ހަބަރު

އިސްލާހީ އެޖެންޑާއަށް ކޮމިޓީތަކުން އެއްބާރުލުން ދޭ: ޕީޕީއެމް

ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ ކޮމެޓީތަކުގެ ހާލަތު ބަޔާންކޮށްދިނުމަށް އެދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކޮމެޓީތަކަށް އެންގި އެންގުމަށް ޖަވާބުދާރީވެއްޖެ އެވެ. ކޮމެޓީތަކުން ވަނީ އެ ކޮމެޓީތަކުގެ ހާލަތު ޕީޕީއެމް އޮފީހަށް ބަޔާންކޮށްދީފަ އެވެ.

ޕީޕީއެމްގެ ޑެޕިއުޓީ އެސްޖީ އަބްދުލް އަލީމް މިއަދު ވިދާޅުވީ، ޕާޓީގެ ސުލޫކީ ކޮމެޓީ ފިޔަވައި އެހެން ހުރިހާ ކޮމެޓީތަކުން ޖަވާބު ދީފައިވާ ކަމަށެވެ. އެ ކޮމެޓީތަކުން ވަނީ ޕާޓީގެ ރައީސްގެ އިސްލާހީ ޕްރޮގްރާމަށް މަރުހަބާ ދަންނަވައި، އިސްލާހީ އެޖެންޑާގެ ޓައިމްލައިންނާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދަވާތީ ރައީސްއަށް ޝުކުރު އަދާކުރައްވާފައި ކަމަށް އަލީމް ވިދާޅުވި އެވެ.

"ކޮމެޓީތަކުން ވެސް ޓައިމްލައިން އަށް އެއްބާރުލުން ދޭނެ ކަމަށް އެންގެވި،" އަލީމް ވިދާޅުވި އެވެ.

އަލީމް ވިދާޅުވީ، ކޮމެޓީތަކުގައި ހުރި ދަތިތައް އެ ކޮމެޓީތަކުން ޕާޓީގެ އޮފީހަށް އަންގާފައިވާ ކަމަށެވެ. އެގޮތުން އިންތިހާބު ކޮމެޓީ އާއި އިސްތިއުނާފު ކޮމެޓީގައި ދެ މެންބަރަކު މަދު ކަމާއި ޕީޕީއެމް ޔޫތް ވިންގާއި އަންހެނުންގެ ވިންގަށް ފައިސާގެ ދަތިކަން ކުރިމަތިވެ އިވެންޓްތައް ނުހިންގިފައިވާކަން ފާހަގަކުރެއްވި ކަމަށެވެ.

މީގެއިތުރުން ޕާޓީގެ މަގާމުތަކުގައި ތިބި ބައެއް މެންބަރުން ޕާޓީގެ ގަވައިދާ ހިލާފަށް ކަންކަން ކުރަމުންދާތީ، މީޑިއާ ކޮމެޓީގެ މަސައްކަތް އެކަށީގެންވާ ގޮތަށް ކުރިއަށް ގެންދަން އުނދަގޫވެފައިވާ ކަމަށް ވެސް އަލީމް ވަނީ ވިދާޅުވެފަ އެވެ.

އަލީމް ވިދާޅުވީ، ކޮމެޓީތަކުގެ ތެރެއިން އިވެންޓް ކޮމެޓީގައި އެއްވެސް މައްސަލައެއް ނެތް ކަމަށް އެ ކޮމެޓީން އަންގާފައިވާ ކަމަށެވެ.