ހަބަރު

ރާއްޖެއަށް ފިއްތުންތައް ކުރިމަތިކުރަން ކޮމަންވެލްތްގެ މަންދޫބު ގޮވާލައިފި

  • ސިޔާސީ ފަރާތްތަކަށް ބިރުވެރި މާހައުލެއް އޮތް ކަމަށް ވިދާޅުވި
  • ހެޔޮ ވެރިކަމުގެ އުސޫލުތައް ނެތިގެން ދާތަން ފެނޭ
  • ޝަރުއީ ދާއިރާ އެކީ އިސްލާހު ކުރަން ގޮވާލެއްވި

ރާއްޖޭގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާ ކަމަށް ވިދާޅުވެ، ކަންކަން އިސްލާހު ކުރުމަށް ސަރުކާރަށް ހުރިހާ ގޮތަކުން ވެސް ފިއްތުންތައް ކުރިމަތިކޮށްދިނުމަށް ކޮމަންވެލްތުން ރާއްޖެއަށް ކަނޑައެޅުއްވި ހާއްސަ މަންދޫބު ވިލީ މުތުންގާ އެދިވަޑައިގެންފި އެވެ. މިގޮތަށް މުތުންގާ އެދިވަޑައިގަތީ ކޮަމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕު (ސީމެގް)އަށް ހުށަހެޅުއްވި ރިޕޯޓްގަ އެވެ.

ރާއްޖެއަށް ކުރެއްވި ދެ ޒިޔާރާތެއްގައި ފާހަގަކުރެވުނު ކަންތައްތަކުގެ މައްޗަށް ބިނާކޮށް މުޓުންގާ ސީމެގަށް ހުށަހެޅުއްވި ރިޕޯޓްގައި ޖުމްލަ 14 ކަމެއް ފާހަގަކޮށްފައިވާއިރު، މުތުންގާ ވިދާޅުވީ، ރާއްޖެ އޮތީ ނާޒުގު ހާލަތެއްގައި ކަމަށެވެ. ގާނޫނީ ވެރިކަމުގެ އުސޫލުތައް ރާއްޖޭގައި ނެތިގެންދާކަން ވަނީ ފާހަގަކުރައްވާފަ އެވެ. އަދި އިސްލާހުކުރުމަށް އެންގި ހަ ކަމެއް ރާއްޖެއިން އިސްލާހުކޮށްފަނުވާތީ، ސަރުކާރަށް ކުރެވެން އޮތް ޕްރެޝަރެއް ކުރުމަށް މުތުންގާ ވަނީ ސީމެގްގައި އެދިވަޑައިގެންފަ އެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންނަށް ލިބިދީފައިވާ ގިނަ ހައްގުތަކެއް ހަނިވަމުންދާ ކަމަށެވެ. އެގޮތުން ހިޔާލުފާޅުކުރުމުގެ މިނިވަން ކަމާއި އެއްވެ އުޅުމުގެ މިނިވަންކަން މުޅިން ހަނިކޮށްފައިވާ ކަމަށެވެ.

ރާއްޖޭގެ ޝަރުއީ ދާއިރާއަށް މުތުންގާ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ވިދާޅުވެފައިވަނީ ޝަރުއީ ދާއިރާ ވަނީ ސިޔާސީވެ އިތުބާރު ގެއްލިފައި ކަމަށެވެ. އަދި ކޯޓުތަކުން ހުކުމު ކުރަމުން ގެންދަނީ އިންސާފުގެ އެއްވެސް ހަމަތަކަކަށް ބެލުމެއް ނެތި ބޭއިންސާފަށް ކަމަށް އޭނާ ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން މުޅި ޝަރުއީ ދާއިރާ އިސްލާހުކުރުމަށް އަވަހަށް މަޝްވަރާތައް ފެށުމަށް މުތުންގާ ވަނީ އެދިވަޑައިގެންފަ އެވެ.

ރާއްޖޭގެ ގިނަ ސިޔާސީ ލީޑަރުންތަކެއްގެ މައްޗަށް ޖަލު ހުކުމެއް އައިސްފައިވުމަކީ ވެސް ޝަރުއީ ދާއިރާގެ އިތުބާރު ރައްޔިތުންގެ މެދުގައި ކުޑަވެފައިވާ ކަމެއްކަން މުތުންގާ ފާހަގަކުރެއްވި އެވެ. ސިޔާސީ ފަރާތްތައް ދިގު މުއްދަތަކަށް ބަންދުކޮށްފައި ތިބުމަކީ ޝަރުއީ ދާއިރާ އަދި ސަރުކާރާ މެދު އޮތް އިތުބާރު ވެސް ކުޑަވެފައިވާ ކަމަށް މުތުންގާ ވިދާޅުވި އެވެ.

ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ސިޔާސީ ފަރާތްތަކަށް ނެތްކަން ފާހަގަކުރައްވަމުން މުތުންގާ ވިދާޅުވީ، މިފަދަ ހާލަތެއްގައި މިނިވަން އިންސާފުވެރި ރިޔާސީ އިންތިހާބެއް ބޭއްވިދާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

މުތުންގާ ވެސް ވަނީ ރާއްޖޭގެ ހާލަތު ރަނގަޅުކުރުމަށް މަޝްވަރާގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. ވިދާޅުވީ، ދިގު މުއްދަތެއްގެ ހައްލެއް ބޭނުންވާނަމަ ސިޔާސީ ހުރިހާ ފަރާތްތަކުން އެއް މޭޒަކަށް ގޮސް، ވާހަކަ ދައްކައި މަޝްވަރާކުރަންޖެހޭ ކަމަށެވެ. ރާއްޖޭގައި ހީނަރުވެފައިވާ ޑިމޮކްރަސީ ދެން ހަރުދަނާކުރެވޭނީ ސަރުކާރުން އިސްނަގައިގެން ހަރުދަނާ މަސައްކަތްތަކެއް ކޮށްގެން ކަމަށް ވެސް މުތުންގާ ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ ކަނަކަން އިސްލާހުކުރުމަށް ސިޔާސީ ފަރާތްތަކުން އެއް ގަލަކަށް އެރުމަށް މުތުންގާ ގޮވާލެއްވިއިރު ސީމެގްއިން ވެސް ވަނީ އެއްވެސް ޝަރުތަކާ ނުލާ މަޝްވަރާތައް ފެށުމަށް ގޮވާލާފަ އެވެ. މި ގޮވާލުމާއެކު ޝަރުތުތަކެއް ކަނޑައަޅައި މީގެކުރިން މަޝްވަރާގައި ބައިވެރިނުވެ އޮތް ދެ ޕާޓީ ކަމުގައިވާ އެމްޑީޕީ އަދި އަދާލަތު ޕާޓީން ވަނީ މަޝްވަރާގައި ބައިވެރިވާނެކަން އިއުލާންކޮށްފަ އެވެ.

ރާއްޖެއިން އިސްލާހު ކުރަން ކޮމަންވެލްތުން ލަފާދިން ހަ ކަންތައް އިސްލާހު ކޮށްފައިވާ ނުވާ ކަމަށް ބުނެ، ސީމެގްގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމަނައި، ކަންކަން އިސްލާހު ކުރަން އިތުރު ފުރުސަތެއް ވަނީ ދީފަ އެވެ.

ސީމެގްގެ ރަސްމީ އެޖެންޑާގައި މިފަހުން ރާއްޖެ ހިމެނި މިއީ ތިންވަނަ ފަހަރެވެ. މީގެ ކުރިން ސީމެގްގެ އެޖެންޑާ އަށް ރާއްޖެ ލީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެ ހިނގަދިޔަ ކަންތައްތަކާ ގުޅިގެން ކޯނީގެ ރިޕޯޓް ނެރުމާ ހަމައަށެވެ. އަދި ދެން އެޖެންޑާއަށް ރާއްޖެ ލީ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ރިޔާސީ މުއްދަތު ހަމަވި އިރުވެސް، ރިޔާސީ އިންތިހާބެއް ނުބޭއްވި ލަސްވެގެން ދިޔުމުންނެވެ. އިންތިހާބު ބޭއްވުމާ އެކު ރާއްޖޭގެ މައްސަލަ ސީމެގުން ނެގި އެވެ.