލު ހުރި ގޮތުން ތަހުގީގަށް އެ ކުއްޖާއާ ސުވާލު ކުރެވިފައި ނުވާތީ އެކަން ހިނގާދިޔަ ގޮތް މުޅިން ސާފު ނުވާ ކަމަށް އިސްމާއިލް ވިދާޅުވި އެވެ. ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.