ހަބަރު

މަސްދޯނިތައް އަޅަން ހާއްސަ ފަޅެއް ހަދަނީ

މަސްވެރިންނަށް ހާއްސަ ފަޅެއް މާލޭގައި ހެދުމުގެ މަސައްކަތްތައް ސަރުކާރުން ކުރަމުންދާ ކަމަށް އިކޮނޮމިކް ކައުންސިލުން މިއަދު ބުނެފި އެވެ. މި ފަޅު ހެދުމަށް ހަމަޖެހިފައިވަނީ މާލޭގެ ދެކުނު ފަރާތުގަ އެވެ.

އިކޮނޮމިކް ކައުންސިލުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ، ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވީ، މަސްވެރިންނަށް މާލޭގައި ބަނދަރެއް ދަތިކަން ވަރަށް ބޮޑަށް ވަނީ ކުރިމަތިވެފައި ކަމަށެވެ. އެހެންކަމުން މުޅި މާލެ ތަރައްގީކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން މަސްވެރިންނަށް ހާއްސަ ފަޅެއް ހަމަޖެއްސުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މާލޭގެ ދެކުނު ފަރާތުގައި ހަދަމުން މިދާ ބަނދަރުގެ މަސައްކަތް ނިމުމުން އެތާގައި މާލޭގައި ރަޖިސްޓްރީވެފައި މިތިބޭ މަސްވެރިންނަށް ހާއްސަ ފަޅެއް އޮންނާނެ،" ޝައިނީ ވިދާޅުވި އެވެ. މެރީ ބްރޯން ރެސްޓޯރަންޓާ ދިމާލުން މާލެ ފަޅު ހިއްކައިގެން އިންޑަސްޓްރިއަލް ވިލެޖެއް ތަރައްގީ ކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އަދި އެ ސަރަހައްދުން އިތުރު ނެރެއް ހަދައި ފަޅު ވެސް ވަނީ ބޮޑުކޮށްފަ އެވެ.

އިކޮނޮމިކް ކޮމިޓީގެ ޗެއާ އަހުމަދު ޒުހޫރު ވިދާޅުވީ، މަސްވެރިންގެ ފައިދާއަށާއި ރަށްތަކުގެ ލަފާފުރުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ގިނަ ބަނދަރުތަކެއް މިހާރު ސަރުކާރުން ހަދަމުންދާ ކަމަށެވެ.

މާލޭގެ ރަސްމީ ފާލަން އަލަށް ހަނދާ އެ ސަރަހައްދުގެ ފަޅުގައި އުޅަނދުތައް އެޅުން މަނާކުރުމުން މަސްދޯނިތަކަށް ވަނީ ޖާގައިގެ ދަތިކަން ކުރިމަތިވެފަ އެވެ. މާލެ ފަޅުން ޖާގައެއް ނުލިބިގެން މަސްދޯނިތަކުން އެނބުރި ދާން ޖެހޭ މައްސަލަ ބޮޑުވެފައިވެ އެވެ.