ހަބަރު

ރާއްޖެ އަންނާނެ ކަމަށް ލަފާކުރި ޓޫރިސްޓުންގެ އަދަދު ދަށްކޮށްފި

"ވިޒިޓް މޯލްޑިވްސް އިޔާ"ގެ ދަށުން މި އަހަރު ރާއްޖެ 1.5 މިލިއަން ޓޫރިސްޓުން ގެނައުމަށް ހިފި އަމާޒު ރިވައިސްކޮށް އެ އަދަދު ދަށްކޮށްފި އެވެ. މިހާރު އެ އަދަދު ވަނީ 1.4 މިލިއަން ޓޫރިސްޓުންނަށް ބަދަލުކޮށްފަ އެވެ.

ޓޫރިސްޓުންގެ ދުވަހާ ގުޅިގެން، މިހާރު ދަރުބާރުގޭގައި، ކުރިއަށް ގެންދާ ފޯރަމްގެ މެދު ތެރެއިން ނޫސްވެރިންނާ ބައްދަލުކުރައްވާ މިނިސްޓަރު ޒަމީރު ވިދާޅުވީ، މި އަހަރު ރާއްޖެއަށް 1.5 މިލިއަން ޓޫރިސްޓުން ގެނައުމަށް އަމާޒު ހިފި ނަމަވެސް މިހާރު އެ އަދަދު ވަނީ ކުޑަކޮށްފައި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، މިހާރުގެ އަމާޒަކީ 1.4 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމުން ކަމަށެވެ.

އެގޮތަށް އަދަދު ދަށްކުރަން ޖެހުނީ ރާއްޖެއަކީ ޓެރަރިސްޓްގެ ބިރު އޮތް ތަނެއް ކަމަށް ބުނެ އިދިކޮޅު ފަރާތްކުން ބޭރު ގައުމުތަކުގައި ހިންގި ނެގަޓިވް ކެމްޕޭންގެ ނަތީޖާއެއް ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، މެދުއިރުމަތީގައާއި ފްރާންސް ފަދަ ގައުމުތަކުގައި ހިނގި ކަންކަމުގެ ސަބަބުން ވެސް އެ ސަރަހައްދުތަކުގެ މާކެޓް ދަށްވި ކަމަށެވެ.

"މި އަހަރު ޓާގެޓް އަޅުގަނޑުމެން މިހާރު ރިވައިސްކޮށްގެން މިއުޅެނީ 1.4 މިލިއަނަށް ރީޖްވާން، އަޅުގަނޑުމެންނަށް މި އަހަރު މި އައި މައިގަނޑު ޗެލެންޖްތަކަކީ އިދިކޮޅު ފަރާތްތަކުން ރާއްޖެއަކީ ޓެރަރިޒަމަށް މަގުފަހިކުރާ ތަނެއް ކަމަށް ޕްރޮމޯޓްކުރީމަ އެކަމުގެ އުނދަގޫ އައި، އޭގެއިތުރަށް މެދު އިރުމައްޗާއި އެހެން ސަރަހައްދުތަކުގައި ހިނގި ހާދިސާތަކާއި އަޅުގަނޑުމެންގެ ބޮޑު މާލެޓްތައް ކަމަށްވާ ޖާމަނީ ފްރާންސް ފަދަ ގައުމުތަކުގައި ހިނގި ހާދިސާތަކުން ވެސް ޝޮކް އައި، އެހެންކަމުން އަމާޒު ހިފި އަދަދަށް ވާސިލު ނުވެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ. "އެކަމަކު ރިވައިސްކޮށްގެން މި އުޅޭ 1.4 މިލިއަނަށް ވާސިލުވެވޭތޯ މަސައްކަތް ކުރަމުން މި ގެންދަނީ،"

މިނިސްޓަރު ވިދާޅުވީ އެ މައްސަލަތަކުގެ އިތުރުން އެއާޕޯޓްގެ ދަތިކަމާއެކު ވެސް ޓޫރިސްޓުން ގެނައުމުގައި ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ. ހަތް ގަޑިއިރަށް ކޮންމެ ދުވަހަކު އެއާޕޯޓް ބަންދުކޮށްފަ އޮންނަން ޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެއީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.