ހަބަރު

ގިނަ ދިވެހިން ބޭނުންކުރަނީ ސަބްސިޑީ ނުދޭ ހަޑޫ: ޒުހޫރު

ސަބްސިޑީ ކޮށްފައިވާ އާދައިގެ ކާޑުގެ ބާވަތްތައް ގިނަ ދިވެހިން މިހާރު ބޭނުން ނުކުރާ ކަމަށާއި މިހާރު ގިނަ މީހުން ބޭނުން ކުރަނީ ޕްރައިވެޓް ސެކްޓަރުން ވިއްކާ ޕެކެޓްކޮށްފައިވާ މޮޅެތި ހަނޑޫ، ހަކުރު އަދި ފުށުގެ ބާވަތްތައް ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ޒުހޫރު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޒުހޫރު ވިދާޅުވީ، ޑޭޓާއަށް ބަލާއިރު ރާއްޖެއަށް އެތެރެކުރާ ކާޑުގެ ބާވަތުގެ 30 ޕަސެންޓް އެތެރެކުރަނީ ޕްރައިވެޓް ސެކްޓަރުން ކަމަށެވެ. ޕްރައިވެޓް ސެކްޓަރުން އެތެރެކުރާ ހަކުރާއި ހަނޑޫ އަދި ފުށަށް ސަބްސިޑީއެއް ނުދެ އެވެ. އެ ތަކެތި ވިއްކަމުން ދަނީ މާކެޓް އަގުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ގިނަ ދިވެހިން ބޭނުން ކުރަނީ ވެސް ބާސްމަތީ ހަނޑޫކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ދިވެހިންގެ ތެރޭގައި ލައިފްސްޓައިލް ހުރި ގޮތުން އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ގިނަ ދިވެހިން ހަމަ ބޭނުންކުރަނީ ބާސްމަތީ ހަނޑޫ، ނުވަތަ ޕެކެޓްކޮށްފަ ހަނޑޫ ޕެކެޓެއް، އޭގައި ސަބްސިޑީއެއް ނެތޭ ވެސް ހިތަށް ނާރާ، ހަމަ އެ ގަނެގެން މިދަނީ، އަޅުގަނޑުމެންގެ ބޮޑު ޕަސެންޓޭޗެއް ހަމަ ބޭނުން ކުރަމުން މިދަނީ ބާސްމަތީ ހަނޑޫ، ފުއް ދިގު ހަނޑޫ ނުވަތަ ޕެކެޓް ރައިސް ނުވަތަ ބޭގް ރައީސް، މި އެއްޗަކީ އެއްވެސް ހާލެއްގައި ސަބްސިޑައިސްކޮށްފައިވާ ތަކެއްޗެއް ނޫން،" ޒުހޫރު ވިދާޅުވި އެވެ.

މިނިސްޓަރު ޒުހޫރު ވިދާޅުވީ، ރާއްޖޭގައި ސަބްސިޑައިސްކޮށްފައިވަނީ ހަމައެކަނި ކާޑު ނޫން ކަމަށާއި ގިނަ ހިދުމަތްތަކަކުން ސަބްސިޑީ ދެމުންދާއިރު ރައްޔިތުންނަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ހޭދަކުރަން ޖެހެނީ އުފަލަށް ކަމަށެވެ.

ކާޑުގެ އަގަށް ގެނައި ބަދަލާއެކު، ބައެއް ހޯޓާ ރެސްޓޯރެންޓް ފަދަ ތަންތަނުން ތަކެތީގެ އަގު ބޮޑުކުރި މައްސަލާގައި މިނިސްޓަރު ޒުހޫރު ވިދާޅުވީ، ސަބްސިޑީ ލިބިގެންދާނީ ވަރަށް ނިކަމެތި މީހުންނަށް ކަމަށާއި އެމީހުން ހޮޓާތަކުގައި ބޭނުން ވަރަށް ނުހިފާނެ ކަމަށެވެ. އެމީހުންނަކީ ގޭގައި ކައްކައިގެން ކައިގެން ބޮއެގެން އުޅޭ މީހުން ކަމަށް ޒުހޫރު ވިދާޅުވި އެވެ.

"ހޮޓެލް ރެސްޓޯރެންޓް މި ބޭނުންކުރަނީ އާންމު ގޮތެއްގައި އެކްސެސް، އިިތުރުވާ ފައިސާއެއް އަތުގަ ހުންނަ މީހުން، ހޮޓާ ހޮޓަލުން އަންނަ ބަދަލަކުން ސަރުކާރުން ރެގިއުލޭޓްކުރަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން، މާކެޓް އިކޮނޮމީއަށް އަޅުގަނޑުމެން ދާން މިޖެހެނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަނުން އަގަށް ބަދަލު ގެނައި ނަމަވެސް އެއީ ސަރުކާރުން ކޮންޓްރޯލްކުރަން ޖެހޭ ކަންކަން ނޫން ކަމަށާއި އެކަންކަން ކޮންޓްރޯލްވާނީ މާކެޓުން ކަމަށެވެ.

މިހާރު ސަރުކާރުން ނިންމާފައިވާ ގޮތުގައި ކާޑުގެ ސަބްސިޑީ ދޭނީ އެންސްޕާ މެދުވެރިކޮށް، އެންސްޕާގައި ފަގީރުންގެ ގޮތުގައި ރަޖިސްޓާކޮށްފައިވާ ފަރާތްތަކަށެވެ. އެއީ ބޮލަކަށް 40 ރުފިޔާ އެވެ. ގޭބިސީއަކަށް 240 ރުފިޔާ އެވެ.