އޮފްބީޓް

މާމަ ދެކިލަން 400 ކިލޯ މީޓަރަށް ބައިސްކަލުގައި!

މާމަ އާއި ކާފަ ގާތުގައި ދިރިއުޅުމުގެ ފުރުސަތު މިހާރު ލިބެނީ ވަރަށް މަދު ބަޔަކަށެވެ. އެހެންވެ މާމައާ ކާފައަށް ޒިޔާރަތް ކުރެވެނީ ހަމައެކަނި ޗުއްޓީ ތަކުގަ އެވެ. މާމަމެން ގާތުގައި ދިރިއުޅެން ކިތަންމެ ބޭނުންވިޔަސް ދިރިއުޅުން އޮންނަ ގޮތުން އެފުރުސަތު ނުލިބެނީ އެވެ. ޗުއްޓީއަށް ލިބޭ މަދު ދުވަސްތަކުގައި އެމީހުން ގާތުގައި އުޅުމަށްފަހު އަނެއްކާވެސް ދުރަށް ދާންވީ އެވެ.

މާމަ ނުވަތަ ކާފަ ގާތަށް ދާން މީހަކު ކިތަންމެ ދުރަކަށްވެސް ދަތުރުކޮށްފާނެ އެވެ. އެކަމަކު ބައިސްކަލެއްގައި 400 ކިލޯ މީޓަރަށް މީހަކު ގޮސްފާނެ ކަމާމެދު ސުވާލު އުފެދެއެއް ނޫން ހެއްޔެވެ. ނަމަވެސް އުމުުރުން 14 އަހަރުގެ ކުއްޖަކު މިވަނީ މާމަ ދެކިލަން 400 ކިލޯ މީޓަރު ދުރަށް ބައިސްކަލެއްގައި ދަތުރުކޮށްފަ އެވެ.

ޖަރުމަނަށް ނިސްބަތްވާ އަދި ޖަރުމަނުގައި ދިރިއުޅެމުންދާ ނިކޯލާ ނަމަކަށް ކިޔާ މި ކުއްޖާ ވަނީ ޖަރުމަނުން ޕޮލެންޑަށް ބައިސްކަލެއްގައި ގޮސްފަ އެވެ. މައިންބަފައިންނަށް ސިއްރުން ނިކޯލާ ގޮސްފައިވާއިރު އޭނާ ގެންގޮސްފައިވަނީ ހަމައެކަނި ބެކްޕެކެއް ކަމަށް ރިޕޯޓުތަކުން ބުނެ އެވެ.

ނިކޯލާ ގެއްލިގެން ހޯދަން ފަށާފައިވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ.

ނިކޯލާ ގެއްލިގެން އޭނާގެ މައިންބަފައިން ވަނީ ޖަރުމަނު ފުލުހުންގެ ކިބައިން ނިކޯލާ ހޯދަން އެހީތެރިކަމަށް އެދިފަ އެވެ. އެކުއްޖާ ޕޮލެންޑުގައި ހުރިކަން އެނގިފައިވަނީ ފުލުހުން ނިކޯލާ ހޯދަން ކުރި މަސައްކަތުން މިމަހުގެ 23 ވަނަ ދުވަހު ޕޮލެންޑުގައި އޭނާ މާމަ ދިރިއުޅޭ ގޭގައި ހުއްޓަ އެވެ. ނިކޯލާ ފެނުނުއިރު އޭނާގެ ސިއްހަތު ރަނގަޅު ކަމަށާއި އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައި ނުވާ ކަމަށްވެ އެވެ. އަދި ޕޮލޭންޑަށް ދިޔައީ މާމަ ދެކިލަން ކަމަށް ނިކޯލާ ބުނި ކަމަށްވެ އެވެ.

ނިކޯލާ މިހާރުވަނީ އެނބުރި އޭނާގެ މައިންބަފައިން ގާތަށް ޖަރުމަނަށް ގެނެސްފަ އެވެ.