ހޮލީވުޑް

ސްޕޮކް، ނިމޯއީ މަރުވެއްޖެ

މަޝްހޫރު ސައިންސް ފިކްޝަން ފިލްމު ސިލްސިލާ، "ސްޓާ ޓްރެކް" ގެ މިސްޓަ ސްޕޮކްގެ ރޯލުން ސިނަމާގެ ދުނިޔޭގައި ލެޖެންޑަކަށް ބަދަލުވި އެމެރިކާގެ އެކްޓަރު ލިއޮނާޑް ނިމޯއީ، އުމުރުން 83 އަހަރުގައި އިއްޔެ މަރުވެއްޖެ އެވެ.

އޭނާ މަރުވެފައި ވަނީ ކްރޯނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ބަލީގަ އެވެ. އޭނާގެ ފުއްޕާމޭ ހަލާކުވެ ނޭވާލުމުގެ ނިޒާމް ހަލާކުވެފައިވާކަން އާންމުކުރީ މިދިޔަ އަހަރު އެވެ.

މި ބަލި އާންމުކޮށް ޖެހެނީ ގަދަ އަށް ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ކަމަށް ދިރާސާތަކުން ދެއްކިޔަސް ނިމޯއީ ވަނީ މީގެ ތިރީހަކަށް އަހަރު ކުރިން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލައިފަ އެވެ.

ހާލު ގޯސްވެގެން އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ވަނީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އެވެ. މި ހާލުގައި އޮވޭ އޭނާ އެންމެފަހުން ކުރި ޓްވީޓްގައި ބުނެފައި ވަނީ "ދިރިއުޅުމަކީ ބަގީޗާއެއް" ކަހަލަ ދިރުމެއް ކަމަށެވެ.

"އެންމެ ފުރިހަމަ ހިނދުކޮޅުތައް ވެސް އަންނާނެ. އެކަމަކު ތާ އަބަދަކަށް ނުހިފެހެއްޓޭނެ. އެގޮތަށް ހިފެހެއްޓޭނީ ހަމައެކަނި ހަނދާން،" ނިމޯއީގެ ޓްވީޓްގައި ބުނެފައިވެ އެވެ.

ސްޕޮކްގެ ގޮތުގައި އޭނާ އެންމެ ފުރަތަމަ ބެލުންތެރިންނާ ބައްދަލުކުރީ 1979 ވަނަ އަހަރު ނެރުނު "ސްޓާ ޓްރެކް: ދަ މޯޝަން ޕިކްޗާ" އިންނެވެ. އެއަށް ފަހު ފަސް ފަހަރެއްގެ މަތިން މި އާދަޔާހިލާފު ރޯލުން އޭނާ ފެނިގެން ދިޔަ އެވެ.

"ސްޓާޓްރެކް" ރީބޫޓްކޮށްގެން ފަށާފައިވާ ސިލްސިލާގެ ދެ ފިލްމުގައި ވެސް ހާއްސަ ރޯލުތަކުން އޭނާ ފެނިފައިވެ އެވެ. މި ފަހުން ނެރުނު "ސްޓާ ޓްރެކް: އިން ޓު ދަ ޑާކްނެސް" ގައި ކުޅެފައިވާ ހާއްސަ ފެނިލުމަކީ އޭނާގެ އެންމެ ފަހު ފިލްމު އެޕިއަރެންސް އެވެ.