ވިޔަފާރި

ޓާޓާ ފްލެޓްތަކަށް ހުރިހާ ފައިސާއެއް ދައްކައިފި، ފްލެޓް ހަވާލު ކުރަން ފަށަނީ

ސޯޝަލް ހައުސިންގެ ދަށުން އިންޑިއާގެ ޓާޓާ ކުންފުނިން ގާ ކޮށީގައި ހެދި 198 ހައުސިން ޔުނިޓަށް ދައްކަންޖެހޭ ފައިސާ ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދައްކައިފި އެވެ.

އެޗްޑީސީގެ އޮފިޝަލަކު މިއަދު "އަވަސް" އަށް ވިދާޅުވީ، ޓާޓާ ހައުސިންއާއި އެޕެކްސް ރިއަލިޓީ އިން އުފައްދާފައިވާ އެސްޖީ 18 ޑިވޮލޮޕާސް އިން ގާކޮށި އަދި އަރަބިއްޔާ ކުރިން ހުރި ބިމުގައި އަޅާފައިވާ ހައުސިން ޔުނިޓްތައް އެ ކުންފުނީގެ ދަށަށް ރަސްމީކޮށް ގެނައުމާ ގުޅިގެން އެ ދެ އިމާރާތަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް މިހާރު ދައްކައި ނިމިފައިވާ ކަމަށެވެ. ގާކޮށީގައި އަޅާފައިވާ ފްލެޓްތަކަށް މިދިޔަ އާދިއްތަ ދުވަހު ފައިސާ ދައްކާފައިވާ ކަމަށް ވިދާޅުވި އެވެ. އެއީ 177 މިލިއަން ރުފިޔާ އެވެ.

".. އެޗްޑީސީން މިދިޔަ އާދީއްތަ ދުވަހު އެޕެކްސް ރިއަލިޓީއަށް ދެވަނަ ޕޭމަންޓްވެސް ވަނީ ދައްކާފަ. އެހެންވީމަ މިހާރު އެ ދެ އިމާރާތަށް އެޗްޑީސީން ދައްކަންޖެހޭ ފައިސާއެއް ނޯންނާނެ،" އޮފިޝަލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ފްލެޓްތަކަށް ދައްކަންޖެހޭ ފައިސާ ދައްކައި ނިމިފައިވާތީ، ފްލެޓް ލިބޭ ފަރާތްތަކަށް އެތަންތަން ހަވާލުކުރުމުގެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން ފްލެޓްތައް ލިބުނު މީހުންނަށް ބޭންކުތަކާއި ޕެންޝަން ފަންޑު މެދުވެރިކޮށް ފައިނޭންސް ކުރެވޭނެ ގޮތްތައް ހަމަޖައްސައިދެވޭނެ ނިޒާމެއް ގާއިމްކުރުމަށް މިހާރު މަޝްވަރާކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

"މިހާރު ފްލެޓްތައް ލިބޭ ފަރާތްތަކަށް ހަވާލުކުރުމުގެ މަސައްކަތް ކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން ދަނީ. ވަރަށް އަވަހަށް އޭގެ ތަފްސީލް އިއުލާން ކުރާނަން،" އޮފިޝަލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކުރިން ފައިސާ ދައްކަން ހަމަޖެހިފައި އޮތް އުސޫލާ ހިލާފަށް، ބެންކްތައް މެދުވެރިކޮށް، އެންޑް ޔޫސާ ފައިނޭންސް އުސޫލްގެ ދަށުން ފައިސާ ދެއްކުމުގެ ފަސޭހަ ނިޒާމެއް ވަރަށް އަވަހަށް ގާއިމްކުރެވިގެންދާނެ ކަމަށެވެ.