ރިޕޯޓް

ޔަހޫދީ ވެރިއަކު އަަވަހާރަވެގެން ބަންޑުންވި ޖަޒުބާތު!

އުސޫލާއި ހަމަ ދޫކޮށް، ޖަޒުބާތު ނަގައި އުނގަށް ލާ ނަމަ، އިޒްރޭލުގެ ކުރީގެ ރައީސް ޝިމޯން ޕެރޭޒް ނޫސްވެރިންގެ ސުރުހީގައި ކަތިލައި، މަރައި، ކޮށައިކުދިކޮށް ކުއްތާއަކަށް ކާން ދޭންވީ އެވެ. އެކަމަކު މުސްލިމުންގެ ގައިން ލޭ ބޯ ކަމަށް ބުނާ ޔަހޫދީ މީހާ އަށްވުރެން ނުބައިނުލަފާ ޖަނަވާރަކަށް މުސްލިމު އަޚާ ބަދަލުވެގަތީމަ، ހަގީގީ ޔަހޫދީއަކީ ކާކުކަން ވަކިކުރަން އެނގޭނީ ކިހިނަކުންތޯ އެވެ؟

މި ވާހަކައެއް ފަށަން މަޖުބޫރުވީ، އާލާސްކަންފުޅާ އުޅުއްވި ޝިމޯން ޕްރޭޒް މިދިޔަ ބުދަ ދުވަހު އަވަހާރަވުމާ ގުޅިގެން ދިވެހި މީޑިއާތަކުގައި ޖެހި ސުރުހީގައި އެބޭފުޅާ "އަވަހާރަވެއްޖެ" ކަމަށް ލިޔުމުން ޖަޒުބާތުގައި ކެކިއަރައިގަތް ބަޔަކު އައިސް ހަމައާއި އުސޫލު ދޫކޮށް އެ ލިޔުމެއް ލިޔުނު މީހުން ކަތިލައި، ނޫސްވެރިންގެ މިންގަނޑަށް ލެއިން ކުޅުޖެހީމަ އެވެ. -- ލީޑަރެއްގެ ހައިސިއްޔަތުން، ޝިމޯން ޕްރޭޒަށް ގަދަރާއި އިހްތިރާމް ދިނީމަ، ދިވެހިންގެ ތެރެއިން ވަރަށް ގިނަ ބަޔަކު އެއެންމެހާ ނޫސްވެރިން ސިފަކުރީ ރަތްލާޖެހި ޔަހޫދީންގެ ގޮތުގަ އެވެ.

އެކަމަކު މީގެ ފަސް ވަރަކަށް އަހަރު ކުރިއަށް ޖެހިލާކަމުގައި ވަނީ ނަމަ، ދިވެހިންނަކީ މިކަމުގައި މިޒާތަށް ޖަޒުބާތުގައި ޖެހި ހަމައިން ނެއްޓިގެން ދިޔަ ބައެއް ނޫނެވެ. ވަކިން ހާއްސަކޮށް ޣައިރު މުސްލިމު ލީޑަރަކަށް އުސޫލާއި ހަމައިން ދޭން ޖެހޭ ގަދަރާއި އިހްތިރާމް ނޫސްވެރިއެއްގެ ސުރުހީގައި ދީގެން އެކަން މައްސަލައަކަށްވެފައެއް ވެސް ނެތެވެ.

ނަމަވެސް ދިވެހި ބަހުގެ ދަރަޖަ ކުރުމުގެ އުސޫލު މިއަދު މި ވަނީ ބައެއްގެ މެދުގައި "ހަރާމް ހަލާލް" ކަނޑައަޅަން ޖެހޭ ވަރުގެ ބޮޑު މައްސަލައަކަށް ބަދަލުވެފަ އެވެ. ވަކިން ހާއްސަކޮށް، އިޒްރޭލު ނުވަތަ އެމެރިކާ ނުވަތަ ޔޫރަޕްގެ ގައުމެއްގެ ލީޑަރަކު ނުވަތަ އިސް ބޭފުޅަކަށް މުހާތަބުކޮށް ދަރަޖައިގެ ހަމަތައް ބަހުގައި ބޭނުންކޮށްފި ނަމަ ދިވެހިންގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް އެކަން މިހާރު ވަނީ ފާފަވެރިވާވަރުގެ ނުބައި ގޯހަކަށެވެ.

ނަމަވެސް ގުރުއާނާއި ހަދީސުން އެނގެން އޮތް މިންވަރުގައި، ދަރަޖަކުރުން ނުވަތަ ބަޔަކަށް ގަދަރުކޮށް އިހްތިރާމްކުރުމަކީ ހަރާމްކަމެއް ނޫނެވެ. އެކަމަކު މިއަދުގެ ދިވެހިންގެ މެދުގައި ދަރަޖަކުރުން ވެސް މި ވަނީ ދީނީ ކަމަކަށް ބަދަލުވެފަ އެވެ.

އިހްތިރާމާއި ގަދަރު ދެވެނީ ވަކި ދީނަކަށް ނިސްބަތްވެގެނެއް ނޫން!

މިއީ މި މައްސަލައިގައި ބަހުގެ ތަޖުރިބާކާރުންގެ ޖުމްލަ ހިޔާލު ހުރި ގޮތެވެ. އަދި ރާއްޖޭގެ މަޝްހޫރު އަދީބުންނާއި ދިވެހި ބަހުގެ އެކަޑެމީގެ ރައީސް އަޝްރަފް އަލީގެ ހިޔާލަކީ ވެސް މިއީ އެވެ.

އެކަމަކު މި ބޭބޭފުޅުންގެ ހިޔާލަށް ދިއުމުގެ ކުރިން، ދިމާވެގެން މި އުޅޭ މައްސަލައިގެ ދެ ތިން ރޮނގެއް އަދިވެސް އަޅައިލާނަމެވެ. ނޫސްވެރިކަމުގައި ބޭނުންކުރާ އާންމު މިންގަނޑަކީ މިއީ އެވެ. ރަސްމީ ހައިސިއްޔަތު ލިބިފައިވާ ފަރާތަކާ މުހާތަބުކޮށް ވާހަކަ ދައްކާ ނަމަ ނުވަތަ އެފަދަ ފަރާތަކަށް ރައްދުވާ ވާހަކައެއް ލިޔާ ނަމަ އެ ފަރާތަކަށް ދިވެހި ބަހުގެ ހަމައިން ދޭންޖެހޭ ގަދަރާއި އިހްތިރާމް ދީގެން ލިޔުމަކީ ލިޔުންތެރިން އަދި ނޫސްވެރިޔާގެ ޒިންމާއެކެވެ. ދުނިޔެ ވެސް ބަލައިގަނެފައިވާ ޕްރޮފެޝަނަލް މިންގަނޑަކީ މިއީ އެވެ.

އެހެންވީމަ އުސޫލެއްގެ ގޮތުން ބަލާއިރު، އިޒްރޭލުގެ އަނިޔާވެރިކަން ފެނިފައި އާންމު ރިއްޔިތު މީހާ ޖަޒުބާތުގައި ޖެހިގެން ހެއްދެވިނެހެއްދެވި އަށް ގޮވިޔަކަސް، ނޫސްވެރިޔާއަކަށް އޭނާގެ އާންމު ލިޔުންތަކުގައި އެބަހުރުވައެއް ބޭނުމެއް ނުކުރެވޭނެ އެވެ. މިއީ އަބަދުވެސް މިގޮތް އޮތް ގޮތެވެ.

އަޝްރަފް އަލީގެ ވާހަކަ އަކީ ވެސް މިއީ އެވެ.

"ވަރަށް ކުރިން ވެސް އޮތް ގޮތް އެއީ. މިއީ އެއްގޮތަކަށް ވެސް ދީނީ ކަމެއް ނޫން. މީހެއްގެ ދީނީ ގަބޫލު ކުރުމަށް ބަލައިގެނެއް ނޫން ދަރަޖަކޮށްފައި އެވަނީ. މަގާމެއްގެ ހައިސިއްޔަތުން އަބަދުވެސް ބޭނުންކުރަމުން އައި ގޮތް އެއީ،" އަވަސް އަށް ދިން އިންޓަވިއުއެއްގައި އަޝްރަފް ވިދާޅުވި އެވެ.

ބަހުގެ ތަޖުރިބާކާރެއް ކަމުގައިވާ އާދަމް ނަސީރު އިބްރާހިމް ވެސް ވިދާޅުވީ މިހެންނެވެ. އަދި ވަކި ބޭފުޅަކު ނުވަތަ މީހަކު ރައީސް ކަމުގައި ހުރުމުން ނުވަތަ ބޮޑުވަޒީރުކަމުގައި ހުރުމުން ދެ މީހަކަށް ނުވަތަ އެ ބޭފުޅަކަށް މާތްކޮށް ހިތަނީ ނޫން ކަމަށެވެ.

"ތިޔަ މައްސަލައިގައި، ދަރަޖަ ދެނީ މީހާއަކަށް ނޫން. ބޮޑުވަޒީރު [ނުވަތަ ރައީސް] ގެ މަގާމަށް ދަރަޖަ އެ ދެނީ. ކޮންމެ މީހަކު ބޮޑުވަޒީރުކަމުގައި ހުއްޓަސް އެގޮތަށް އެކަން އޮތީ. ކުރުކޮށް ދަންނަވަނީ ނަމަ، މާތް ކުރެވެނީ މަގާމޭ. މީހާއެއް ނޫނޭ،" އާދަމް ނަސީރު ވިދާޅުވި އެވެ.

ބަހުގެ މާހިރުން ވަނީ، ދިވެހި ބަހުގެ ދަރަޖަކުރުމަށް އަމާޒުވެފައިވާ ފާޑުކިޔުންތަކަށް ވެސް ރައްދު ދެއްވައިފަ އެވެ. އެ ބޭފުޅުން ވިދާޅުވަނީ ދަރަޖަކުރުމަކީ ދިވެހި ބަހުގެ ސަގާފަތުގައި އެންމެ ހައިސިއްޔަތު ބޮޑު އަދި ދިވެހިން އެންމެ ފަހުރުވެރިވާން ޖެހޭ ވެސް އެއް ސިފަ ކަމަށެވެ.

"ދަރަޖަ އަކީ ދިވެހި ބަހުގެ ސަގާފަތުގެ އެންމެ މޫރިތި ތަރިކަ. ދިވެހި ބަހުގެ އެންމެ ރީތި ފަރާތް އެއީ. ވަރަށް ބޮޑަށް ދިވެހި ބަހުގެ މުއްސަނދިކަން ފައުޅުކޮށްދޭ ކަމެއް ވެސްމެ،" އަޝްރަފް ވިދާޅުވި އެވެ.

"ދިވެހި ބަހުގައި ދަރަޖަކުރުމަކީ އެއްގޮތަކަށް ވެސް މީހުންގެ މެދުގައި ތަފާތުކުރުން ގެންގުޅުމެކޭ ނުބުނެވޭނެ. ކުރިން، ރަސްކަމުގެ ދުވަސްވަރު، ތަފާތުކުރުން އޮތަކަސް މިހާރު ދަރަޖައިގެ ބޭނުން ހިފަނީ މާތްކޮށް ހިތުމުގެ މަގުސަދުގައި. އާދައިގެ ސޮރަކު އިސް މަގާމަކަށް އަޔަސް މުހާތަބުކުރެވިގެން މި ދަނީ މާތްކޮށް."

ނަމަވެސް ގިނަ ދިވެހިންނާއި ދީނީ އިލްމުވެރިންގެ ހިޔާލު މިއާ އަދި ވަރަށް ވެސް ތަފާތެވެ.

އަގީދާ ހުއްޓުވާ އެއްޗަކަށް ބަސްވެގެން ނުވާނެ!

މިއީ މަޝްހޫރު ދީނީ އިލްމުވެރިޔާ، ޝައިހް އަހުމަދު ސަމީރު އިބްރާހިމް އެންމެ ކުރުކޮށް ދެއްވި ޖަވާބެވެ. އިތުރަށް ވާހަކަ ދައްކަވަމުން ޝައިހް ވިދާޅުވީ، އިޒްރޭލުގެ ކުރީގެ ރައީސް އަވަހާރަވި ޚަބަރުގެ ސުރުހީ އެބޭފުޅާ ލިޔުއްވި ނަމަ ލިޔުއްވާނީ "ޝިމޯން ޕެރޭޒް މަރުވެއްޖެއޭ" ބުނެ ކަމަށެވެ.

އެއީ ކީއްވެގެންތޯ ދެންނެވުމުން ޝައިހް ވިދާޅުވީ މިހެންނެވެ.

"އިޒްރޭލުގެ ރައީސް މަރުވެއްޖެއޭ ލިޔާނީ. އެއީ މަރުވޭތޯ ދުއާކޮށްކޮށް ތިބި މީހެއް އޭނައަކީ. އޭނަ ހަލާކުވޭތޯ. ދެން ކިހިނެއްތޯ އޭނާ އަވަހާރަވެއްޖެއޭ އަޅުގަނޑުމެން ލިޔާނީ. އަނިޔާ ލިބުނީމަ އަނިޔާ ލިބިފައިވާ މީހާ ބަދުދުއާކުރުން ހުއްދަވާނެ. އަދުއްވުން މަރުވީމަ އުފާކުރާނެ އަޅުގަނޑުމެން. އަބޫ ޖަހުލު މަރުވީމަ ރަސޫލާ ވެސް އުފާކުރެއްވި ދެއްތޯ؟،" ޝައިހްގެ ވާހަކަ ހަމަޖައްސާލެއްވީ މިގޮތަށެވެ.

އެއަށްފަހު ވިދާޅުވީ އުސޫލެއްގެ ގޮތުން ބަލާއިރު ދަރަޖަކުރުމަކީ މައްސަލައެއް ނޫން ކަމަށާއި އެހެން ނަމަވެސް މުސްލިމުންގެ މަޝްހޫރު އަދުއްވުންނާ މުހާތަބުކުރެވޭ ހިނދު ނުވަތަ ބެހޭ ގޮތުން ލިޔެވޭއިރު ދަރަޖައިގެ އެ އުސޫލު ހިފެހެއްޓުމަކީ އަގީދާ އަށް ހުރަސްއަޅާ ކަމެއް ކަމަށެވެ.

"އައިރު މުސްލިމަކަށްވީމައެއް ނޫން މި ބުނަނީ ބަހުގެ ދަރަޖަ ތަފާތުކުރަން ޖެހެއޭ. ދީނުގެ އަދުއްވުންނަށް ވީމަ. އަދުއްވުން އެއީ އިހްސާންތެރިން ކަމުގައި ބަލައިގެން ނުވާނެ،" ޝައިހް ސަމީރު ވިދާޅުވި އެވެ.

"ދަރަޖަ ކުރުމަކީ އެއްވެސް ހާލެއްގައި ދީނީގޮތުން އިންކާރުކުރެވޭނެ ކަމެއް ނޫން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި. ވިދާޅުވުމާއި ބުނުއްވުން ފަދަ ގޮތްގޮތަށް ދަރަޖަކުރުން މިއީ އަޅުގަނޑުމެންގެ ތެރޭގައި ދީނީ ގޮތުން އެއްވެސް ގޮތަކަށް އިންކާރުކުރެވިފައިވާ ކަންކަމެއް ނޫން"

"ދަރަޖަކުރަން ނުޖެހޭ ކަމަށް ގުރުއާނުގައި އާޔަތެއް ނުވަތަ ހަދީސެއް ނާންނަހާ ހިނދަކު އެކަމަކީ ޝަރީއަތާ ހިލާފު ކަމެއް ކަމަށް ގުރުއާނާއި ހަދީސުން ސީދާ ދަލީލުނުކުރެވޭހާ ހިނދަކު އެ އޮންނަ އާދަކާދައަކީ ޝަރުއީގޮތުން އިތުބާރުކުރެވޭ އެއްޗެއް"

"އެކަމަކު ޝަރުއީގޮތުން އަޅުގަނޑުމެންނަށް އެބަ މަނާކުރެއޭ އަޅުގަނޑުމެންނާ ހަނގުރާމަކުރާ ބަޔަކާ ބެހޭ ގޮތުން ޚަބަރާއި ވާހަކަ ފަތުރާއިރު އެގޮތަށް [މާތް ދަރަޖަކުރުން] ގެނެސްނުދިނުމަށް. މިސާލަކަށް ދިވެހި ރާއްޖެއާ ބަޔަކު ހަނގުރާމަކުރިޔަސް އެ ބަޔަކަށް މުހާތަބުކޮށް އެގޮތަށް [މާތްކޮށް ދަރަޖަ] ނުކުރާނެކަން ޔަގީން."

މިމޭރުމުން ވާހަކަ ދައްކަމުން ޝައިހް ވިދާޅުވީ، ދިވެހިންގެ މެދުގައި ބޮޑަށް މައްސަލައަކަށްވެގެން އުޅެނީ މުސްލިމުންނާ ހަނގުރާމަކޮށް، މުސްލިމުން ފާޅުގައި ކަތިލައި ޖަރީމާ ހިންގާ ބަޔަކަށް ދިވެހި ނޫސްތަކުގައި އިހްތިރާމާއި ގަދަރު ދޭތީ ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ. އެގޮތުން އިސްލާމީ އުންމަތާ އަދާވާތްތެރިކަމެއް ނެތް ޣައިރުމުސްލިމުންނަށް ސުރުހީތަކުގައި އަދި ލިޔުމުގައި އިހްތިރާމާއި ގަދަރު ދިނަސް އެއީ މައްސަލައެއް ނޫންކަން ވެސް ވެސް ފާހަގަކުރެއްވި އެވެ.

އެންމެ އާދައިގެ މީހާ ވެސް އަވަހާރަވާނީތޯ ނުވަތަ ދަރަޖަ އުވާލާނީތޯ؟

"އެ މާތް މުގައްދިސް ބިމުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް ގޮސް ހުންނަ ދިވެހި މީހާ ވަނީ މަރު. މުސްލިމުން ކަތިލައި ލޭ ބުއި އިޒްރޭލުގެ ރައީސް މި ވަނީ އަވަހާރަ،" ދަރަޖަކުރުމުގެ މިންގަނޑާ މެދު ހިތްހަމަނުޖެހޭ ވަރަށް ގިނަ މީހުން މި ދުވަސްކޮޅު ސޯޝަލް މީޑިއާގައި ފާޅުކުރާ ހިޔާލަކަށްވެފައި ވަނީ މިފަދަ ޖަޒުބާތެވެ.

މިއީ ޖަޒުބާތުގައި ޖެހުން ކަމަށް ނުވަތަ އިސްލާމީ ޖޯޝާއި ފޯރީގައި ޖެހުން ކަމަށް އަދީބުންނާއި ދީނީ އިލްމުވެރިން ވެސް ގަބޫލުކުރެ އެވެ.

"އީމާންތެރިކަން ބޮޑު މީހެއްގެ ހިތަށް ކިހިނެތްތޯ ކެތްވާނީ، މުސްލިމު އަހުންނާއި އުހުތުން ކަތިލައި މަރާފައިވާ މީހަކަށް އިހްތިރާމާއި ގަދަރު ދީގެން ދިވެހި މީޑިއާގައި ލިޔާ ނަމަ،" ޝައިހަކު ވިދާޅުވި އެވެ.

ވަރަށް ގިނަ ދިވެހިން މި މައްސަލައިގައި ޖަޒުބާތުގައި ޖެހިގެންދަނީ އިޒްރޭލު ނުވަތަ އެމެރިކާގެ ލީޑަރުންތަކަކަށް ގަދަރާއި އިހްތިރާމް ދެވޭ ހިސާބުންނެވެ. ޔަގީނަށް ވެސް އިޒްރޭލުގެ ޔަހޫދީ ދައުލަތާއި އެމީހުންނާ ގުޅިގެން އެމެރިކާ އިން މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކާ ހެދި ދިވެހިންގެ ހިތްތައް ވަނީ ކުދިކުދިވެގެންގޮސްފަ އެވެ.

މި ހާލެއްގައި ތިއްބައި، ހައްޖުވެރިއަކު މަރުވި ޚަބަރެއް އައުމުން ވެސް އެއްކަލަ ދަރަޖަކުރުމުގައި ތަފާތުކުރާ ކަމަށް ބުނާ ޖަޒުބާތުތައް ކެކިއަރައިގަނެ ރުޅިގަދަވަނީ އެވެ. އެހެންވީމަ ދިވެހި ބަހުގެ ދަރަޖަކުރުން އުވާލަންވީތޯ އެވެ؟

ދިވެހި ބަހުގައި ދަރަޖަކުރުން އުފެދި ތައާރަފްކޮށްފައި ވަނީ ސީދާ މީސްތަކުން ވަކި ގިންތިތަކަކަށް ބަހައި ފެންވަރުން އެމީހުން އަޅާކިޔުމަށެވެ.

"ބަހުގެ ގިންތިކުރުން ފެށުނީ ތަފާތުކުރުމަކުން ކަމަށް ވެދާނެ. ފެންނަން އެބައޮތް ތާރީޚުން ވެސް. އެކަމަކު މިހާރު ދަރަޖަ ބޭނުން މި ކުރަނީ ކަމޭހިތުމާއި އިހްތިރާމް އަދާކޮށް މާތްކޮށް ވާހަކަ ދެއްކުމުގެ ބޭނުމުގައި،" އާދަމް ނަސީރު ވިދާޅުވި އެވެ.

މި އުސޫލު ބަދަލުވެފައި އޮތަސް އަދިވެސް ބައެއް މީހުންގެ ނަޒަރުގައި ދިވެހި ބަހުގެ ދަރަޖައިގެ މައްސަލައަކީ ހަމަ ތަފާތުކުރުމެކެވެ. އަދި މިއީ މިއަދުގެ މުޖުތަމައުގައި ދޫކޮށްލަން ޖެހޭ ބަސްމަގެކެވެ. ނަމަވެސް ބަހުގެ މާހިރުން އެގޮތަކަށް އެއްބަހެއް ނުވެ އެވެ.

"ދަރަޖަ އުވާލުމަކީ ދިވެހި ބަސް ހަލާކުވެގެން ހިނގައިދާނެ ކަމެއް. އެ ކަމެއްގެ މުހިންމުކަން ނޭނގުމަކީ އެއްގޮތަކަށް ވެސް އެއެއްޗެއް އުވާލުމެއް ނޫން،" ބަހުގެ އެކަޑެމީގެ ރައީސް ވިދާޅުވީ މިހެންނެވެ.

އެހެންވީމަ ކާފަރުން "އަވަހާރަވެގެން" ބަންޑުންވާ މި "ޒަމާނީ" ޖަޒުބާތުގައި ކުށްވެރިއަކީ ކާކު ހެއްޔެވެ؟ އިޒްރޭލުގެ ޔަހޫދީ ލީޑަރުންނަށް، ނުވަތަ އާންމު ގިނަ ދިވެހިން ހިތްހަމަޖެހޭނެ ބަހުރުވައަކުން ބުނަނީ ނަމަ، ޔަހޫދީ މަކަރުވެރި، ލޭބޯ ލީޑަރުންނަށް ފަލަސްތީނުގެ ލީޑަރުން ބައިނަލްއަގުވާމީ މުޖުތަމައުގައި ކުރި އިހްތިރާމާއި ދިން ގަދަރު އަހަރެމެންގެ ސުރުހީއެއްގައި ދިނުމުން ދިވެހިންގެ އެކަކު އެކަކަށް ކާފަރަށް ގޮވާ ހިސާބަށް ދާން ޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ؟