ހަބަރު

އެއާޕޯޓުތަކާ އެކު އުތުރަށް ރިސޯޓް އިންވެސްޓްމެންޓްތައް ގެންދެވޭނެ: މިނިސްޓަރު

އުތުރުގައި މި ސަރުކާރުން އަޅަން ނިންމާފައިވާ އެއާޕޯޓްތައް ގާއިމުކުރެވުމުން، އެ ސަރަހައްދަށް ރިސޯޓް އިންވެސްޓްމެންޓްތައް ގެންދެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ. ހއ. ހޯރަފުއްޓާއި ހދ. ކުޅުދުއްފުށި އަދި ށ. ފުނަދޫގައި އެއާޕޯޓް އެޅުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

މިއަދު ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ އެންމެ ބޮޑު އަމާޒެއް އޮތީ އުތުރުގެ އަތޮޅުތަކާއި އެންމެ ދެކުނަށް ޓޫރިޒަމް ގެންދިޔުމަށް ކަމަށެވެ. ހދ އަތޮޅަކީ ރާއްޖޭގައި ފަތުރުވެރިކަން ނެތް ހަމައެކަނި އަތޮޅެވެ.

ހާއްސަކޮށް ހދ. އަތޮޅުގައި މިހާތަނަށް އެއްވެސް ރިސޯޓެއް ގާއިމުކުރެވިފައިނުވަނީ އެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމް އޮތް ގޮތުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އުތުރުގައި އެއާޕޯޓް އޮތީ ހަމައެކަނި ހދ. ހަނިމާދޫގަ އެވެ.

"ކުޅުދުއްފުއްޓާއި ފުނަދޫގައި އެއާޕޯޓު އެޅިގެން ދިޔައީމަ އަޅުގަނޑުމެންނަށް ފުރުސަތު ލިބިގެންދާނެ އެ ސަރަހައްދަށް ޓޫރިޒަމް ގެންދަން، އެއާޕޯޓްތައް ގާއިމުކުރެވުމުން ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ އިންވެސްޓްމެންޓްތައް އެ ދިމާލަށް ގެންދިޔުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މިހާރުގެ އަމާޒަކީ އާ ރިސޯޓުތަކެއް ދޫކުރުމުގެ ބަދަލުގައި ހަދަން ފަށާފައިވާ ރިސޯޓްތައް ނިންމުން ކަމަށެވެ. އެގޮތުން ހދ. އަތޮޅުގައި ވެސް ހަދަން ފަށާފައިވާތާ ގިނަ ދުވަސްތަކެއްވީ ރިސޯޓްތަކެއް އެބަހުރި ކަމަށާއި އެ ރިސޯޓްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް މަސައްކަތްކުރައްވާ ކަމަށެވެ.

"ޒަމާންވީ ނުހެދި ހުރި ރަށްތައް ހެދޭނެ ގޮތެއް ވޭތޯ މި ބަލަނީ، އެގޮތުން ކުރެވުނު މަސައްކަތުގައި މި އަހަރު ވެސް ނުވަ ރަށެއް ހުޅުވިފަ، އަންނަ އަހަރު މި ބަލަނީ 20 ރަށެއް ހުޅުވޭތޯ، އެހެންވީމަ 2018 ވަނަ އަހަރުގެ މެދު ތެރެއަށް އަންނައިރު އަޅުގަނޑުމެންގެ ގަބޫލުކުރާ 50 ރަށް އެޗީވްކުރެވޭނެ، އުއްމީދުކުރަނީ އެއަށްވުރެ ވެސް ރަނގަޅުވާނެ ކަމަށް،" މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ، އުތުރުގެ ބައެއް ރަށްތައް ޕްރޮމޯޓްކޮށް، އެ ރަށްތަކަށް އިންވެސްޓްމެންޓް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.