ހަބަރު

ދުވަސްވީ މީހުންނަށްދޭ އިނާޔަތުން ނާޖައިޒު ފައިދާ ނުނެގޭނެ ނިޒާމެއް ބޭނުން: އެޗްއާރްސީއެމް

އުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުން ދޭ އިނާޔަތުގެ ނާޖައިޒް ފައިދާ ނުނެގޭނެ ނިޒާމެއް ގާއިމުކުރަން ޖެހިފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން މިއަދު ބުނެފި އެވެ.

އުމުރުން ދުވަސްވީ މީހުންގެ ދުވަހާ ގުޅިގެން އެޗްއާރްސީއެމްއިން ނެރުނު ނޫސް ބަޔާނުގައި ބުނީ، އެ ކޮމިޝަނަށް ހުށަހަޅާ އުމުރުން ދުވަސްވީ ފަރާތްތަކާ ގުޅުންހުރި މައްސަލަތަކުގެ ބާވަތްތަކަށް ބަލާއިރު، އެންމެ ގިނައީ އެފަދަ ފަރާތްތަކަށް ލިބެންޖެހޭ ރައްކާތެރިކަމާއި އަޅާލުން އާއިލާގެ ފަރާތުން ނުލިބިގެން ހުށައަޅާފައިވާ މައްސަލަތައް ކަމަށެވެ.

ކޮމިޝަނަށް ހުށައަޅާ ދުވަސްވީ މީހުންނަށް ރައްކާތެރިކަމާއި އަޅާލުން ނުލިބޭ މައްސަލަތައް ހައްލުކުރުމުގައި ތަފާތު ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ، ބައެއް މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ދިގުމުއްދަތެއް ހޭދަވާ ކަމަށާއި އެފަދަ މައްސަލަތައް ހައްލުކުރުމުގައި ބައެއް މުއައްސަސާތަކުންކުރާ މަސައްކަތް ލަސްވުމުގެ ސަބަބުން، ނިކަމެތި ހާލަތުގައިވާ އުމުރުން ދުވަސްވީ ފަރާތްތަކަށް ލިބެންޖެހޭ އަޅާލުމާއި ރައްކާތެރިކަން އެންމެ އެކަށީގެންވާ ގޮތެއްގައި ކަށަވަރުނުކުރެވިދާ ކަމަށެވެ.

"... އެހެންކަމުން، އުމުރުން ދުވަސްވީ ފަރާތްތަކަށް ލިބިދޭންޖެހޭ އެންމެހާ ހައްގުތައް ކަށަވަރުކުރުމުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކޮށް، އުމުރުން ދުވަސްވީ މީހުންގެ ހައްގުތައް ކަށަވަރުކުރުމުގައި އެފަދަ ފަރާތްތަކުގެ ބަލަދުވެރިންނާއި، އާއިލާއާއި، ދައުލަތުގެ މުއައްސަސާތަކުން ފުރިހަމަ ގޮތުގައި ޒިންމާ އަދާކުރަމުން ގެންދިއުމަށް މިފުރުސަތުގައި ހަނދާން ކޮށްދެން،" އެޗްއާރްސީއެމްއިން ބުންޏެވެ.

އެ ކޮމިޝަނުން ބުނީ، އަޅާލާނެ ފަރާތެއްނެތި އެކަނިވެރިވެފައިވާ، އުމުރުން ދުވަސްވީ ފަރާތްތަކަށް ލޯތްބާއި، އަޅާލުމާއި، ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ އިތުރުން، އުމުރުން ދުވަސްވީ މީހުންނަށް ދައުލަތުން ދޭ މާލީ އިނާޔަތުގެ ނާޖާއިޒު ފައިދާ އެއްވެސް ފަރާތްތަކަށް ނުނެގޭނެފަދަ ނިޒާމެއް ގާއިމުކުރުމަކީ މިހާރަށް މުހިންމު ކަމެއް ކަމަށެވެ.

ގާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ށ) ގައިވާފަދައިން އުމުރުން ދުވަސްވީ މީހުންނަށް ލިބިދޭންޖެހޭ ހާއްސަ އެހީތެރިކަމާއި ރައްކާތެރިކަން އާއިލާގެ ފަރާތުންނާއި، މުޖުތުމައުގެ ފަރާތުންނާއި، ދައުލަތުގެ ފަރާތުން ފޯރުކޮށްދީ، އުމުރުން ދުވަސްވީ މީހުންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅުއަޅައި ޒިންމާދާރު ކުރެވޭނެ ނިޒާމެއް ގާއިމުކޮށް، އެމީހުންނަކީ މުޖުތަމައުގެ ލޯތްބާއި އަޅާލުމާއި އޯގާތެރިކަން ލިބިގެންވާ ބަޔަކަށް ހެދުމަށް މަސައްކަތްކުރުމަށް އެންމެހާ ފަރާތްތަކަށް އެޗްއާރްސީއެމްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.