ހަބަރު

ފިންގަޕްރިންޓް ނެތް މެންބަރުން ޕާޓީން ވަކިވާނެކަން އެންގީ ރަނގަޅަށް: ހުކުމް

  • އެ އެންގުމަށް ގާނޫނުން ބާރު ލިބޭ
  • ފިންގަ ޕްރިންޓް ހަމަކުރުން އޮކްޓޯބަރު 11 އަށް
  • ފައިސާ ދޫކުރުން ލަސްވީ ވެސް މި މައްސަަލައިގައި

ފިންގަޕްރިންޓް ނެތް މެންބަރުން ޕާޓީތަކުން ވަކިވާނެ ކަމަށް އިލެކްޝަންސް އިން ޕާޓީތަކަށް އެންގީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ސިވިލް ކޯޓުން އެގޮތަށް ހުކުމް ކުރީ ޕާޓީގެ މެންބަޝިޕް ފޯމްގައި ފިންގަޕްރިންޓް ނުޖަހާ ހުރި، މެންބަރުން ޕާޓީ އިން ވަކި ކުރާނެ ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނުން އެންގި އެންގުން ބާތިލް ކޮށްދިނުމަށް އެދި އެމްޑީޕީ އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެވެ. މައްސަލާގެ ތެރެއަށް ޑީއާރްޕީއިން ވެސް ވަދެފައިވެ އެވެ.

އެ މައްސަލައިގައި ސިވިލް ކޯޓްގެ ގާޒީ، އަލީ އަބްދުﷲ މިއަދު ކުރެއްވި ހުކުމުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކުގެ ހުރިހާ މެންބަރުންނަކީ ފިންގަޕްރިންޓް ވެރިފައި ކުރެވިފައިވާ މެންބަރުންނަށްވުމަށް ލާޒިމުކޮށްފައި އޮންނަ ބައެއްކަން ސިޔާސީ ޕާޓީގެ ގާނޫނަށް ގެނައި އިސްލާހުން އެނގެން އޮންނަ ކަމަށެވެ.

އެމްޑީޕީ އާއި ޑީއާރްޕީގެ މެންބަރުންގެ ތެރެއިން ފިންގަޕްރިންޓް ނެތް މެންބަރުން ފިންގަޕްރިންޓް ޖަހައި މެންބަޝިޕް ފޯމް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން އަންގާފައިވާކަން ވެސް ހުކުމުގައި ވަނީ ފާހަގަކޮށްފަ އެވެ.

އަދި، އެ ތާރީހަށްފަހު ޕާޓީގެ މެންބަރުންގެ ގޮތުގައި ބެލެވޭނީ ފިންގަޕްރިންޓާއެކު މެންބަޝިޕް ފޯމް ހުށަހަޅާފައިވާ ފަރާތްތައް އެކަނި ކަމަށް ބަޔާންކޮށް މިދިޔަ އަހަރުގެ ޖުލައި މަހުގެ ހަވަނަ ދުވަހުގެ ތާރީހް ޖަހައި އިލެކްޝަންސް ކޮމިޝަންއިން އެމްޑީޕީ އަދި ޑީއާރްޕީއަށް ސިޓީއެއް ފޮނުވާފައިވާ ކަން އެނގެން އޮންނަ ކަމަށް ހުކުމުގައިވެ އެވެ. އަދި އެ ސިޓީއަކީ ގާނޫނު އަސާސީއާ ހިލާފަށް އަޅާފައިވާ ފިޔަވަޅެއް ކަމަށް ބެލޭނެ ހަމައެއް ނެތް ކަމަށް ވެސް ހުކުމުގައިވެ އެވެ.

އެހެންކަމުން އިލެކްޝަން ކޮމިޝަނުން އެ ދެ ޕާޓީއަށް އެންގި އެންގުމަކީ ގާނޫނު އަސާސީއާ ހިލާފަށް އަޅާފައިވާ ފިޔަވަޅެއް ނޫން ކަމަށް ކަނޑައަޅައި، އިލެކްޝަން ކޮމިޝަނުގެ ސިޓީއަކީ ބާތިލު ސިޓީއެއް ކަމަށް ކަނޑައެޅެން ނެތް ކަމަށް ބުނެ ވަނީ ހުކުމްކޮށްފަ އެވެ.

މީގެ މަހެއްހާ ދުވަސް ކުރިން އަލަށް ތަސްދީގު ކުރި އިސްލާހުގައި ބުނެފައިވަނީ ގާނޫނު ތަސްދީގު ކުރާތާ މަސް ދުވަސް ތެރޭގައި އެ މީހަކު ނިސްބަތްވާ ޕާޓީއަށް ފިންގާ ޕްރިންޓް ހުށަހަޅަން ޖެހޭނެ ކަމަށާއި އެ މުއްދަތު ތެރޭގައި ފިންގާ ޕްރިންޓް ހުށަހަޅާފައި ނުވާ ފަރާތްތައް ޕާޓީން ވަކިވާނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ދޫކުރުމުގައި ރިއާޔަތް ކުރަންވާނީ، އެ މުއްދަތުގެ ތެރޭގައި މައުލޫމާތާއި ތަކެތި ހުށަހެޅި ޕާޓީތަކުގެ ދަފްތަރުތަކަށް ކަމަށް އިސްލާހުގައިވެ އެވެ.

އިނގިލީގެ ނިޝާން ނެތް މެންބަރުންގެ އިނގިލީގެ ނިޝާން ހޯދުމަށް މަސް ދުވަހުގެ މުއްދަތެއް ދިނުމަށް އިލެކްޝަން ކޮމިޝަނުން މިހާރު ނިންމާފައިވާއިރު އަންނަ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު މި ފުރުސަތު ބަންދުކޮށް، އެ މުއްދަތުގައި އިނގިލީގެ ނިޝާންއާއެކު ހުށަހަޅާ މެންބަރުންއާއެކު ދަފުތަރު އަލުން އެކުލަވާލާނެ އެވެ.