ހަބަރު

އެމްއާރްޑީސީގެ ޗެއާމަންކަމުން ވޮލީ ރިޔާޒު އިސްތިއުފާ ދީފި

މޯލްޑިވްސް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)ގެ ޗެއާމަންކަމުން މުހައްމަދު ރިޔާޒު އިއްޔެ އިސްތިއުފާ ދެއްވައިފި އެވެ. މަގާމުން ރިޔާޒު އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނުވެ އެވެ.

ސަރުކާރު ކުންފުނިތައް ބަލަހައްޓާ، ޕްރައިވެޓައިޒޭޝަން ބޯޑްގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވީ، އެމްއާރްޑީސީގެ ޗެއާމަންކަމުން މުހައްމަދު ރިޔާޒު އިއްޔެ އިސްތިއުފާދީފައިވާ ކަމަށާއި އަދި އެ އިސްތިއުފާ ބަލައިގެންފައިވާ ކަމަށެވެ.

މުހައްމަދު ރިޔާޒު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ވަރަށް އަވަހަށް އެހެން ބޭފުޅަކު އައްޔަންކުރައްވާނެ ކަމަށް ނިޒާރު ވިދާޅުވި އެވެ.

ވަރަށް ފަހުން އެމްއާރްޑީސީގެ އެމްޑީ މަގާމުން އެ މަގާމުގައި ހުންނެވި އިބްރާހިމް ނަޒީމް ވެސް ވަނީ ވަކިކޮށްފަ އެވެ. އަދި އެ މަގާމަށް ކުރީގެ އެމްޓީސީސީގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމް ވަނީ އައްޔަންކޮށްފަ އެވެ.

ރިޔާޒު އެމްއާރްޑީސީއިން އިސްތިއުފާ ދެއްވިއިރު ވޮލީބޯޅަ އެސޯސިއޭޝަން، ވީއޭއެމްގެ ރައީސް ކަމުގައި ހުންނެވި މުހައްމަދު ރިޔާޒު އަލުން އިންތިހާބުގައި ވާދަ ނުކުރަން ވެސް ވަނީ ނިންމަވާފަ އެވެ.