ހަބަރު

ބޯހިޔާވަހިކަމަށް ހާއްސަ ބީއެމްއެލް އިސްލާމިކްގެ ދެ ޕްރޮޑަކްޓެއް ނެރެނީ

ބޭންކް އޮފް މޯލްޑިވްސް އިސްލާމިކްގެ ދެ ޕްރޮޑަކްޓެއް އަންނަ މަހު ނެރޭނެ ކަމަށް އެކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ އެންޑްރިއު ހީލީ ވިދާޅުވެއްޖެ އެވެ.

ބީއެމްއެލް އިސްލާމިކް ހެޑް ކުއާޓާޒް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހީލީ ވިދާޅުވީ ރާއްޖޭގައި ހައުސިން ފައިނޭންސަށް ޑިމާންޑް ބޮޑުވަމުންދާ ދަނޑިވަޅެއްގައި، ބީއެމްއެލް އިސްލާމިކް އިން ފުރަތަމަ ތައާރަފްކުރާ ފައިނޭންސިން ޕްރޮޑަކްޓްތަކަކީ ބީއެމްއެލް އިސްލާމިކް ހޯމް ޕާޗޭސް އާއި ބީއެމްއެލް އިސްލާމިކް ހޯމް ކޮންސްޓްރަކްޝަން ކަމަށެވެ.

އެގޮތުން ހޯމް ޕާޗޭސް އަމާޒުކުރެވިގެން ދާނީ އަލަށް ގެދޮރު ގަންނަން ބޭނުންވާ ދިވެހިންނަށް ކަަމަށާއި އޭގެ ތެރޭގައި މާކެޓަށް އަލަށް ތައާރަފްކުރުމަށް ހަމަޖެހިފައިވަނީ އިސްލާމީ ޝަރީއާޔާ އެއްގޮތަށް ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޕްރޮޑަކްޓެއްގެ ގޮތުގައި ކަމަށެވެ. އަދި ވިދާޅުވީ ހޯމް ކޮންސްޓްރަކްޝަން އަމާޒުކުރެވިގެން ދާނީ އަމިއްލަ ފަރުދުންނާއި އާއިލާތަކުން އެ ފަރާތެއްގެ އަމިއްލަ ގެދޮރު ހެދުމަށް ބޭނުންވާ ފައިނޭންސް ހޯދަން މަގުފަހި ކުރުމުގެ ގޮތުން ކަމަށެވެ.

"ގެދޮރުވެރިކަމަށް ބޮޑު ޑިމާންޑެއް ރާއްޖޭގައި އޮންނަ އިރު މި އިސްލާމިކް ހޯމް ފައިނޭނެސް މެދުވެރިކޮށް ގިނަ ބަޔަކަށް ބޭނުންވާ ބޯހިޔާވެހިކަން ކަޝަވަރުވެގެންދާނެ ކަން ޔަގީން،" ހީލީ ވިދާޅުވި އެވެ.

ބީއެމްއެލްއިން މިރޭ ވަނީ އެކުންފުނީގެ ބާޒާރު ބްރާންޗް، ހިންގި ސީޓްރެކްސް ބިލްޑިންގް، ބީއެމްއެލްގެ އިސްލާމިކް އަށް ހާއްސަ ބްރާންޗަށް ބަދަލުކޮށްފަ އެވެ. އަދި އިސްލާމިކް ފައިނޭންސްގެ ހުރިހާ ހިދުމަތްތައް އެތަނުން ލިބޭނެ ކަމަށް އެކުންފުނިން ބުންޏެވެ. ބީއެމްއެލް އިސްލާމިކް ބްރާންޗް ހުޅުވި ނަމަވެސް އަތޮޅުތަކުގަ އާއި މާލޭގައި ހުންނަ އެހެން ބްރާންޗްތަކުން ވެސް އިސްލާމިކް ބޭންކިންގެ ހިދުމަތްތައް ބޭނުންވާ ކަސްޓަމަރުންނަށް ލިބޭނެ އެވެ.