ލައިފްސްޓައިލް

ފޮޓޯގްރެފީގެ ކުލަތަކުގައި މިއީ ތަފާތެއް!

"އާޓް ފީލްޑްގައި ހީއެއް ނުވޭ މީހަކު ހިތްހަމަޖެހޭނެ ހިސާބަކަށް ދެވިދާނެހެއް. މި މަސައްކަތަކީ ނިމުމެއް އޮތް ކަމެއް ނޫން. އަޅުގަނޑަށް ނުބުނެވޭނެ ހިތްހަމަޖެހޭ ވަރަށް ފޮޓޯ ނެގިއްޖެއޭ. ބޭނުންވާ ވަރަށް މިވެނި ކަމެއް ކުރެވިއްޖެއޭ. މިއީ ނިންމާލައިގެންވާނެ ކަމެއް ނޫން. މިއީ އެއް ކަމަކަށް ފަހު އަނެއް ކަމެއް ކުރަން ބޭނުންވާނެ މަސައްކަތެއް،" މިއީ މަޝްހޫރު ފޮޓޯގްރާފަރު އަލީ މަސްރަހްގެ ވާހަކަ އެވެ.

ފޮޓޯގްރެފީގެ ވާހަކަ އޭނާ މިގޮތަށް ކިޔައިދިން ނަމަވެސް 34 އަހަރުގެ މި ހުނަރުވެރިޔާ އަކީ ހަމައެކަނި މި މަސައްކަތުގައި ކުޅަދާނަކަން ދައްކަމުން އަންނަ ފަރާތެއް ނޫނެވެ.

އޭނާ އަކީ ހުނަރުވެރި ކުރެހުންތެރިއެކެވެ. މިއުޒިކްގެ ދުނިޔޭގައި ބޭސިސްޓެކެވެ. ހިތުގެ އެންމެއަޑިން ހެއާޑްރެސާއެކެވެ. އާންމު އާމްދަނީއަކަށް ވެޑިން ފޮޓޯގްރާފަރެކެވެ. ހިޔާލާއި ހުވަފެނުގައި ފެޝަން ފޮޓޯގްރާފަރެކެވެ. -- އެކަމަކު އަދި މިއަށްވުރެން އޭނާގެ ވާހަކަ ޝައުގުވެރިވަނީ އޯލެވެލް ނިންމާލުމަށް ފަހު ވަޒީފާއެއް ހޯދުމަށް އޭނާ ފެށި ދަތުރާ ހަމައިން މި ވާހަކައެއް ފަށައިގަތީމަ އެވެ.

އެކުވެރިޔަކު ދިން މައުލޫމާތެއްގެ މައްޗަށް ބުރަވެ، އޭނާ ދިޔައީ ރިސޯޓަކަށެވެ.

"އެ ރިސޯޓަށް ފުރަތަމަ ދިޔައީ ވަކި ވަޒީފާއެއް ހަމަޖެހިގެނެއް ނޫން. ދިޔައިރު އޮތް ވަޒީފާ އަކީ ޕަބްލިކް އޭއިރާގައި ކުނިކެހުމާއި ލޯންޑްރީ. ދެން ލޯންޑްރީ ވަޒީފާ އަށް އަޅުގަނޑު ވަނީ،" ހިތުގެ އެންމެ އަޑިން މަސްރަހްގެ ވާހަކަ ފެށީ މިހެންނެވެ.

ލޯންޑްރީގެ ވަޒީފާގައި އުޅެނިކޮށް އޭނާ އަށް ދެން ފުރުސަތު ލިބެނީ ކުރެހުމާ ގުޅުންހުރި ދާއިރާއަކުންނެވެ. އެއީ ރިސޯޓްގައި ހިންގާ ޝޮޕެއްގައި ވަޒީފާ އަދާކުރުމަށެވެ. މެނޭޖުމަންޓުން ވެސް އެދުނުގޮތަށް ޝޮޕަށް އޭނާ ބަދަލުވީ، ކުރެހުމަށް އޭރު ހުރި ފޯރިއެއްގެ ބޮޑުކަމުންނެވެ. ނަމަވެސް އެ ތަޖުރިބާދިޔައީ އެންމެ ބޭނުންވި ގޮތަކަށް ނޫނެވެ.

ކުރަހަން މާ ގިނަ ފުރުސަތުތަކެއް ނުލިބި އެންމެފަހުން ރިސޯޓްގެ އެ ވަޒީފާމަތިން އޭނާ ފޫހިވީ އެވެ. އެކަމަކު ފަސް އަހަރު ފަހުންނެވެ. -- އެ ފަސް އަހަރު ތެރޭގައި އޭނާގެ ހިތްގެނބިގެން ދިޔައީ ފޮޓޯގްރެފީއަށެވެ.

ސައިބާޝޮޓް ކެމެރާއަކުން އޭރު އޭނާ ފޮޓޯނަގައި މޮޑެލްކުރުގައި އުޅުނީ ރިސޯޓްގައި އެކުގައި އުޅުނު ރޫމްމޭޓުންގެ އެވެ. މަސްރަހުގެ ހަޔާތުގެ މި ސަފުހާގެ ފްލޭޝްބެކަކަށް ދަނީ ނަމަ ކިޔައިދޭން ޖެހެނީ އޭނާގެ ހިތް އެންމެ ފުރަތަމަ ފޮޓޯކެމެރާއަކަށް ޖެހުނު ގޮތުގެ ވާހަކަ އެވެ.

"އެންމެ ފުރަތަމަ ޝައުގުވެރިވީ ފޮޓޯނަގާ މީހަކަށްވާކަށް ނޫން. ފޮޓޯ ކެމެރާ ރޫޅަން. އެއީ އޭރަކީ ރޭޑިއޯއާ އެއްޗެހި ރޫޅައި އުޅުނު ކުޑައިރުގެ ޒަމާން. ފޮޓޯ ކެމެރާއެއް ފުރަތަމަ ފެންނަނީ ރަށުގައި އުޅެނިކޮށް، އައި ކުޅުދުއްފުށީ މީހެއްގެ އަތުން. އެ މީހާ އަކީ އެގޮތަށް ގޭގެއަށް ގޮސް ފޮޓޯ ނަގައިދޭ މީހެއް،" މާކުރީގެ ހަނދާނަކުން މަސްރަހު ކިޔައިދިނެވެ.

"އެ ކެމެރާ ފެނިގެން ފުރަތަމަ ހިތްޖެހުނީ، ރޫޅާލާނެ މެޝިނެއްގެ ގޮތުގައި."

އެކަމަކު ފަހުން އޭނާގެހިތްޖެހުނީ ސީދާ ފޮޓޯގްރެފީގެ އަސްލު އާޓަށެވެ. ރިސޯޓް ވަޒީފާ ދޫކޮށް މާލެ އަށް ދިރިއުޅުން ބަދަލުކޮށްގެން ފޮޓޯ ސްޓޫޑިއޯއެއްގައި މުސާރައެއް ނުލިބި އޭނާ މަސް ދުވަސްތަކެއް ވަންދެން މަސައްކަތްކުރީ ވެސް އެ ފަންނަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ.

"މާލޭގައި އުޅެނިކޮށް ރައްޓެއްސަކާ ދިމާވެގެން ފުރުސަތު ލިބެނީ ކުޑަކުޑަ ސްޓޫޑިއޯއެއްގައި މަސައްކަތްކުރަން. ތިން މަސްވީއިރު ވެސް މުސާރަ ނުލިބިގެން އެތަނަށް ދިއުން ހުއްޓާލީ އެންމެފަހުން. އަނެއްކޮޅުން އެމީހުންނަކީ އާޓަށް ވުރެން ބޮޑަށް ކޮމާޝަލް ފޮޓޯގްރެފީގެ މީހުން،" މަސްރަހް ކިޔައިދިނެވެ.

އޭނާ ބުނީ މިހުރިހާ ހާލެއްގެ ތެރެއިން ވެސް ފޮޓޯގްރެފީ އަށް އަސްލު ހިތްޖެހުނީ ހަޔާތުގެ މި ދަތުރުގައި ދިމާވި ކަމަކުން މާ ބޮޑަށް ހިތުގައި ޖެހިގެން ކަމަށެވެ.

"ހިތުގައި ޖެހިގެން ގިނަ ފަހަރަށް ކަންކަން ރަނގަޅަށް ކުރެވިފައި ހުންނަނީ. މީހަކު ޗެލެންޖެއްކޮށްފިއްޔާމު އެކަމެއް ކުރާނަން އަޅުގަނޑު. ފޮޓޯގްރެފީ ވެސް ފެށުނު އަސްލު ގޮތަކީ އެއީ. އެކަމަކު އެ ވާހަކަ މިހާރު ދައްކަން ބޭނުމެއް ނުވޭ،" ނިކޮން ޑީ300އެސް އެއް ރައްޓެއްސެއްގެ އަތުން އިންސްޓޯލްމަންޓް އުސޫލުން ގަނެގެން ފޮޓޯނަގަން ފެށި ޒުވާނާ ކިޔައިދިނެވެ.

އޭރު އޭނާ ފުރަތަމަ ލެޕްޓޮޕެއް ވެސް ހޯދީ ރައްޓެއްސެއްގެ އަތުން ހަމައެގޮތަށް އިންޓޯލްމެންޓަށެވެ. ނަމަވެސް މިއަދު އޭނާގެ އަތުގައި ނެތް އާލާތެއް ނެތެވެ. އަދި ނެތް އެއްޗެއް ނުވަތަ ހޯދަން އުދަނގޫ އެއްޗެއް ބޭނުންވެއްޖެ ނަމަ އަމިއްލަ އަށް މޮޑިފައިކޮށްގެން އުފައްދަނީ އެވެ.

"މިހާރު މުޅިން އަމިއްލަ އެއްޗެހި ބޭނުންކުރަނީ. އަތުގައި ނެތް އެއްޗެއް ނެތޭ ވެސް ބުނެވިދާނެ. އެކަމަކު އަޅުގަނޑަކީ ވިއްކަން ހުންނަ ހުރިހާ އެއްޗެއް ގަންނަ މީހެއް ނޫން. އަޅުގަނޑަށް ބޭނުންވާ ގިނަ އެއްޗެހި އަޅުގަނޑު އަމިއްލަ އަށް ހަދާނީ. ގިނަ އެއްޗިއްސަކީ އެއީ އަމިއްލަ އަށް ހަދާފައި ހުންނަ އެއްޗިހި. ކެމެރާ ވެސް އޮންނާނީ އަމިއްލަ އަށް ފަސޭހަގޮތަކަށް މޮޑިފައިކޮށްފައި،" މަސްރަހް ބުންޏެވެ.

އެކަމަކު އޭނާގެ ވާހަކަ މިހައި ހިސާބުން ނިމުނީކީއެއް ނޫނެވެ. އަދި އޭނާގެ ހިދުމަތަކަށް އެދި ގުޅަން ޖެހެނީ ހަމައެކަނި ވެޑިން ފޮޓޯސެޝަނެއް ހަމަޖެއްސުމަކަށް ވެސް ނޫނެވެ. -- ބޮލުގެ އިސްތަށިގަނޑަށް މޮޅު ގޮތެއް ހަދާލަން ބޭނުންވިޔަސް އެކަމަށް އެންމެ ކުޅަދާނަ އެކަކަށް މާލެއިން އޭނާ ނެގޭނެ އެވެ.

ވަކިން ހާއްސަކޮށް ޑްރެޑްލޮކްސް ހެއާސްޓައިލް ބޭނުން ނަމަ މަސްރަހް އަކީ ލޯތްބާއެކު މިކަންކުރާ ނަމެކެވެ. ބައެއް ސެލެބްރިޓީންނާއި އެހެން ފަރާތްތަކުން ވެސް އޭނާ ހަޔާކޮށްގެން ގެންގޮސްފައި ވަނީ ވެސް މި ކުޅަދާނަކަމާ ހެދި އެވެ.

"ހެއާ ސްޓައިލިންގެ ކަންކަމަކީ ބޮޑަށް ބައްޕަގެ ސައިޑުން އެނގި ދަސްވެގެން އައިސްފައި ހުރި ކަމެއް. ބައްޕަ އަކީ ބޯކޮށައި ވަޑާންކޮށް އުޅޭ މީހެއް. މަންމަ އަކީ ވެސް އާޓިސްޓިކް ފަޅީގެ މީހެއް،" ފަސް އަހަރުގެ ޑްރެޑްލޮކްސްއާ އިނގިލިތަކުން ކުޅެމުން މަސްރަހު ބުންޏެވެ.

"ބޯކޮށުން ނުވަތަ މިގޮތަށް ސްޓައިލްކޮށްދިނުމަކީ އަޅުގަނޑު އާމްދަނީއެއް ހޯދަންކުރާ މަސައްކަތެއް. ގާތްގަނޑަކަށް ތިން ހަތަރުގަޑިއިރު ތެރޭގައި ދިހަ ވަރަކަށް ހާސް ލިބޭ ވަރުގެ މަސައްކަތެއ މިއީ. އެގޮތުން މި މަސައްކަތް މި ކުރަނީ."

"މިގޮތަށް ބޯހަދައިގެން އުޅޭ ނަމަ އާންމުކޮށް ރަސްމީ ވަޒީފާއަކަށްވުރެން ބޮޑަށް ގިނަ މީހުން އުޅޭނީ އަމިއްލަ މަސައްކަތެއް. އެއީ މި ސޮސައިޓީން ގަބޫލުކުރާ ކަމެއް ނޫން މިއީކީ. އެކަމަކު ސޮސައިޓީ ބަދަލުކުރަން އަޅުގަނޑުގެ އަމިއްލަ ގޮތް ބަދަލުކުރުމުގެ ވިސްނުމެއް ނެތް. ހުރިގޮތަކަށް ހުރެގެންހެން ހީވަނީ ސޮސައިޓީ އަށް ވިސްނޭނީ."