އޭސީސީ

މައުލޫމާތު ހާމަ ކުރުމުގެ ރަން ވަނަ އޭސީސީއަށް

އެންމެ ރަނގަޅަށް މައުލޫމާތު ހާމަކުރާ އިދާރާއަކަށް އިންފޮމޭޝަން ކޮމިޝަނާގެ އޮފީހުން ދޭ މައުލޫމާތު ހާމަކުުރުމުގެ ރަން ވަނަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ލިބިއްޖެ އެވެ. މިއީ މި ވަނަ ދޭ ފުރަތަމަ ފަހަރެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ބައިނަލްއަގްވާމީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ރަސްމިއްޔާތުގައި ރަން ވަނަ އެވޯޑް ވަނީ އޭސީސީ އާ ހަވާލުކޮށްފަ އެވެ. މި އެވޯޑް އޭސީސީ އާ ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރު އަޒްލީން އަހްމަދެވެ.

މިރޭގެ ރަސްމިއްޔާތުގައި އިންފޮމޭޝަން ކޮމިޝަނުން ވަނީ ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހާމަކޮށްދޭ މިންވަރު ދަރަޖަކޮށް އެންމެ މަތީ ދަރަޖަ ލިބުނު ފަރާތަށްވެސް އެވޯޑް ހަވާލުކޮށްފަ އެވެ. މައުލޫމާތު ހާމަކޮށްދޭ މިންވަރު ދަރަޖަ އެންމެ މަތިން 85 ޕަސަންޓަށްވުރެ މަތިން މާކްސް ހޯދައިގެން އެ މަގާމް ހޯދާފައިވަނީވެސް އޭސީސީ އެވެ.

ރަން ވަނަ ހޮވާފައިވަނީ ނުވަ ކަމެއްގެ މައްޗަށް ބަލާފަ އެވެ. އެކަންކަމުގެ ތެރޭގައި ހިމެނެނީ

  • ދާރާގެ ރަސްމީ ވެބްސައިޓާ ބެހޭ މައުލޫމާތު
  • ގާނޫނުގައިވާ ގޮތަށް ދުވަހުން ދުވަހަށް ޔައުމިއްޔާ ލިޔެ ބެލެހެއްޓުން
  • އާންމުންނަށް ބޭނުންވާނެ މައުލޫމާތު އިދާރާގެ ނޯޓިސް ބޯޑުގައި ފެންނަން ހުރުން
  • މައުލޫމާތު ހޯދަން އެ އިދާރާއަށް ފޯމް ހުށަހެޅި އަދަދު
  • އިދާރާގެ މަސްއޫލިޔަތާ ބެހޭ ގޮތުން ހޭލުންތެރިކުރަން ކުރެވުނު ކަންކަން
  • މައުލޫމާތު ހާމަކުރުމުގައި ދިވެހި ބަހަށް އިސްކަން ދީފައިވާ މިންވަރު
  • އިދާރާގެ އަމިއްލަ އިސްނެގުމަށް މައުލޫމާތު ހާމަކުރުމަށް އިސްކަންދޭ މިންވަރު

މީގެ އިތުރުން މި ވަނަ ދީފައިވަނީ އެކަމަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ މެދުގައި މާކްސް ދިނުމަށްފަހު އެވެ. މިރޭގެ ރަސްމިއްޔާތުގައި އެންމެ ރަނގަޅު އިންފޮމޭޝަން އޮފިސަރަށްވެސް އެވޯޑް ހަވާލުކޮށްފައިވެ އެވެ. އަދި އިންފޮމޭޝަން ކޮމިޝަންގެ އޮފީހުގެ އެންމެ ހާޒިރީ ރަނގަޅު މުވައްޒަފަށާއި ހުރިހާ ގޮތަކުން އެންމެ ރަނގަޅު މުވައްޒަފަށްވެސް ހަނދާނީ ފިލާ ދީފައިވެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންފޮމޭޝަން އޮފިސާ އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު ވިދާޅުވީ އަބުރުގެ ގާނޫނު ތަސްދީގު ވުމުގެ ސަބަބުން އެންމެ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު ލިބޭ ކަމަށެވެ.

"އަބުރު ރައްކާތެރި ކުރުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ތަންފީޒު ކުރަން އެޅުނު ވަރަށް ބޮޑު ބާރެއް. އެ ގާނޫނުގެ ސަބަބުން ތެދު މައުލޫމާތު ހޯދަން ލާޒިމްވެ، މީހުންނާ ބެހޭގޮތުން ހަގީގަތާ ހިލާފް މައުލޫމާތު ލިބުމުގެ ފުރުސަތު ބަންދުވެގެންދޭ" އަޒީޒް ވިދާޅުވި އެވެ.

މީގެ އިތުރުން އަޒީޒް ވިދާޅުވީ މައުލޫމާތު އާންމު ކުރުމުގައި ހުރިހާ މުއައްސަސާތަކުން ވެސް އިސް ނަގައިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި މީހުން ނޭދުނު ނަމަވެސް ސައްހަ މައުލޫމާތު ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.