ހަބަރު

"ރާއްޖެ ކަނޑުން ވަގަށް މަސްވެރިކަންކުރުން މުޅިންހެން ހުއްޓިއްޖެ"

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގެ ބޯޓުތަކުން ވަގަށް މަސްވެރިކަން ކުރުން މިހާރު ގާތްގަނޑަކަށް ހުއްޓިވިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު ވިދާޅުވީ، އެކަން ހުއްޓުވުމަށް ސަރުކާރުން ގިނަ ގުނަ މަސައްކަތްތަކެއް ކޮށް ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އިކޮނޮމިކް ކައުންސިލުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝައިނީ ވިދާޅުވީ، ބޭރުގެ ބޯޓުތަކުން ރާއްޖޭގެ ސަރަހައްދުން މަސްވެރިކަން ހުއްޓުވުމަށް ސަރުކާރުން އެޅި އެންމެ މުހިންމު ފިޔަވަޅަކީ، ލޯންގްލައިން މަސްވެރިކަން ތައާރަފްކޮށްގެން ރާއްޖޭގެ އެކްސްކޫސިވް އިކޮނޮމިކް ޒޯން، އީއީޒެޑްގެ އެންމެ ދުރުން ވެސް މަސްވެރިކަން ކުރެވޭނެ ގޮތްތަކެއް ދިވެހި މަސްވެރިންނަށް ފަހިކޮށް ދިނުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ބޭޓުތައް ރާއްޖޭގެ އެސްއީޒެޑްގެ ތެރެއިން މަސްވެރިކަން ކުރެނީ އެސްއީޒެޑްގެ ދުރު ސަރަހައްދުތަކުން ދިވެހި މަސްވެރިން މަސްވެރިކަން ކުރުން މަދުވުމުގެ ސަބަބުން ކަމަށެވެ. އެހެން ނަމަވެސް ދިވެހި މަސްވެރިން އެސްއީޒެޑްގެ އެންމެ ދުރަށް ވެސް ދަތުރުކޮށް އެ ސަރަހައްދުތަކުން މަސްވެރިކަން ކުރަން ފެށުމުން އެ ފުރުސަތު އެކީހެން ބަންދުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ވަގަށް މަސް ގެންދިޔުމުގެ މައްސަލަ ވަރަށް ބޮޑަށް މިހާރު ވަނީ ކުޑަވެފައި. އަޅުގަނޑު ނުދަންނަވާނަން ފަހަރެއްގައި ބޯޓަކުން އައިސް މަސް ނުގެންދެއެކޭ، އަޅުގަނޑުމެންނަށް މިހާރު އެސްއީޒެޑްގެ އެންމެ ދުރަށް ގޮސްގެން ވެސް އެބަ މަސް ބޭނޭ. އެހެންވެ ބޭރުގެ ބޯޓުތަކަށް މިހާރު އެ ސަރަހައްދުތަކަށް ވަންނަން ޖެހިލުންވޭ،" މިނިސްޓަރު ވިދާޅުވި އެވެ. "މި ސަރުކާރު އައި ފަހުން އަޅުގަނޑުމެން އެންމެ ބޮޑަށް ކުރި ކަމަކީ މަސް ކަނޑުގެ ވީހާވެސް ދުރުގައި ވީހާވެސް ބޭރުގައި އީޒެޑާ ކައިރިއަށް އަޅުގަނޑުމެންގެ ބޯޓު ފަހަރު ނެރުނީ، ހާއްސަކޮށް ލޯންގްލައިންގެ މަސްވެރިކަން 100 މޭލް ބޭރަށް އަދި އީޒެޑްގެ ވެސް ބޭރަށް މަސްވެރިކަން ކުރެވޭ ގޮތަށް އަޅުގަނޑުމެން ފެސިލިޓޭޓް ކޮށްދިނީ،"

މިނިސްޓަރު ވިދާޅުވީ، އެކަމުގެ ސަބަބުން ބޭރުގެ ބޯޓުތަކަށް ވަގަށް މަސްވެރިކަން ކުރުމުގެ ފުރުސަތު ކުޑަވެފައިވާ ކަމަށެވެ. ރާއްޖޭގެ ބޯޓު ފަހަރު އެ ސަރަހައްދުގައި ހަރަކާތްތެރިވާތީ، ބޭރުގެ ބޯޓު ފަހަރުތަކުން އެ ސަރަހައްދަށް ނުވަންނަ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ދާ އަޅައިގެން ވަގަށް މަސްވެރިކަން ކުރާ ބޯޓެއް ދާ ނަގައިގެން ފިލަން ހަތަރު ގަޑިއިރެއް ވަރު ނަގާނެ ކަމަށާއި ރާއްޖޭގެ ބޯޓު ފަހަރުގެ ސްޕީޑް ހުންނަ ގޮތުން އެ ބޯޓު ފަހަރުތައް އަތުލައިގަތުމަށް މިހާރު ފަސޭހަ ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖޭގެ ކޯސްޑްގާޑުން ވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި އިންޑިއާއާ ގުޅިގެން ފުރިހަމަ މަަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ބޭރުގެ ފަރާތްތަކަށް އަޅުގަނޑުމެން މިހާރު ލައިސެންސެއް ވެސް ދުލެއް ނުކުރަން އެހެންކަމުން ދިވެހިންގެ ބޯޓު ފަހަރު މިހާރު ދިވެހިންގެ ކަނޑުގައި ހަރަކާތްތެރިވާނީ، އެހެނެއް ނޫން ރާއްޖޭގެ އީއީޒެޑްގެ ބޭރުން މައި ކަނޑުގައި ދާ އަޅައިގެން މަސްވެރިކަން ކުރާ ފަރާތްތަކުގެ ޝަކުވާ އަބަދުވެސް ލިބޭ، ދާ އަޅާ ބޯޓުތައް ވެސް އުޅޭ، އެއީ ރާއްޖެއަށް ހުއްޓުވޭނެ ކަމެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

އެފަދަ ގޮތަކަށް މަސްވެރިކަން ކުރުން ހުއްޓުވުމަށް ވެސް ރާއްޖެއިން އިސްނަގައިގެން އިންޑިއާ ކަނޑުގެ ގައުމުތަކާއެކު މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރު ވިދާޅުވި އެވެ. އަދި އެފަދަ ކަންކަން ހުއްޓުވޭނީ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ތެރެއިންކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ މަސްވެރިކަމާ ގުޅޭ އެކި ޖަމާއަތްތަކުގެ ތެރެއިން އެފަދަ ކަންކަމަށް ހައްލު ހޯދައިދެވޭތޯ ރާއްޖެއިން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.