ހަބަރު

މާކެޓިންއަށް ކުރަންޖެހޭ ހަރަދު މިހާރު ބޮޑު، ނަތީޖާ ވެސް ރަނގަޅު: މިނިސްޓަރު

  • ނެގެޓިވް ކެމްޕޭންތަކުގެ އަސަރު ވަރަށް ބޮޑު
  • ޕީއާރު ކުންފުނިތައް ނެގުމުން ރަނގަޅު އަސަރު ފެނޭ
  • ހީކުރާ ވަރަށް ޓޫރިސްޓުން އިތުރެއް ނުވޭ

ރާއްޖޭގެ އަސްލު ހާލަތު ބުނެދީ، ރާއްޖެ ޕްރޮމޯޓްކުރުމަށް މިހާރު ބޮޑު ހަރަދެއް ކުރަން ޖެހުނު ނަމަވެސް އޭގެ ނަތީޖާ ނިކުންނަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ. ބޭރުގެ އެކި ޕީއާރު ކުންފުނިތައް ނަގައިގެން ރާއްޖެ މާކެޓްކުރުމުގެ މަސައްކަތް މިނިސްޓްރީން ދަނީ ކުރަމުންނެވެ.

ޓޫރިސްޒަމްގެ ދުވަހާ ގުޅިގެން މިހާރު ދަރުބޭރުގޭގައި ކުރިއަށް ގެންދާ ފޯރަމްގެ މެދު ތެރެއިން ނޫސްވެރިންނާ ބައްދަލުކުރައްވާ މިނިސްޓަރު ޒަމީރު ވިދާޅުވީ، ކުރިން ރާއްޖެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް މާބޮޑު ހަރަދަކާއި މަސައްކަތްތަކެއް ނުކުރާ ކަމަށެވެ. ރާއްޖެ މާކެޓްކުރީ ހަމައެކަނި ފެއާތަކަށް ގޮސްގެން ކަމަށެވެ. ނަވަމެސް މިހާރު އެ އުސޫލު އެއްކޮށް ބަދަލުކޮށް، މިނިސްޓްރީން މަސައްކަތްކުރަނީ ކޮންސެލްޓެންޓުންނާއި ޕީއާރް ފާމްތައް މެދުވެރިކޮށް ރާއްޖެ މާކެޓްކުރުމަށް ކަމަށް ވިދާޅުވި އެވެ. އެކަމަށް ކުރަން ޖެހޭ ހަރަދު ބޮޑުކަން ފާހަގަކުރެއްވި އެވެ.

"ހަގީގަތަކީ އަޅުގަނޑުމެންނަށް މާކެޓަށް ކުރަން ޖެހޭ ހަރަދު ބޮޑުވެގެން ގޮސްފައިވަނީ، މިކަހަލަ ކޮންސަލްޓެންޓުން ހަޔާކޮށްގެން މަސައްކަތްކުރަން ޖެހުމުން، އެހެން ނޫންނަމަ މިފަހަކާ ހަމައަށް ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކޮށްފައި ހުންނަނީ ހަމަ ފެއާތަކަށް ގޮސްގެން އެކަނި، އެހެންނަމަވެސް އެ ސްޓްރެޓެޖީ މި އެއްކޮށް ބަދަލުކުރީ،" ޒަމީރު ވިދާޅުވި އެވެ.

"ކަންސެލްޓެންޓުން ބައިތިއްބައިގެން، ޕީއާރް ބައިތިއްބައިގެން ކޮންމެ ދުވަހަކު ރާއްޖެއާ އިދިކޮޅަށް އާޓިކަލްތައް ނެރުނީމަ އަޅުގަނޑުމެން ކޮންސަލްޓެންޓުން ޓުއާ އޮޕަރޭޓަރުންނަށް ފޮނުވާނެ އޭގެ ރައްދުތައް، ހަގީގަތް އޮތީ މިހެން ކަމާއި އެއީ ހަގީގަތް އޮޅުވާލައިގެން ދެއްކޭ ވާހަކަތައްކަން އަންގައި،"

މިނިސްޓަރު ވިދާޅުވީ، އޭގެ ނަތީޖާ ފެންނަ ކަމަށެވެ. ނަމަވެސް ޓޫރިސްޓް އެރައިވަލްގައި ޗެލެންޖްތަކެއް އެބަހުރި ކަމަށެވެ. އުއްމީދުކުރާވަރަށް ޓޫރިސްޓުން އަންނަ ވަރު އިތުރު ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއީ ނެގެޓިވް ކެމްޕެއިންގެ ސަބަބުން ދިމާވާ ކަންކަން ކަމަށާއި ކޮންސެލްޓެންޓުން މެދުވެރިކޮށް މާކެޓިންގެ ހަރަކާތްތައް ކުރިއަށް ނުގެންދާނަމަ މިހާރު ވަރަށް ބޮޑަށް ނެގަޓިވް ގްރޯތަށް ދިޔައީސް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ އަލްޖަޒީރާއިން ނެރުނު ރިޕޯޓަށްވުރެ މާ ޑެމޭޖިން ހެން ރާއްޖެއަކީ ޓެރަރިސްޓް ތަނެކޭ ބުނީމަ ލިބޭ ގެއްލުން، އެގޮތަށް ހުރި ކަންތައްތަކާއެކު ވެސް އަޅުގަނޑުމެން މިކުރާ މަސައްކަތުން ނަތީޖާ ނެރެވޭ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ.