ހޮލީވުޑް

"ހައުސް އޮފް ކާޑްސް" ލިބިއްޖެތަ؟

"ހައުސް އޮފް ކާޑްސް" ނުބަލާ ނަމަ، މިއީ މި ޑްރާމާގެ ތެރެއަށް ގެއްލިގަތުމަށް އެންމެ މުނާސަބަތު ވަގުތެވެ. ސިޔާސީ ހަލަބޮލިކަމާ އެކު މާލެ ވެސް މި އޮތް ކެކިއަރަނީ އެވެ. "ހައުސް އޮފް ކާޑްސް" ގެ ފްރޭންކް އަންޑަވުޑްގެ ސިޔާސީ ހަޔާތް ވެސް އެ އޮތް ކެކިއަރަނީ އެވެ.

ނެޓްފްލިކްސް އިން މި ވަނީ "ހައުސް އޮފް ކާޑްސް" ސީޒަން ތިނެއްގެ 13 އެޕިސޯޑް މިއަދު ދޫކޮށްލައިފަ އެވެ. ފްރޭންކް އަންޑަވުޑްގެ ސިޔާސީ ކެރިއަރު އެނބުރި އައިއިރު މިދިޔަ އަހަރުގެ ސީޒަން ނިމުނު ގޮތަށާއި އާ ސީޒަން އެނބުރި އައިއިރު ފާހަގަކޮށްލެވޭ ބައެއް ކަންކަމަށް ބަލާލަމާ ހިނގާށެވެ.

އޭގެ ކުރިން "ހައުސް އޮފް ކާޑްސް" ގެ އާ ފޭނުންނަށް މި ޑްރާމާގެ ކުރު ތައާރަފެއް ވެސް ދޭން ޖެހޭނެއެއް ނޫން ހެއްޔެވެ؟ މިއީ ބީބީސީގެ މިނި ސީރީޒް "ހައުސް އޮފް ކާޑްސް" ގެ އަސްލަށް ނެޓްފްލިކްސް އިން ގެނެސްދޭ ސިޔާސީ ޑްރާމާ އެކެވެ.

މީގައި ދައްކުވައި ދެނީ ފްރޭންކް އަންޑަވުޑް ނަމަކަށް ކިޔާ "ސްމާޓް" ޕޮލިޓީޝަނަކު އާދައިގެ މަގާމަކުން ގައުމުގެ އެންމެ ބާރުގަދަ ސިޔާސީ މަގާމަށް ދަތުރުކުރާ ގޮތެވެ. ފްރޭންކް އަންޑަވުޑްގެ ރޯލު ކުޅެފައި ވަނީ ކެވިން ސްޕޭސީ އެވެ. އޭނާގެ ނުފޫޒުގަދަ އަނބިކަނބަލުންގެ ރޯލު ކުޅެފައި ވަނީ ރޮބިން ރައިޓް އެވެ.

ސީރީޒް ފެށިގެން އަންނައިރު އަންޑަވުޑަކީ ޑިމޮކްރެޓިކް ޕާޓީގެ ޕާލަމެންޓް މެމްބަރެކެވެ. ސީޒަން ދޭއް ނިމުމަކަށް އަންނައިރު އޭނާ ނާއިބު ރައީސް ކަމުގެ މަގާމުން ރައީސް ކަމުގެ ހުވާކުރައްވަނީ އެވެ. ސީޒަން ތިނެއްގައި ފްރޭންޑް އަންޑަވުޑަކީ އެމެރިކާގެ ރައީސެވެ.

ބެލެވޭ ގޮތުގައި މި ސީޒަނަކީ އަންޑަވުޑްގެ ސިޔާސީ ހަޔާތުގައި ކުރިމަތިވާނެ އެންމެ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ފަހަރެވެ. ފާއިތުވި ދެ ސީޒަނުގައި ފެނިގެން ދިޔައީ އޭނާގެ ސިޔާސީ ވިސްނުމާއި ކަތިލުންތަކެވެ. ނަމަވެސް ސީޒަން ދޭއް ނިމިގެން ދިޔައިރު އަންޑަވުޑްގެ ސިއްރުތަކެއް ބޭޒާރުކޮށްލެވޭ ވަރުގެ ލީޑެއް އޭނާގެ އަތް ދަށުން ދެމިގެން ގޮސްފައިވާކަން ފާހަގަކޮށްލެވެ އެވެ.

 

އޭނާގެ ހުރިހާ ޖަރީމާއެއް ހިންގާ ޑަގް ސްޓެމްޕާ ދަންމާލުމަށް ފަހު ރޭޗަލް ޕޯސްނާ ވަނީ ފިލައިފަ އެވެ. ކޮންގްރެސްމޭން ޕީޓަ ރުސޯގެ މަރުގެ ފަހަތުގައި އަންޑަވުޑްގެ އަތެއްވާކަން އެނގޭ އެކަކަކީ މި އަންހެން ކުއްޖާ އެވެ.

މީގެ އިތުރުން ވެސް ނިކަން ޝައުގުވެރިކުރުވަނިވި ލީޑްތަކެއް އާ ސީޒަނާ އެކު މި ވަނީ އެނބުރި އައިސްފަ އެވެ. އެހެންވީމަ ނެޓްފްލިކްސްގެ މި އާދަޔާހިލާފު ޝޯ މިހާރު ލިބިއްޖެ ހެއްޔެވެ؟