ހަބަރު

ޖޭއެސްސީގެ މަގާމެއް ހުސްވެއްޖެ

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މަގާމެއް ހުސްވެއްޖެ އެވެ. އެ ކޮމިޝަނުގެ މަގާމެއް ހުސްވެފައިމިވަނީ ހައިކޯޓުން އެ ކޮމިޝަނަށް ކަނޑައަޅުއްވަވާފައި ހުންނަވާ މެންބަރު، ފަނޑިޔާރު އަބްދުﷲ ހަމީދުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.

ފަނޑިޔާރު އަބްދުﷲ ހަމީދު ޖޭއެސްސީއަށް އައްޔަންކޮށްފައިވަނީ 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު އެވެ. ދައުރެއްގެ މުއްދަތަކީ ފަސް އަހަރެވެ. އެހެންކަމުން ފަނޑިޔާރު އަބްދުﷲ ހަމީދުގެ ދައުރު މި މަހުގެ ހަތްވަނަ ދުވަހަށް ވަނީ ހަމަވެފަ އެވެ.

މި މަހުގެ ހަތްވަނަ ދުވަހުގެ ފަހުން ޖޭއެސްސީގެ ބައްދަލުވުމެއް ބާއްވަފައެއް ނުވެ އެވެ. އެހެންކަމުން ދައުރު ހަމަވުމަށްފަހު ފަނޑިޔާރު އަބްދުﷲ ހަމީދު އެ ކޮމިޝަނުގެ މަސައްކަތެއްގައި ބައިވެރިވަޑައިގެންފައެއް ނުވެ އެވެ.

ގާނޫނުގައިވާ ގޮތުން، ޖޭއެސްސީގެ މެންބަރެއްގެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި އެ މަގާމަށް ބޭފުޅަކު އައްޔަންކުރަން ޖެހޭނެ އެވެ. އަންނަ މަހުގެ ހަތްވަނަ ދުވަހަށް ޖޭއެސްސީގެ މަގާމެއް ހުސްވެފައިވާތާ 30 ދުވަހު ހަމަވާނެ އެވެ.

ޖޭއެސްސީއަށް ހައިކޯޓުން ކަނޑައަޅާ މެންބަރަކު އައްޔަންކުރަން ޖެހޭނީ ހައިކޯޓުގެ ފަނޑިޔާރުންގެ މެދުގައި ބާއްވާ އިންތިހާބަކުންނެވެ. މިހާރު ހައިކޯޓުގައި ތިއްބެވީ ހަތް ފަނޑިޔާރުންނެވެ. ތިއްބަވަން ޖެހެނީ ނުވަ ފަނޑިޔާރުންނެވެ. ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ބޭފުޅުން އައްޔަންކުރުމަށް ޖޭއެސްސީއިން ދަނީ މަސައްކަތްކުރައްވަމުންނެވެ.

ހައިކޯޓުން މިއަދު ބުނީ، ޖޭއެސްސީއަށް މެންބަރަކު ކަނޑައެޅުމަށް ހައިކޯޓު ފަނޑިޔާރުންގެ މެދުގައި އަދި އިންތިހާބެއް ބާއްވާފައިނުވާ ކަމަށެވެ.