އަވަސް ވީކެންޑް

ފެލިވަރު މަހުގެ ހުރިހާ ރަހައެއް އެނގޭ މީހާ!

Sep 30, 2016
  • އެއް ވަޒީފާގައި 39 އަހަރު
  • ހިދުމަތް ކުރުމުގައި މިސާލެއް
  • ޒުވާނުން ފެލިވަރަށް އަރަން އެދޭ

އެންމެންނާ ވެސް ވަރަށް ގުޅޭނެ އެވެ. ފެންނަ ކޮންމެ މީހަކާ ވެސް ބައްދަލު ކުރާނީ ހިނިތުންވެ ހުރެ އެވެ. ސާދާ އަދި ސަމާސާ މިޒާޖެއްގެ ވެރިއެކެވެ. ފެލިވަރުގެ ވަޒީފާގައި އުޅޭތާ އަންނަ އަހަރަށް 40 އަހަރު ފުރެނީ އެވެ. މިއީ ސަރުކާރުގެ މަސް ކުންފުނީގައި މަސައްކަތްކުރާ އެންމެ ދުވަސްވީ މީހުންގެ ތެރޭގައި ހިމެނޭ ހިދުމަތްތެރިއެކެވެ. އެންމެ އާދައިގެ ވަޒީފާއިން ހިދުމަތް ފެށި، ޅ. ހިންނަވަރު، ޝައިން، މުހައްމަދު ފާރިގު އިބްރާހިމް އާއްމު ނަމުންނަމަ ފާރިގުބެ މިހާރު ހުރީ ކުންފުނީގެ މަތީ ހިސާބުގަ އެވެ. މިއީ ފެލިވަރުގެ ހުރިހާ ތަޖުރިބާއެއް ހުރި މަދު މީހުންގެ ތެރެއިން އެކަކެވެ.

"އަޅުގަނޑު ވަޒީފާ އަށް އައީ 25 ޖުލައި، 1977 ގައި. އެއީ ވަރަށް ހާއްސަ ދުވަހެއް. އެ ދުވަހަކީ ރާއްޖޭގައި ވެސް ވަރަށް ހާއްސަ ދުވަހެއް. ޖެހިގެން އަންނަނީ މިނިވަން ދުވަސް. އެހެންވެ އަޅުގަނޑު ދެކެނީ މިއީ ގައުމީ ގޮތުން ލިބުނު ވަރަށް ހިތްގައިމު ވަޒީފާއެއްގެ ގޮތުގައި،" ފާރިގު ވިދާޅުވި އެވެ.

ފާރިގުގެ ފެލިވަރުގައި މަސައްކަތް ފެށި ދުވަހަށް ދާނަމަ، އެއީ ނިޕޮން ކޯޕަރޭޝަން ޖަޕާނު މީހުން އުފެއްދި ހިސާބެވެ. އޭނާއަކީ އޭރު އެންމެ 21 ވަރަކަށް އަހަރުގެ ޒުވާނެކެވެ. ފުރަތަމަ ފެލިވަރުގެ ވަޒީފާއަށް ގެންދިޔައީ ވެސް ސްކޫލް ކުދިންގެ ގޮތުގަ އެވެ. އެ ދުވަސްވަރު އުޅުނީ ކަންކަން ދަސްކުރުމަށެވެ.

"އޭރު ގަސްތައް ނޮޅައި ސާފު ކުރުމުގެ މަސައްކަތ ފުރަތަމަ ކުރީ. ފަހުން މަސައްކަތް ކޭނަރީ ހުޅުވާފައި އަސްލު ވަޒީފާ ލިބުނީ. ފުރަތަމަ ވެލްޑިން އެންޑް ޕައިޕިންގައި އުޅުނީ. ފަހުން މަސް ގަންނަ ބިލްތައް ހެދީ. އެ މީހުން ގެންނަ ބިލްތަކުގެ ފުރަގަހުގައި ލިޔެގެން ބިލް ހެދީ،" ފާރިގުބެ ބުންޏެވެ.

ފުރަތަމަ ވަޒީފާގެ ވާހަކަ ދައްކާއިރު ފާރިގުބެމެން އެ ދުވަސްވަރު މަސައްކަތްކުރީ ވަަރަށް ބުރަކޮށެވެ. މި ގޮތުން ފުރަތަމަ ނިދުން ވެސް ހަމަޖައްސަން ޖެހުނީ ވަރަށް ހާލުގަ އެވެ. ބައެއް ދުވަސް ދުވަހު ފާލަމުގެ ދަށުގައި ގޯނިގަނޑެއް އަޅައިގެން ވެސް ނިދި އެވެ. އަދި ވިއްސާރަ ވެއްޖެނަމަ ނިދާ އެނދަނީ އިންޖީނުގޭގެ ފޯކް ލިފްޓުތަކުގެ މައްޗެވެ.

އުފެދޭ ސުވާލަކީ އާއްމުކޮށް، ގިނަ މީހުން ވަޒީފާ ބަދަލުކޮށް ރަނގަޅު އޮފާތަކާ ދިމާލަށް ދުވާއިރު، ފާރިގުބެ މި މަގުން ނުދުވީ ކީއްވެގެން ބާ އެވެ؟

"މި ހިސާބުގައި ރިސޯޓުތައް ހުޅުވަމުން އައިއިރު ވަރަށް ރަނގަޅު އޮފާތައް ލިބުނު. އެކަމަކު ހިތަށް އެރީ ނުދާނަމޭ. އަޅުގަނޑު ނިންމީ ފުރަތަމަ އެޅި ބިންގަލަކީ ވަރަށް މުހިންމު ބިންގަލެކޭ. ބޭނުންވަނީ ފެލިވަރުގައި އެންމެ ގިނަ ދުވަހު މަސައްކަތް ކުރި މީހާގެ ގޮތުގައި ކުރިޔަށް ދާން. ދާއިރުވެސް މަޑުމަޑުން ޓާޓާ ކިޔާލާފައި ދާން. އޭރުން އަޅުގަނޑުގެ ދަރިން ވެސް ވަރަށް ހިތްހަމަ ޖެހޭނެ." ފާރިގުބެ ބުންޏެވެ.

ފާރިގުބެ ބުނި ގޮތުގައި ކޮންމެ ދުވަހަކީ ވެސް ހިތުން ނުފިލާނެ ދުވަހެކެވެ. ފެލިވަރުގައި ހޭދަކުރާ ކޮންމެ 24 ގަޑިއިރެއް ވެސް ވަނީ ފާރިގުގެ ދިރިއުޅުމާ ގުޅިފަ އެވެ.

"ކޮންމެ ދުވަހަކީ ވެސް އާ ދުވަހެއް. އެކަމަކު އެންމެ ހިތުން ފިލުވައިލަން ދަތި ދުވަހަކީ އަޅުގަނޑުގެ މަންމަ ފެލިވަރަށް އައި ދުވަހެއް. އެކަމަކު މިތަނަށް ނުވަދެވޭނެ ޖަޕާނު މީހުން ކަންތައްތައް ހުންނަ ގޮތުން. ޖަޕާނު މީހުންގެ މެދުގައި މަސައްކަތު ގަޑިއަކީ ވަރަށް މުހިންމު ގަޑިއެއް. މަސައްކަތުގެ ހަތަރު ގަޑިއަކުންވެސް ރެސްޓް ކޮށްލެވޭނީ ހަތަރު ވަރަކަށް ގަޑިއިރު. މިއީ ވަރަށް ރީތި ޑިސިޕްލިނެއް،" މިހާރު އުމުރުން 60 އަހަރު ވެފައިވާ ފާރިގުބެ ބުންޏެވެ.

"އަނެއް ކަމަކީ ވަޒީފާ އިން ކެނޑިގެންދާއިރު ކިޔައިދޭނެ ހުރިހާ އެއްޗެއް. މިވެނި ދުވަހަކު މަސައްކަތު ގަޑީގައި ނިދާފައި އޮތް! މިވެނި ދުވަހަކު މިވެނި މީހަކާ ހަޑި ހުތުރު ބަހުން ވާހަކަ ދެއްކި. ހިތަށް ވެސް ނުގެނެވޭ ކަހަލަ ޕާސަނަލް މައުލޫމާތު އެ މީހުން ބަލަހައްޓާ."

ފާރިގު ބުނީ ކުރިއާ ބަލާއިރު މިހާރު މުވައްޒަފުންނަށް ވަރަށް ރަނގަޅު، ގިނަ ހިދުމަތް ތަކެއް ދެމުން ގެންދާ ކަމަށެވެ.

"މިހާރު އަސްލު އުޅޭ ހިތުން އުޅެން ވާނީ. ވަރަށް ރަނގަޅު ހުރިހާ ކަމެއް ވެސް،" ފާރިގު ބުންޏެވެ.

ފާރިގުބެގެ ވާހަކަ ނިންމާލީ ޒުވާނުންނަށް މެސެޖެއް ދެމުންނެވެ. އެއީ ކޮންމެ ވަޒީފާއެއް ވެސް ރަނގަޅަށް އަދާކުރުމެވެ. ހާއްސަކޮށް ފެލިވަރުގައި މަސައްކަތް ކުރުމަކީ ޒުވާނުން އުފަލެއްގެ ގޮތުގައި ދެކުމަކީ އޭނާގެ ނަސޭހަތެކެވެ.