ދިރިއުޅެމުންދަނީ ތޮއްޖެހިފައިވާ މާލޭގަ އެެވެ. ބޮޑު އަގުގައި ކުއްޔަށެވެ. އަބަދު ހުންނަން ޖެހެނީ ގޭގެ ކުލި ބޮޑުކަމުން އެކަމާ ހާސްވެފަ އެވެ. އެ ހާސްކަމަށް އިތުރު ހާސްކަމެއް އަންނަނީ އަހަރު ދެކޮޅުހެން ގެ ބަދަލުވާން ޖެހޭތީ އެވެ. ގޭގައި ހުންނަ ފަރުނީޗަރު ތަކާއި ގެންގުޅޭ އެހެނިހެން ސާމާނު އިތުރު ތަނަކަށް ބަދަލުކުރަން ޖެހޭތީ ކަންބޮޑުވެފަ އެވެ. އެތަކެތި ގެންދަން އުނދަގުވާނެ ތީ އެވެ. ލޯބިން އޮފް އަރުވައިގެން ގެންގުޅުނު ގިފްޓްތައްވެސް ގިނަ ފަހަރަށް ހުންނަނީ އާ ގެއަށް ބަދަލުވެ ހަމަޖެހޭއިރު އެއްޗެހި ބަދަލުކުރުމުގެ ތެރެއިން ހަލާކުވެފަ އެވެ.
ގެ ބަދަލުވާއިރު ހުންނަ ހާސްކަން ކުޑަކުރުމަށް ކުރެވިދާނެ ކިތަންމެ ކަމެއް އެބަހުއްޓެވެ. އެކަމަކުވެސް ކުރަންޖެހޭ ކަންތައް ގިނަވުމުގެ ސަބަބުން ފަހަށް ބެހެއްޓެނީ އެވެ. އެންމެ ފަހުން ވަގުތު އައިސް ޖެހޭއިރު އެއްވެސް ކަމެއް އޮންނަނީ ނުވެފަ އެވެ.
ދުރާލާ ޕެކް ކުރޭ
މިއީ ގެންގުޅޭ ސާމާނު ހަލާކުވުމަށް މެދިވެރިވާ އެއް ސަބަބެވެ. އެއްޗެހި ޕެކް ކުރަން ފެށެނީ އެންމެ ފަހު ވަގުތު އެެވެ. ހާސްވެ ބައެއް ފަހަރު އެއްޗެހި ޕެކް ކުރެވޭ ގޮތުންވެސް މެ އެވެ. އެހެންވީމަ އެންމެ ރަނގަޅު ގޮތަކީ ދުރާލާ ޕެކް ކުރުމެވެ. ކޮންމެހެން ގެއަށް ބޭނުންވާ ސާމަނު ފިޔަވާ ދެން ހުރި އެއްޗެހި ޕެކް ކުރާށެވެ. ހަފްތާއެއް ނުވަތަ ދެ ހަފްތާއެއް ކުރިން ފެށުން ރަނގަޅުވާނެ އެވެ. ހަމަޖެހިލައިގެން އެކަން ކުރުމުގެ ސަބަބުން އެންމެ ހިންހަމަޖެހޭ ގޮތަށް ކުރެވޭނެވެސްމެ އެވެ. އަދި އުކާލަން ބޭނުންވާ ސާމާނުވެސް ފަސޭހައިން ދެނެގަނެވި ބޭނުންވާ ސާމާނާ ބޭނުން ނުވާ ސާމާނުވެސް ވަކިކުރެވޭނެ އެވެ.
ހަނދާންކޮށް ފޮށިގަނޑުތަކުގައި ނަން ޖަހަންވާނެ އެވެ. އޭގައި ހުރީ ކޯއްޗެއްކަން ފަސޭހައިން ދެނެގަނެވޭނެ ގޮތަކަށެވެ. ބިއްލޫރި އެއްޗެހި ހުރި ފޮށިގަނޑުގައި ފަސޭހައިން އެނގޭނެހެން ނަން ޖަހާފައި ބެހެއްޓުމުން އެތަކެތި ބަދަލުކުުރުމުގައިވެސް ސަމާލުކަން ދެވޭނެ އެވެ. އަދި ބަދަލުކުރަން ފެށުމުގެ ކުރިން ފޮށިގަނޑުތަކާއި އެހެނިހެން ތަކެތި ލިސްޓުކޮށް ނަމްބަރެއް ޖަހާލާށެވެ. އާ ގެއަށް ބަދަލުވެ ހަމަޖެހިލައިގެން ބަލާއިރު އެއްޗެހި ހަމަވިޔަސް ހަމަ ނޫނަސް އެނގޭނީ އޭރުންނެވެ. އެއްޗެއް މަދުނަމަވެސް ހާސްކަން ކުޑަވެ މަދީ ކޯއްޗެއްކަން ފަސޭހައިން ދެނެގަނެވޭނެ އެވެ.
ކުދިން އެހެން ތަނަކަށް ގެންދޭ
ގެ ބަދަލުވާ ދުވަހު އެ ހުންނަ ސްޓްރެސް ކުޑަކުރަން މިއީ އެންމެ ރަނގަޅު އެއް ހައްލެވެ. ތިމާގެ އެހެން މީހެއްގެ ގެއަށް ނުވަތަ ރައްޓެއްސެއްގެ ގެއަށް އެދުވަހު ކުދިން ގެންދާށެވެ. އެކުދިންގެ ސަބަބުން އިތުރަށް ސްޓްރެސްވެ ސަމާލުކަން އެހެން ދިމާލަކަށް އެނބުރުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ އެެވެ. އެ ވާނުވާއެއް އެކުދިންނަކަށް ނުވިސްނޭނެ އެވެ. އެހެންކަމުން ލިބޭނީ އިތުރު ހާސްކަމެވެ. އާ ގެއަށް ބަދަލުވެ ހަމަޖެހިފައި ނޫނީ ކުދިން ގެންނާނެ ކަމެއް ނެތެވެ.
ވަރަށް މުހިންމު އެއް ކަމެެކެވެ. އާ ގެއަށް ބަދަލުވެ ހުރިހާ އެއްޗެއްސާއެކު އެގެއަށް ވަންނަ އިރު ޓޫލް ބޮކްސް އެއް ގެންދަންވާނެ އެވެ. ފަރުނީޗަރު ފަދަ އެއްޗަކަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައިވާނަމަ އެކަން މަރާމާތުކޮށްލަންވެސް ފަސޭހަވާނެ އެވެ.