ހަބަރު

ސަބްސިޑީއަށް ބަދަލު ގެނައީ ބޭރުގެ މާލީ އިދާރާތަކުން އެދިގެން: އިކޮނޮމިކް ކައުންސިލް

  • ސަބްސިޑީ އެއްކޮށް ކަނޑައެއް ނުލަން
  • އެސްޓީއޯއަށް 40 ޕަސެންޓް ސަބްސިޑީއަށް
  • ބޭރުގެ މާލީ އިދާރާތަކުގެ ފިއްތުން ބޮޑު

ކާޑަށް ދެމުން އައި ސަބްސިޑީ ކުޑަކުރަން ޖެހުނު މައިގަނޑު ސަބަބަކީ، ބޭރުގެ މާލީ އިދާރާތަކުން ރާއްޖެއަށް އެހީތެރިވުމަށް ދެކޮޅު ހަދައި ފިއްތުންތައް ކުރިމަތި ކުރަމުން ދާތީ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ކާޑަށް ދޭ ސަބްސިޑީ ކުޑަކޮށް، އާންމު ކާޑުގެ އަގުތަކަށް ގެނައި ބަދަލާ ގުޅިގެން ރައީސް އޮފީހުގައި ބޭއްވި ޕްރެސްގައި އިކޮނޮމިކް ކައުންސިލްގެ ޗެއާ އަހުމަދު ޒުހޫރު ވިދާޅުވީ، ރާއްޖެ އަކީ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ދަރަޖައަށް ބަދަލުކޮށްފައި ވާތީ، ބޭރުގެ ހިލޭ އެހީތައް މިހާރު ރާއްޖެއަށް ނުލިބޭ ކަމަށެވެ. އަދި ރާއްޖޭގައި ބޮޑެތި އުމްރާނީ މަޝްރޫއުތައް ހިންގަނީ ބޭރުގެ މާލީ އިދާރާތަކުން ދޭ ކޮންސެޝަން ލޯނުތަކުގެ ތެރެއިން ކަމަށް ޒުހޫރު ވިދާޅުވި އެވެ. އެހެން ނަމަވެސް ރާއްޖޭގައި ހުރިހާ ކަމެއް ސަބްސިޑީކޮށްފައިވާ ކަމަށް ބުނެ، އެފަދަ ލޯނުތައް ރާއްޖެއަށް ދިނުމަށް ބޭރުގެ މާލީ އިދާރާތަކުން ދެކޮޅު ހަދަމުން އަންނަ ކަމަށެވެ. ހާއްސަ ގޮތެއްގައި، ކަރަންޓާއި، ކާޑުގެ ބާވަތްތަކުގެ ސަބްސިޑީ ހަމަޔަކަށް އަޅުވަން ބޮޑެތި ފިއްތުންތައް ހުރިކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"ދުނިޔޭގެ މާލީ އިދާރާތަކުން މި އަންނަނ ޕްރެޝަރު ކުޑަކުރުން މިއީ އަޅުގަނޑުމެން ކުރަން ޖެހިފަިއ އޮތް ކަމެއް. ތަރައްގީގެ މަޝްރޫއުތައް އަޅުގަނޑުމެން ހިންގަން ޖެހޭ. އެކަން ކުރެވެނީ މި ބޭރުގެ މާލީ އިދާރާތަކުން އެހީތެރިކަން ލިބެމުން. އެކަމަކު އެހީތެރިކަން ލިބެން އަންނަނީ މި ސަބްސިޑީއަށް ބަދަލު ގެނެސްގެން،" ޒުހޫރު ވިދާޅުވި އެވެ. "ސަރުކާރަށް ޕޮލިޓިކަލް ޕްރެޝަރު އެބަހުރި ނަމަވެސް އިހުލާސްތެރި ކަމާ އެކު ކަންކަން ރަނގަޅު ކުރަންް ކުރެވޭ މަސައްކަތެއް މިއީ،"

މިނިސްޓަރު އަދި ވިދާޅުވީ، ކާޑުގެ ސަބްސިޑީ އެކީ ކަނޑާނުލާ ކަމަށާއި މި ބަދަލާ އެކު ވެސް އެސްޓީއޯއަށް 30-40 ޕަސެންޓްގެ ސަބްސިޑީއެއް ދޭނެ ކަމަށެވެ. މީގެ ކުރިން ދެނީ، 60-70 ޕަސެންޓްގެ ސަބްސިޑީއެކެވެ. އަދި އެކީ ސަބްސިޑީ ކަނޑާލި ކަމަށް ބުނުމަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ކާޑުގެ ސަބްސިޑީ އެއްކޮށް ކަނޑައެއް ނުލާ، ވަކި ބައެއް ބޭއްވިފައިވާ، ކުރީގައި ސަބްސިޑީ ދެމުން މި އަންނަނީ 70 ޕަސެންޓާއި 60 ޕަސެންޓާ ދެމެދުގަ، މިސާލެއްގެ ގޮތުގައި ހަކުރު ކިލޯއެއް މި ޖެހެނީ 13.46 ރުފިޔާއަށް އެސްޓީއޯއަށް ޖެހިފައި މި އިންނަނީ އެހެންނަވެސް މިހާތަނަށް ވިއްކަމުން މި އައީ 61 ޕަސެންޓްގެ ސަބްސިޑީއެއް އެސްޓީއޯއެއް ދީގެން 3.93 ރުފިޔާއަށް ރައްޔިތުންނަށް،" ޒުހޫރު ވިދާޅުވި އެވެ.

މިނިސްޓަރު ޒުހޫރު ވިދާޅުވީ، ރާއްޖޭގައި ސަބްސިޑައިސްކޮށްފައިވަނީ ހަމައެކަނި ކާޑު ނޫން ކަމަށާއި ގިނަ ހިދުމަތްތަކަކުން ސަބްސިޑީ ދެމުންދާއިރު ރައްޔިތުންނަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ހޭދަކުރަން ޖެހެނީ އުފަލަށް ކަމަށެވެ.

"ދިވެހި ސަރުކާރުން މި ހުރިހާ ކަމެއް ކޮށްދެމުންދާއިރު ވެސް ސަރުކާރަށް މިއޮތް ދައްޗަކީ ކުރިއަށް އޮތްތާގައި ސަރުކާރަށް ލިބެން އޮތް މާލީ އެހީ ހުއްޓުމަކަށް އަންނާނެކަމަށް ވާނީ ކަމަށްވާނަމަ އެ ބޭފުޅުން އެ ބުނާ ވާހަކައެއް އަޅުގަނޑުމެން އަޑުއަހަން ޖެހޭ، ސަބްސިޑީ އަޅުގަނޑުމެން ހުއްޓާލުމަށް މަސައްކަތްކުރާކަން އެ ބޭފުޅުން އެނގެން އެބަޖެހޭ ދައްކަން އެބަ ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިހާރު ސަރުކާރުން ނިންމާފައިވާ ގޮތުގައި ކާޑުގެ ސަބްސިޑީ ދޭނީ އެންސްޕާ މެދުވެރިކޮށް، އެންސްޕާގައި ފަގީރުންގެ ގޮތުގައި ރަޖިސްޓާކޮށްފައިވާ ފަރާތްތަކަށެވެ. އެއީ ބޮލަކަށް 40 ރުފިޔާ އެވެ. ގޭބިސީއަކަށް 240 ރުފިޔާ އެވެ.

މިނިސްޓަރު ވިދާޅުވީ، ސަބްސިޑީއަކީ ދާއިމީ ގޮތެއްގައި އަބަދު ދެވޭނެ އެއްޗެއް ނޫން ކަމަށާއި އެގޮތަށް ސަބްސިޑައިސްކޮށްފައި އަބަދު ބާއްވާނަމަ ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ. މުސްތަގުބަލުގައި މާބޮޑެތި ދަތިތައް ކުރިމަތިވާނެ ކަމަށެވެ.