ލައިފްސްޓައިލް

އެވަރެސްޓުގައި ތިން ދިވެހިން ހިތްވަރާއެކު މައްޗަށް

Oct 1, 2016
1
  • ތިން ބައިވެރިން ދާނީ ބޭސް ކޭމްޕަށް
  • ދަތުރުގެ ސްޕޮންސާއެކީ މޯލްޑިވިއަން
  • ދަތުރުކުރަނީ 5،000 މީޓަރު އުހަށް

މި އާދައިގެ ހިތްވަރެއް ނޫނެވެ. މިކަމަށް ލައްކަ ހިތްވަރު ވެސް ކުރަން ޖެހެ އެވެ. ނޭވާ ހިފަހައްޓާލަން ޖެހޭ އެތައް ކަމެއް ދިމާވާނެ އެވެ. މި ދަތުރަށް ތިން ދިވެހިން ފެށީ ވެސް އެކަން އެނގިހުރެ އެވެ. ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ ނޭޕާލްގެ މައުންޓް އެވަރެސްޓަށް އެރުމަށް ތިން ދިވެހިން ދަނީ މަސައްކަތް ކުރަމުންނެވެ.

"ވަރަށް މަސައްކަތް މިއީ. މިއީ ވަރަށް އުސް. އެހެންވެ ވަރަށް މަޑު މަޑުން ހިނގުން މިދަނީ،" ގައުމީ އެއާލައިން މޯލްޑިވިއަން އިން ސްޕޮންސާކޮށްގެން އެވަރެސްޓަށް ކުރާ ދަތުރުގައި ބައިވެރިވަމުންދާ އެފްޖޭއެސްގެ ސީއީއޯ ހާމިދު ސޯދިގު "އަވަސް" އަށް ވިދާޅުވި އެވެ.

އެވަރެސްޓަށް އަރާ ތިން ދިވެހިން

  • ބީއެމްއެލްގެ ޗެއާޕާސަން ފަރީހާ ޝަރީފު
  • އެފްޖޭއެސްގެ ސީއީއޯ ހާމިދު ސޯދިގު
  • ޔޫއެންޑީޕީގައި މަސައްކަތް ކުރާ އަބްދުﷲ ވަހީދު

މި ދަތުރުގައި ތިން ދިވެހިން ދަތުރު ފަށާފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ އެވެ. މި ދަތުރު މި މަހުގެ 16 ނިޔަލަށެވެ. ތިން މީހުން ދިއުމަށް ހަމަޖެހިފައިވަނީ އެވަރެސްޓްގެ ބޭސް ކޭމްޕާ ހަމަ އަށެވެ. ކަނޑުގެ ލޮނުގަނޑުން ފެށިގެން 5،364 މީޓަރު، ގާތްގަނޑަކަށް 17،598 ފޫޓް އުސް މިނަށެވެ. މިތަނުގެ ފިނި މިން ހުރީ ފަސް ޑިގުރީ އަށް ވުރެ މަތީގަ އެވެ.

މި ދަތުރުގައި ބައިވެރިވަމުން ގެންދާ އެފްޖޭއެސްގެ ސީއީއޯ ހާމިދު ވިދާޅުވީ މައްޗަށްދާ ވަރަކަށް ކުރަން ޖެހޭ މަސައްކަތް އިތުރުވާ ކަމަށެވެ.

"މައްޗަށްދާ އިރު ނޭވާލާން އުނދަގޫވޭ. ހުރިހާ ބައިވެރިން ވެސް ތިބީ ރަނގަޅަށް،" ހާމިދު ވިދާޅުވި އެވެ.