ހަބަރު

"ޑިމޮކްރަޓިކް ނިޒާމަކީ އެންމެ މޮޅު ނިޒާމެއް ނޫން"

ޑިމޮކްރަޓިކް ނިޒާމަކީ ދުނިޔޭގައި ކަންކަން ނިންމުމަށް އޮތް އެންމެ އުދެއްދުންތެރި އަދި އެންމެ މޮޅު ގޮތް ކަމަށް އަމިއްލަ ހައިސިއްޔަތުން ގަބޫލުނުކައްވާ ކަމަށް ހޯމް މިނިސްޓަރު އަހުމަދު އަޒްލީން މިރޭ ވިދާޅުވެއްޖެ އެވެ.

އެލްޖީއޭގެ ހަވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެލްޖީއޭގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ އަޒްލީން ވިދާޅުވީ ޑިމޮކްރަސީގެ އުސޫލުތައް އަށަގަންނަވައިގެން ގައުމެއް މަސައްކަތްކުރާނަމަ، އެގޮތަކީ ޑިމޮކްރަސީ ކަމަށް އަމިއްލަ ހައިސިއއްޔަތުން އޭނާއަށް ގަބޫލެއް ނުކުރެއްވެ އެވެ. އެހެން ނަމަވެސް ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން އެ ގަބޫލުކުރުން ތަފާތު ކަމަށް ވިިދާޅުވި އެވެ.

ރާއްޖޭގައި ޑިމޮކްރަސީގެ ނިޒާމެއް އޮތީތީވެ، އެ ނިޒާމައިގެން ކުރިއަށް ދާން ޖެހޭ ކަމަށް އަޒްލީން ވިދާޅުވި އެވެ. އަދި ކޮންމެ މީހެއްގެ ގައިގާ ވެސް ޑިކޮމްރަސީ ގަބޫލު ކުރުމުުގެ ގާބިލްކަން ހުންނަންވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަބަދުވެސް އަޅުގަނޑު ދަންނަވާ ވާހަކައަކީ ޑިމޮކްރަސީގެ އުސޫލުތައް ދަމަހައްޓައިގެން މަސައްކަތް ކުރާ ކަމަށްވަންޏާ ޑިމޮކްރަޓިކް ނިޒާމަކީ ދުނިޔޭގައި ކަންކަން ކުރުމަށް އޮތް އެންމެ ޕްރޮޑަކްޓިވް އަދި އެންމެ މޮޅު ނިޒާމް ކަމަށް އަޅުގަނޑު ޕާސަނަލީ ނުދެކެމޭ، ހަމަ ގައިމު ވެސް އަޒްލީން އަހުމަދެއް ނުދެކޭ އެގޮތަކަށް، އެހެން ނަމަވެސް ހޯމް މިނިސްޓަރުގެ ވިއު ތަފާތު ވެދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ މިނިސްޓަރާ ބައްދަލުވި ޔޫކޭގައި ގަވަރުނަރުކަން ކުރައްވާފައިވާ ބޭފުޅެއް ގެންގުޅުއްވާ ހިޔާލު ހިއްސާކުރައްވާފަ އެވެ. އޭނާގެ ވިސްނުން ޑިމޮކްރަސީއާ މެދު ހުރި ގޮތް ކަމަށް މިނިސްޓަރު ވިދާޅުވީ، ގައުމުތަކުގެ ތަރައްގީއަށް އަދި ކުރިއެރުމަށް ބޭނުންވަނީ ޑިމޮކްރަސީ ނޫން ކަމާއި ރައްޔިތުން ދެކެ ލޯބިވާ "ޑިކްޓޭޓަރެއް" ކަމަށެވެ.

"މި މީހާ ދެންނެވީ އޭނާ ގަބޫލުކުރާ ގޮތުގައި ގައުމެއްގެ ޕީސް އާއި ސަލާމަތަށް އަދި ތަރައްގީއަށް ނުވަތަ އެއްވާނެއްގައި ގައުމު ކުރިއަށް ގެންދިޔުމަށް ބޭނުންވަނީ ރައްޔިތުންނަށް އޯގާތެރި ރައްޔިތުންނަށް ދެކެ ލޯބިވާ ޑިކްޓޭޓަރަކަށް ކަމަށޭ، މި ހިޔާލަށް ކޮންމެހެން އިއްތިފާގުވާކަށް ނުޖެހޭ، އަޅުގަނޑު ވެސް މި ހިޔާލަށް ތާއިދުކުރަމެކޭ ނޫން މި ދަންނަވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި މިހާރު ޑިމޮކްރަސީ ނިޒާމްގެ ގާއިމުކުރެވިފައިވާ ކަމަށާއި އެހެންކަމުން އެ ނިޒާމާ އެއްގޮތަށް ކުރިއަށް ދިޔުމުގެ ކުޅަދާނަކަން ކޮންމެ މީހެއްގެ ގައިގާ ވެސް ހުންނަން ވާނެ ކަމަށެވެ.

އެލްޖީއޭ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ މުއައްސަސާގެ އެންޕްލޯއީ އޮފް ދަ އިޔާ ވަނީ ހޮވާފަ އެވެ. އަދި އިތުރު ހަ މުވައްޒަފެއްގެ އަގު ވަޒަންކޮށް އެވޯޑް ވެސް ދީފައިވެ އެވެ. އެންޕްލޯއީ އޮފް ދަ އިޔާއަށް ހޮވިފައިވަނީ އެ މުއައްސަސާގެ ހިއުމަން ރިސޯސް އޮފިސަރު ހުސެއިން ވަހީދެވެ.

އެލްޖީއޭގެ މުވައްޒަފުންނާ މުހާތަބު ކުރައްވާ މިނިސްޓަރު ވިދާޅުވީ، އެލްޖީއޭ އެންމެ ރަނގަޅު ގޮތުގައި ހިންގޭނީ މުވައްޒަފުންނާއި ބޯޑުގެ މެންބަރުންނާއި ދެމެދު ވާހަކަ ދެއްކެވި ހިޔާލު ބަދަލުކުރެވިގެން ކަމަށެވެ. އެލްޖީއޭގެ ބޯޑަކީ ވެސް އިލްމީ ގިނަ މަޝްވަރާތަކާއި ބަހުސްތަކެއް ކުރުމަށްފަހު ކަންކަން ނިންމާ، ވަރަށް ޑިމޮކްރަޓިކް ބޯޑެއް ކަމަށް ވިދާޅުވި އެވެ.

"އެލްޖީއޭއަކީ ވަރަށް ހޫނު ބޯޑެއް، އެލްޖީއޭ ބޯޑަކީ ވަރަށް ގާބިލް ވަރަށް އެވެއާ، ޑިމޮކްރަޓިކް އުސޫލުތައް ދަމަހައްޓައި ބޯޑެއް ގާއިމުކުރެވިފައިވާ އެއް މުއައްސަސާ އެލްޖީއޭއަކީ، އެލްޖީއޭ ބޯޑުގައި މަޝްވަރާކުރެވިގެންދާ ކަންތައްތަކަށް ވަރަށް ހޮޓްކޮށް ޑިބޭޓްކުރުމަށްފަހު ފައިދާ ކުރުވަނިވި ބަހުސްތަކަށްފަހު ކަންކަން ނިމިގެން ދަނީ އިއްތިފާގުން، ވަރަށް މަދު ކަންކަމެއްގައި ނޫނީ،" މިނިސްޓަރު އަޒްލީން ވިދާޅުވި އެވެ.