ވިޔަފާރި

އެމްޑަބްލިއުއެސްސީ ގެ ޝޯ ރޫމް ހުޅުވައިފި

މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ފެނާ ނަރުދަމާގެ ނިޒާމަށް ބޭނުންވާ ސާމާނުގެ ޝޯ ރޫމެއް މިރޭ މާލޭގައި ހުޅުވައިފި އެވެ.

މި ޝޯ ރޫމް ރަސްމީކޮށް ހުޅުވައިދެއްވީ އެންވާރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ. މި ޝޯ ރޫމުން ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތަށް ބޭނުންވާ ސާމާނާއި، އާރްއޯ ސްޕެއާޒް، ޕީވީސީ އަދި ޕައިޕް އާއި ފިޓިންގްސް ފަދަ ސާމާނު ދައްކާލަން ހުންނާނެ އެވެ. އަދި މި ޝޯ ރޫމުން ފެނުގެ ތަހުލީލުތައް ހެދުމުގެ ހިދުމަތްވެސް ލިބޭނެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ މި ޝޯ ރޫމް އިތުރަށް ފުޅާކުުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ. އަދި މި ޝޯ ރޫމް އިތުރަށް ފުޅާކުރުމަށްފަހު "ތާޒާ" ސޭލްސް އަށް މި ޝޯ ރޫމް ބަދަލުކުރާނެ ކަމަށް ވިދާޅުވި އެވެ.

މި ޝޯ ރޫމުން ލިބެން ހުންނަ ސާމާނަކީ އެމްޑަބްލިއުއެސްސީ އާ އެފިލިއޭޓްވާ ބްރޭންޑްތަކުގެ ކުންފުނިތަކުގެ ޕްރޮޑަކްޓްތަކެވެ. އަދި މިހާރު ހުރި ހުރިހާ ޔުޓިލިޓީ ސޮލިއުޝަންތައް މި ޝޯ ރޫމްގެ ދަށަށް ބަދަލުވެގެންދާނެ ކަމަށް ފަޒުލް ވިދާޅުވި އެވެ.

"މިތަނުގައި ހުންނާނެ ފެނާ ނަރުދަމާ ނިޒާމަށް ބޭނުންވާ ސާމާނު އަލިފުން ޔާ އަށް ލިބޭނެ. މި ޝޯ ރޫމްގެ ސްޓޯރޭޖް އަޅުގަނޑުމެން ގާއިމްކޮށްފައި އިންނާނީ ގުޅީފަޅުގައި. ބޭނުންވާ ސާމާނު ބޭނުންކުުރުމުގައި ރައްޔިތުންނަށް އެއްވެސް ކަހަލަ ދަތިކަމެއް ނާންނާނެ." ފަޒުލް ވިދާޅުވި އެވެ.

ފަޒުލް ވިދާޅުވީ އެމްޑަބްލިއުއެސްސީގެ ޕްރޮޖެކްޓްތަކުގެ ތެރެއަށް ސްޓޯމް ވޯޓާ ޕްރޮޖެކްޓްވެސް އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެމްޑަބްލިއުއެސްސީ އިން ވަނީ މިއަހަރުގެ މާޗް މަހުގެ ތެރޭގައި ރިޒޯޓުތަކަށް ހާއްސަކޮށްގެން ފެނާއި ނަރުދަމާ އަދި ކަރަންޓު ސޮލިއުޝަންސް ދޭ ހާއްސަ ޕެކޭޖުތަކެއް ތައާރަފްކޮށްފަ އެވެ.