- އަލްޝާލީއަށް އޮތް ޑިމާންޑް މަތި
- ދިވެހިންގެ މަގުބޫލުކަން ވަނީ އިތުރުވެފައި
- އުޅަނދު ހަދަނީ ރާއްޖެއާ ގުޅޭ ގޮތަށް
ސްކޫލް ނިންމުމަށް ފަހު އުމުރުން 20 އަހަރުގައި ފުރަތަމަ މަސައްކަތްކުރެއްވީ ގައުމީ ފެން ކުންފުނީގަ އެވެ. ޓެކްނިކަލް ޑިޕާޓްމަންޓުގަ އެވެ. އަދި މިފްކޯގައި ވެސް މަސައްކަތް ކުރެއްވި އެވެ. އަދި ރާއްޖޭގެ އެންމެ ބޮޑު ކްރޫޝިޕް "އައިލެންޑް އެކްސްޕްލޯރާ" ގައި ވެސް މަސައްކަތް ކުރެއްވި އެވެ. ލެގޯނާ ބީޗް ރިސޯޓުގެ ލޯންޗް ސެކްޝަންގެ މެނޭޖަރަށް ވެސް މަސައްކަތް ކުރެއްވި އެވެ. މީގެ އިތުރުން މީރު އައިލެންޑް ރިސޯޓުގެ ގެސްޓް ޓްރާންސްޕޯޓް މެނޭޖަރަށް ވެސް އުޅުއްވި އެވެ.
މި ރިސޯޓުގައި އުޅުއްވަމުން މެރިން އިންޖިނިއަރިންގެ ދާއިރާ އިން ތައުލީމް ހާސިލް ކުރެވި އެވެ. އަދި "ސަލްޓަންސް އޮފް ދި ޝީޒް" ގައި ވެސް ހިދުމަތް ކުރެއްވި އެވެ. މިއީ އަލް ޝާލީ މެރިން މޯލްޑިވްސްގެ އޮޕަރޭޝަންސް މެނޭޖަރު އިސްމާއީލް ޝަރީފު އެވެ.
ޝަރީފު އަލް ޝާލީ އަށް ވަޑައިގަތުމާއެކު މަލްޓިނޭޝަނަލް ކުންފުނީގެ މަސައްކަތް ރާއްޖޭގައި އެތަށް ގުނައެއް ފުޅާވެގެން ހިނގައްޖެ އެވެ. ކުންފުނިން އުޅަނދު ފަހަރު ގަންނަ މީހުންނަކީ މިހާރު ކަސްޓަމަރުންއެއް ނޫނެވެ. އަލްޝާލީ އާއިލާގެ މެންބަރުންނެވެ.
"އަލް ޝާލީ މެރިން އިން މި ނެރެނީ ޕްރޮޑަކްޓެއް ބޭނުންވާ ފަރާތައް ފޯރުކޮށް ދިނުމަށް. އެއާއެކު ބަލަނީ ކަސްޓަމަރަކީ އަޅުގަނޑުމެންގެ އަތުން ބޯޓު ގަތް މީހެއް ނޫނޭ. އާއިލީ މީހެކޭ. އަސްލު އަޅުގަނޑުމެންނާ ވަރަށް ގުޅުމެއް އޮންނާނެ. އަޅުގަނޑުމެންގެ އަމިއްލަ ޕްރޮޑަކްޓެއް ނޫނަސް ވަރަށް ގާތުން ހިދުމަތް ދޭނެ."
ޝަރީފު ވިދާޅުވި ގޮތުގައި އަލްޝާލީން ރާއްޖޭގެ ބާޒާރަށް ބޭނުންވާ އެންމެ މުހިންމު އުޅަނދުތައް ދަނީ ފޯރުކޮށްދެމުންނެވެ.
"އަލް ޝާލީއަކީ ރާއްޖޭގެ ރިސޯޓުތަކުގައި ބޭނުންކުރާ އުޅަނދުތައް ބަންނަ އެއް ބިލްޑާސް. ހާއްސަކޮށް އަޅުގަނޑުމެންގެ ދޯނިތައް. ދޯނިތަކަކީ ރިސޯޓުގެ ކޮންސެޕްޓަށް ބަލައިގެން ބަންނަ އެއްޗެއް. އަލް ޝާލީގެ ދޯނި ތަކަކީ އެންމެ ސްޕީޑް ރަނގަޅު ދޯނި. ހިއެއް ނުވޭ ރިސޯޓު މާކެޓުގައި މިއަށްވުރެ ސްޕީޑް ބާރު ދޯނި ފަހަރު ހުންނާނެ ހެނެއް. އަޅުގަނޑުމެންގެ ލޯންޗް ފަހަރުތައް ވެސް ފުދޭ ވަރަކަށް ގިނަވާނެ،" ޝަރީފު ވިދާޅުވި އެވެ.
"ފުރަތަމަ ބަންނަމުން ދިޔަ ލޯންޗް ފަހަރު ހުއްޓާލީ. އެހެން ޕްރޮޑަކްޓަކަށް ދިޔައިން. ނަމަވެސް މީގެ މާކަގިނަ ޕްރޮޑަކްޓެއް އަދިނެތް. މިހާރު އަލްޝާލީ މެރިންއިން ގެސްޓް ހައުސްތަކާއި އާއްމު ފެރީ ކުރުމަށް ހާއްސަ ލޯންޗްތައްވެސް ލިބޭނެ."
އޭނާ ވިދާޅުވީ ރާއްޖޭގައި އެންމެ މަގުބޫލުކަން ބޮޑީ ކަނޑަށް ގަދަ އުޅަނދު ފަހަރަށެވެ.
"އެންމެ ޑިމާންޑް ބޮޑީ ކަނޑަށް ގަދަ އުޅަނދު ފަހަރު. ރާއްޖޭގައި ވަރަށް ބަލާ ސްޕީޑް. އެކަމަކު މީގައި ވާގޮތަކީ ސްޕީޑާއި ކޮންފޮޓަބަލް އެއްކޮށްގެން އެއްޗެއް ނުހެދޭނެ. އެކަމަކު އަޅުގަނޑުމެންގެ ހަލްތަކަކީ ސްޕީޑާއި ސްޓެބިލިޓީ ރަނގަޅުވާނެ. މިކަން ކަސްޓަމަރުން ވަރަށް ފާހަގަ ކުރޭ. ހާއްސަކޮށް ޑައިވިން ދޯންނާއި އުޅަނދު ފަހަރުތައް ހިމެނޭ،" ޝަރީފު ވިދާޅުވި އެވެ.
އެ ކުންފުނިން އަންނަނީ ރާއްޖޭގެ ބާޒާރުގެ ހުރިހާ ދާއިރާއަކަށް ހެޔޮވަޅު އުޅަނދު ފަހަރު ބަންނަމުންނެވެ،
"ގެސްޓްހައުސްތަކަށް ވަރަށް ކުދި އުޅަނދުން ފެށިގެން ބޮޑެތި އުޅަނދު ފަހަރުވެސް މިހާރު ބޭނުންވޭ. މިސާލަކަށް ވ.ތިނަދޫ. އެރަށުގައި އެބަހުރި ގާތްގަނޑަކަށް 50 ކޮޓަރީގެ ގެސްޓްހައުސްތައް. އެ ރަށު ގެސްޓްހައުސްއަކުން އެބަހުރި އަޅުގަނޑުމެންގެ އަތުން ދެ ދޯނި ގެނެފައި. ގެސްޓްހައުސް ތަކުން ކުދި އަދި ބޮޑެތި އުޅަނދު ފަހަރު ވެސް. ކުދި އުޅަނދު ފަހަރާއި ބޮޑެތި އުޅަނދު ފަހަރު ވެސް އަޅުގަނޑުމެންގެ އަތުގައި އެބަހުރި،" ޝަރީފު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަތުގައި އެބަހުރި 15 ފޫޓާއި 21 ފޫޓުގެ ލޯންޗް. މީގެ އިތުރުން 24 ފޫޓުގެ ލޯންޗް. އަދި ޕެސެންޖަރުން އުފުލާ 24 ފޫޓުގެ ލޯންޗް ވެސް އެބަ ހުރި. އަސްލު 24 ފޫޓަކީ އެންމެ ރަނގަޅު ސައިޒު ރާއްޖެ އަށް. ރާއްޖޭގެ ކަނޑުތަކުގެ ރާޅު ތަކަށް ބަލާފައި."
އޭނާ ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް އަންނަ ބަދަލުތަކާއެކު ވިޔަފާރި ފުޅާވަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާހަގަ ކުރެވޭ މާކެޓު ފުޅާވަމުންދާކަން. ވަރަށް ބޮޑެތި ބަދަލުތަކެއް އާދެ އެބަ. ހާއްސަކޮށް ގެސްޓްހައުސްތައް. ކޮންމެ ގެސްޓްހައުސްއަކީ ކްލައިންޓުންނަށް ހިދުމަތްދޭން ލޯންޗް ބޭނުންވޭ. އެހެންވެ މަސައްކަތްކުރާ ސްޕޭސް ބޮޑު ކުރަމުން މިދަނީ. މިހާރު ލިބިފައި ހުރިތަން ވެސް،" ޝަރީފު ވިދާޅުވި އެވެ.
ރާއްޖޭގައި ލޯންޗް ފަަހަރު ބަނުމުގައި ކަނޑުގައި ރާޅު ހުރި ގޮތަށް ބަލާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
"ކުދި ލޯންޗް ފަހަރަށް ބަލާއިރު އެންމެ ރަނގަޅަކީ 24 ފޫޓު. މި ރަނގަޅުވަނީ ރާޅު ހުންނަ ގޮތަށް ބަލާފަ. ވާގިތަކީ 24 ފޫޓުވީމަ ރާއްޖޭގައި ރާޅު ހުންނަ ސައިޒު،" ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ކުންފުނިން ބޭނުންކުރާ ޕްރޮޑަކްޓްތަކަކީ ދުނިޔޭގެ ބާޒާރުގައި ހުރި އެންމެ މޮޅެތި ބާވަތްތައް ކަމަށެވެ. ގާތްގަނޑަކަށް މިލިއަން ޑޮލަރުގެ މި އިންވެސްޓްމަންޓުގެ އެންމެ ބޮޑު އިތުބާރަކީ ކަސްޓަމަރުންނަށް ދޭ ކޮމިޓްމަންޓާ އެއްގޮތަށް މަސައްކަތް ނިންމުން ކަމަށް ޝަރީފު ދެކެ އެވެ.
"ބޯޓު ބަންނުމުގައި ބޭނުންކުރާ އެއްޗިހި އޯޑަރު ދިނީމަ އުފައްދަން ފަށަނީ. އެ ނުހުންނާނެ ތައްޔާރު ކޮށްފައެއް. މިސާލަކަށް ތިން މަހުގެ ނޫނީ ހަތަރު މަހުގެ އޯޑަރު ތަކަށް ބަލައިގެން މި ހައްދަނީ. އެހެންވީމަ މިގޮތަށް ކުރަން ބަލާއިރު އެހާ އަވަހަށް މެޓީރިއަލެއް ނުލިބޭނެ. މި ހުރިހާ އެއްޗހިވެސް އިމްޕޯޓް ކުރަނީ ބޭރުން. ހުރިހާ އެއްޗިއްސަކީ ވެސް އައިއެސްއޯ ސްޓޭންޑަޑްގެ އެއްޗިހި،" ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި މަސައްކަތުގައި ރާއްޖޭގައި ބޮޑެތި ގޮންޖެހުންތައް ހުންނަ ކަމަށެވެ. މިގޮތުން އަންނަ އެއް ގޮންޖެހުމަކީ ބައެއް ބޯޓު ބިލްޑަރުން ކޮލިޓީ ނުހިފެހެއްޓުން ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"އެއް ބަޔަކު އަކަފޫޓެއް 24ރ. އަށް ދޭއިރު އަނެއް ބަޔަކު 10ރ. އަށް ދިނުން. މިހާބޮޑު ވޭރިއޭޝަނެއް އިނީމަ ދަނީ އަގު ހެޔޮ ދިމާލަށް. މީހުން ހިއެއް ނުކުރާނެ ކޮލިޓީގައި މައްސަލައެއް އުޅޭނެ ކަމަށް. އެކަމަކު ފަހުން މައްސަލަ ޖެހިފައި އެބަހުރި. އަޅުގަނޑުމެންގެ އޮތް އެޑްވާންޓޭޖަކީ ވޮރަންޓީއެއް ދިނުން،" ޝަރީފު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހަމައެކަނި ބޯޓު ބިލްޑް ކުރަނީއެއް ނޫން. އެހެން ފަރާތްތަކުގެ ބޯޓުތައް މަރާމާތުވެސް ކޮށްދެން. އަޅުގަނޑުމެން މަރާމާތު ކޮށްދެން. ހިއެއް ނުވޭ އަލްޝާލީ މެރިން ވަރަށް މަރާމާތު ކޮށްދޭނެ ބަޔަކު އުޅޭނެ ހެނެއް."