ހަބަރު

33 މިލިއަން ރުފިޔާ ހަރަދުކޮށް އޭދަފުށީގެ 15 މަގެއް ހަދަނީ

ބ. އޭދަފުށީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށްޓަކައި އިއްޔެ މަސައްކަތް ފަށައިފި އެވެ. އޭދަފުށީ މަގު ހެދުމުގެ މަޝްރޫއަކީ، 33 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މަސައްކަތް ކުރަނީ އެމްއާރްޑީސީއިންނެވެ.

މި މަޝްރޫއާ ގުޅޭ ގޮތުން އެމްއާރްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހްމަދު މަމްދޫހު މިއަދު އަވަސްއަށް ވިދާޅުވީ، އިއްޔެ މަޝްރޫއު ފެށިގެން ދިޔައިރު އަމާޒަކީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރިހާ މަގެއް ހަދައި ނިމުން ކަމަށެވެ. މަމްދޫހު ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ދަށުން އޭދަފުށީގެ 15 މަގެއް ތާރު އަޅައިގެން ހަދާނެ އެވެ.

"މި މަޝްރޫއުގެ ދަށުން އޭދަފުށީގެ 15 މަގެއް ރަނގަޅު ފެންވަރަކަށް ހެދިގެން ދާނެ، އެއީ 3.36 ކިލޯމީޓަރުގެ މަގު،" މަމްދޫހު ވިދާޅުވި އެވެ.

މަމްދޫހު ވިދާޅުވީ، މަޝްރޫއު ނިމިގެންދާއިރު ސްޕީޑް ބްރޭކަރު ހަރުކުރެވި މަގުތަކުގައި ފެން ހިންދުމުގެ ނިޒާމު ގާއިމުކޮށް ވެސް ގާއިމުވެގެންދާނެ ކަމަށެވެ. އަދި ޓްރެފިކް ނިޝާންތައް ވެސް މަގުގައި ކުރަހާނެ ކަމަށް ވިދާޅުވި އެވެ.

އިއްޔެ މަސައްކަތް ފެށިއިރު މިހާރު މަޝްރޫއުގެ ދަށުން މަގުތަކުގެ އަރިމަތީ ކާނުތައް ހެދުމުގެ މަސައްކަތްތާއި ކޭބަލްތައް ވަޅުލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.