ހަބަރު

މިފްކޯ ރީސްޓްރަކްޗާ ކުރުމުން ބޭރުގެ ބޮޑެތި މާލީ އެހީ ލިބޭނެ: މިނިސްޓަރު

  • 20 މިލިއަން ޑޮލަރުގެ ޓްރޭޑް ފައިނޭންސް ހަމަޖެހިފައިވޭ
  • މިހާރު ކުންފުނި އޮތް ހާލަތުން އެހީވާން ބޭނުމެއް ނުވޭ
  • މަސްވެރިކަން ބިޒްނަސް މޮޑެލްއަކަށް ބަދަލު ކުރެވޭނެ

މިފްކޯ ރީސްޓަރަކްޗާ ކުރުމުން ބޭރުގެ ފަރާތްތަކުން ބޮޑެތި މާލީ އެހީތައް ދިނުމަށް ތައްޔާރަށް ތިބި ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ. އެގޮތުން އައިޑީބީގެ ޕްރައިވެޓް ސެކްޓާ އެހީވާ ގޮތްޕެއް ކަމަށްވާ އައިޓީއެފްސީއިން މިފްކޯއަށް 20 މިލިއަން ޑޮލަރުގެ ޓްރޭޑް ފައިނޭންސްއެއް ދިނުމަށް ތައްޔާރަށް އޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިފްކޯ، އެސްޓީއޯގެ ދަށަށް ބަދަލުކުރުމަށް ނިންމެވުމަށްފަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުނައްވަރު ވިދާޅުވީ، މަސްވެރިކަމުގެ ދާއިރާއަށް މިހާރު ހުރި ގޮންޖެހުންތައް ނައްތާލުމަށް މަސްވެރިކަމުގެ ދާއިރާގެ ވިޔާފަރި ބިޒްނަސް މޮޑެލަކަށް ހިންގުމަކީ މުހިންމު ކަމެއް ކަމަށާއި އެހެންކަމުން މިފްކޯ، އެސްޓީއޯގެ ދަށަށް ބަދަލުކުރަން ނިންމި ނިންމުމަކީ ބިޒްނަސް މޮޑެލަކަށް މަސްވެރިކަމުގެ ވިޔަފާރިތައް ހިންގުމަށް އެޅުނު ފުރަތަމަ ފިޔަވަޅު ކަމަށެވެ.

"މިއީ ވަރަށް ފައިނޭންޝަލީ ވަރަށް މުހިންމު ނިންމުމެއް، ބިޒްނަސް މޮޑެލަކަށް ފިޝަރީޒް އިންޑަސްޓްރީ ކުރިއަށް ނުދާތަން މި ފެންނަނީ، ކޮންމެ އަހަރަކު ސަރުކާރު ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް ސަބްސިޑީގެ ގޮތުގައި ދެމުންދާތަން މި ފެންނަނީ، މިކަން ހައްލުކުރުމަށް ގެނެވޭ ބިޒްނަސް މޮޑެލަށް އަަލުކުރުމަށް އެޅިގެންދާ ފުރަތަމަ ފިޔަވަޅު އެޅިގެން މި ދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އެކި އެކި ބޭންކްތަކުގައި މިހާރު ވެސް މިފްކޯގެ ގިނަ ދަރަނިތަކެއް އެބަހުރި ކަމަށާއި އެ ހުރިހާ ދަރަނިތަކަކަށް ސަރުކާރުން ޒިންމާވެ އެއަށް ޖަވާބުދާރީވާނެ ކަމަށެވެ. އަދި މިފްކޯގެ ރީސްޓްރަކްޗަރިން ހަދައި މައްސަލަތައް ހައްލުކުރާނެ ކަމަށެވެ.

"މިފްކޯއަށް ދަރަނި މައްޗަށް ދަރަނި އަރަމުން މިދަނީ، ދަރަނި އަދާނުކުރެވިގެން، އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ފިނޭންސް މިނިސްޓްރީގެ ފަރާތުން ފާޅުކުރާ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ބޭރުގެ އެހީއެއް ވެސް މިފްކޯއަށް ލިބެން އަންނަނީ، ރިސްޓްރަކްޗާ ކުރެވިގެން ކަމަށެވެ. އެގޮތަށް މަސައްކަތް ކުރެވިއްޖެ ނަމަ، ބޭރުގެ ފަރާތްތަކުން ވެސް މިފްކޯއަށް އެހީވާން ފައިސާގެ އެހީ ދިނުމަށް ތައްޔާރަށް ތިބި ކަމަށް ވިދާޅުވި އެވެ.

"ވަރަށް ފަހުން ވެސް އަޅުގަނޑުމެން ވާހަކަ ދެއްކިން ވަރަށް އިންޓަނޭޝަނަލް ބައެއް ކަމަށްވާ އައިޓީއެފްސީއާ، އައިޓީއެފްސީއަކީ އައިޑީބީގެ އާމެއް، އެ ބޭފުޅުންނަކީ ޓްރޭޑް ފައިނޭންސިން ދޭ ބައެއް، އެ ބޭފުޅުން ވެސް ތިއްބެވީ ފައިނޭންސެއް ދޭން ތައްޔާރަށް، އެކަމަކު ރީސްޓަކްޗާއެއް ނުކޮށް މިކަން ނެތް އަޅުގަނޑުމެންނަށް ކުރެވޭކަށް، އެ ބޭފުޅުން ވެސް ހަމަ މޯދެން 10، 20 މިލިއަން ޑޮލަރު ޓްރޭޑް ފައިނޭންސްއިން ދޭން ތައްޔާރަށް އެ ތިއްބެވީ، އެހެންނަމަވެސް މިހާރު މިފްކޯ އޮތް ހާލަތެއްގައި ނެތް އެއްވެސް ކަހަލަ ފެސިލިޓީސްތަކެއް ދެވޭކަށެއް ރީސްޓަކްޗާ ނުކޮށެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުން މިއަދު ހާމަކުރި ގޮތުގައި މިފްކޯއަށް 300 މިލިއަން ރުފިޔާގެ ގެއްލުމެއްގައި ހިންގަމުން އަންނަ ކަމަށެވެ. އަދި މާލީ މައްސަލަތަކުގެ ސަބަބުން ފަހުން ފައިސާ ދައްކާ ގޮތަށް މަސްވެރިންގެ އަތުން ނަގާފައިވާ މަހަށް، ދެ މިލިއަން ރުފިޔާ ދައްކަން އެބަ ހުއްޓެވެ. އަދި ކުންފުނި އެސްޓީއޯގެ ދަށަށް ބަދަލު ކުރީ، އެ ހުރިހާ ދަރަނިތަކެއް ދައުލަތުގެ ބަޖެޓުން ދައްކާ ހަލާސްކުރާ ގޮތަށް ކަމަށް އިކޮނޮމިކް ކައުންސިލުން ބުންޏެވެ. މިފްކޯއަށް ސަބްސިޑީގެ ގޮތުގައި ދައުލަތުގެ ބަޖެޓުން މިހާރު ވެސް ފައިސާ ދޫކުރެ އެވެ.