ހަބަރު

މަޝްވަރާގައި ބައިވެރިވާނީ މަންދޫބާއެކު ކަމަށް އިދިކޮޅު ފަރާތްތަކުން އަންގައިފި

  • ސަރުކާރުން އެ ޝަރުތު ވަނީ ގަބޫލުކޮށްފައި
  • މަންދޫބަށް ރާއްޖެ ވަޑައިގެންނެވީ އަންނަ މަހު
  • އަންނަ މަސް ނިމުމުގެ ކުރިން މަޝްވަރާތައް ފަށަނީ

ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ބައިވެރިވާނީ، އދ ގެ ހާއްސަ މަންދޫބު ތަމްރަތް ސެމިއުލް މަޝްވަރާތަކުގައި ބައިވެރިވަޑައިގަންނަވާނަމަ ކަމަށް އެމްޑީޕީ އަދި އަދާލަތު ޕާޓީން ސަރުކާރަށް އަންގައިފި އެވެ. ކޮމަންވެލްތްގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕް ސީމެގުން ވަނީ އެއްވެސް ޝަރުތަކާ ނުލާ މަޝްވަރާތަށް ފެށުމަށް ގޮވާލާފަ އެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަޝްވަރާތަކުގައި އިސްކޮށް ސަރުކާރުގެ ފަރާތުން ހަމަޖައްސާފައިވާ މަންދޫބު، ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވީ، އެމްޑީޕީ އަދި އަދާލަތު ޕާޓީން ސަރުކާރަށް ފޮނުވި ސިޓީއެއްގައި މަޝްވަރާތަކުގައި ބައިވެރިވުމަށް ޝަރުތެއް ކަނޑައަޅާފައިވާ ކަމަށެވެ. އެ ޝަރުތަކީ އދ. ގެ މަންދޫބު މަޝްވަރާތަކުގައި ބައިވެރިކުރުން ކަމަށް ޝައިނީ ވިދާޅުވި އެވެ. ޝައިނީ ވިދާޅުވި ގޮތުގައި ސަރުކާރުން ވަނީ އެ ޝަރުތާ އެއްބަސްވެފަ އެވެ.

އިދިކޮޅު ދެ ޕާޓީން އެގޮތަށް ޝަރުތުކުރުމުން އދ.ގެ މަންދޫބަށް މަޝްވަރާތަކުގައި ބައިވެރިވަޑައިގަތުމަށް ދަންނަވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މަންދޫބު މިހާރު ހުންނެވީ އަމިއްލަ ދަތުރެއްގައި ކަމަށާއި އޮކްޓޯބަރު މަސް ތެރޭގައި އެ ދަތުރުން އެނބުރި ވަޑައިގެން ރާއްޖެ ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އަންނަ މަހު ޕާޓީ މަޝްވަރާތައް ފެށުމަށް ސަރުކާރުން ދަނީ މަސައްކަތްތައް ކުރަމުންނެވެ.

"އޮކްޓޯބަރު މެދެއްހާތާ ފެށޭނެ ކަމަށް މި ބަލަނީ މަޝްވަރާތައް، އދ.ގެ މަންދޫބު އަޅުގަނޑަށް އަންގާފައި އެބަ އޮތް އެމަނިކުފާނު އެނބުރި ވަޑައިގަންނަވާނީ އެހާތާ ކަމަށް، އަޅުގަނޑުމެން ސަރުކާރުން ބޭނުންވަނީ ވީހާވެސް އަވަހަކަށް ފައްޓަން، އެހެން ނަމަވެސް ޝަރުތުތެއް ކުރިމަތިނުކޮށް މަޝްވަރާތަކުގައި ބައިވެރިވުމަށް ސީމެގުން ގޮވާލާފައިވީ ނަމަވެސް އިދިކޮޅު ފަރާތްތަކުން ވަނީ ޝަރުތުތައް ކުރިމަތިކުރިވާފަ، އަޅުގަނޑުމެން ބޭނުންވަނީ ޝަރުތުތަކާ ނުލާ ކުރިއަށް ގެންދަން، އެހެން ނަމަވެސް އޮކްޓޯބަރު މަހުގެ މެދެއްހާތާ ފެށޭނެ ކަމަށް މި ބަލަނީ،" ޝައިނީ ވިދާޅުވި އެވެ.

މަޝްވަރާތައް ފެށުމަށް ސަރުކާރުގެ އެއްވެސް ޝަރުތެއް ނެތް ކަމަށާއި ސަރުކާރުން ބޭނުންވަނީ ހުރި މައްސަލަތަކާ ގުޅޭ ގޮތުން ވާހަކަ ދައްކައި ހައްލެއް ހޯދުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޝައިނީ ވިދާޅުވީ، މަޝްވަރާ ފެށުމުގެ ކުރިން މަޝްވަރާގެ ތެރެއިން ނިކުންނަން ޖެހޭނެ ނަތީޖާތަކަކީ ކޮބައިކަން ކަނޑައެޅުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށާއި ސަރުކާރުން ތިބީ ރައީސް މުހައްމަދު ނަޝީދާއި އެހެން ވެސް ބޭފުޅުންގެ ޖަލު ހުކުމަށް ލުއެއް ހޯދުމަށް ވާހަކަ ދެއްކުމަށް ތައްޔާރަށް ކަމަށެވެ.

"ވާހަކަ ދައްކަން ފެށީމަ އެނގިގެން ދާނެ ހައްލަކީ ކޮބައިކަން، އެއްވެސް މައްސަލައެއް ނެތް މައްސަލައަކަށް ހައްލެއް ބޭނުމެއް ނުވާނެ، އެހެންވީމަ ކޮންމެ ވެސް އެއް ފަރާތަކުން ގަބޫލުކުރަން ޖެހޭނެ މިއީ މައްސަލައެއް ނެތް ކަމެއް ނުވަތަ މައްސަލައެއް އޮތް ކަމެއްކަން، މައްސަލައެއް އޮތް ކަމެއް ނަމަ ސަރުކާރުން މިތިބީ ހުރިހާ ކަމަކަށް އެޑްރެސް ކުރަން،" ޝައިނީ ވިދާޅުވި އެވެ.