ކިރިޔާ ބައްޔެއް ވާއިރަށް ދުވެފައި ގޮސް ޕެނެޑޯލް ކެއުމަކީ ދިވެހިންގެ ކިބައިގައި ހަރުލާފައި ހުންނަ ގޯސް އާދަ އެކެވެ. ރޯގާ ޖެހުނަސް، ހުން އަޔަސް ނުވަތަ ބޮލުގައި ކިރިޔާ ރިހިލިއަސް އެންމެ ކުރިންވެސް ހޯދާނީ ޕެނެޑޯލް ކަހަލަ ކޮންމެވެސް ޕެއިން ކިލާއެއްގެ އެހީ އެވެ. އުމުުރުން ޅަޔަސް ދުވަސްވީ މުސްކުޅިއަކަސް މި އާދަ ގެންގުޅެއެވެ.
މިކަމުގައި ހުންނަ ގެއްލުންތައް ޓީވީ އާއި ރޭޑިއޯ އަދި އޮން ލައިން ނޫސްތަކުންވެސް އަބަދު ގެނެސްދެ އެވެ. މިގޮތަށް ޕެއިން ކިލާ ކެއުމުގައި އެންމެ ގިނައިން އުޅެނީ އުމުރުން ދުވަސްވީ މީހުންނެވެ. މުސްކުޅިވެ ގައިބާރު ދެރަވި ދުވަހު އެކަނި އުޅެން ޖެހުމުންވެސް ބައެއް މީހުންނަށް މިގޮތަށް ކަންތައް ކުރުމަށް މަޖުބޫރުވެދެ އެވެ. ދަރިންގެ ބުރަ ދިރިއުޅުމުގައި އިތުރު ބުރައެއް ނުޖައްސަން ވެގެންނެވެ. އަދި ބައެއް މީހުން މިގޮތަށް ޕެއިން ކިލާ ގަނެގެން ކަނީ ޒުވާން އުމުުރުން ފެށިގެން އެގޮތަށް ކަންތައް ކޮށްކޮށް އާދަވެފައި ހުރުމުގެ ސަބަބުންނެވެ.
އިޓަލީގައި ހުންނަ މިލާނޯ ޔުނިވާސިޓީން ވަރަށް ފަހުން ވަނީ ޑޮކްޓަރެއްގެ އިރުޝާދާ ނުލާ ޕެއިން ކިލާސް ބޭނުން ކުރުމުން ލިބޭ ގެއްލުންތައް ބަލަން އަދި ގެއްލުން އެންމެ ބޮޑަށް ލިބެނީ ކޮން ބަޔަކަށްތޯ ބަލަން ހާއްސަ ދިރާސާއެއް ކުރިއަށް ގެންގޮސްފަ އެވެ. ޔޫކޭ، ނެދަލޭންޑް، އިޓަލީ އަދި ޖަރުމަނުގެ 10 މިލިއަން ޔޫޒަރުންގެ މައުލޫމާތު އެއްކޮށްގެން ހެދި މި ދިރާސާގެ ނަތީޖާ މިހާރު ވަނީ އާންމުކޮށްފަ އެވެ. މި ދިރާސާގައި ބޭނުންކުރި މީހުންގެ އެވްރެޖް އުމުރަކީ 77 އަހަރެވެ.
މީގެ އިތުރުން މި ދިރާސާގައި އެއްވެސް ވަރަކަށް ޕެއިން ކިލާސް ބޭނުން ނުކުރާ މީހުންގެ ސިއްހަތާއި ޕެއިން ކިލާ ބޭނުންކުރާ މީހުންގެ ސިއްހަތުގެ ދުޅަހެޔޮކަންވެސް ދެނެގަނެފައިވެ އެވެ. މި ދިރާސާއިން ދައްކަނީ ބްރޫފަން ކަހަލަ ބާރުގަދަ ޕެއިންކިލާސް ބޭނުންކުރާ މީހުންގެ ތެރޭގައި ހިތް ހުއްޓުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި ހިތުގެ އިތުރު މައްސަލަތައް ވެސް މި މީހުންގެ މެދުގައި 19 ޕަސަންޓު އިތުރު ކަމަށެވެ.
މި ދިރާސާގެ މައްޗަށް ބިނާކޮށް ބްރިޓިޝް ހާޓް ފައުންޑޭޝަން (ބީއެޗްއެފް) އިން ބުނީ މިފަދަ ޕެއިން ކިލާސްތައް ބޭނުންކުރާއިރު އެންމެ ދަށް ޑޯޒުން ބޭނުންކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
އެކި ކަހަލަ ޕެއިން ކިލާސް އެންމެ ގިނައިން ބޭނުންކުރަނީ ހުޅުތަކުގެ މައްސަލަތައް ހުންނަ މީހުން ކަމަށް ވެސް ދައްކާފައިވެއެވެ. އެހެންކަމުން އެމީހުންނަށް ހިތުގެ މައްސަލަތައް ދިމާވުމުގެ ފުރުސަތު އެތައް ގުނައަކަށް ބޮޑުވެެގެންދެ އެވެ.
ހައިޕާޓެންޝަން، ޑައިބެޓިސް އަދި ކިޑްނީގެ މައްސަލަތައް ހުންނަ މީހުން ހާއްސަކޮށް ޑޮކްޓަރެއްގެ ލަފާ ހޯދާ ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުން ޕެއިން ކިލާސް ބޭނުންކުރަން ސިއްހީ މާހިރުން އިލްތިމާސް ކުރެ އެވެ.