ހަބަރު

ވިސްނުމަކީ ސަބްސިޑީތައް ނައްތާލައި، އެހީތައް ދިނުން: ޒުހޫރު

ސަރުކާރުގެ ވިސްނުން ހުރީ، ސަބްސިޑީތައް ކުޑަކޮށް، އެހީތައް ދިނުމަށް ކަމަށް އިކޮނޮމިކް ކައުންސިލްގެ ޗެއާކަން ކުރައްވަމުން އަންނަ ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.

ކާޑަށް ދޭ ސަބްސިޑީ ކުޑަކޮށް، އާންމު ކާޑުގެ އަގުތަކަށް ގެނައި ބަދަލާ ގުޅިގެން ރައީސް އޮފީހުގައި އިއްޔެ ބޭއްވި ޕްރެސްގައި މިނިސްޓަރު ޒުހޫރު ވިދާޅުވީ، ރާއްޖެ އަކީ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ދަރަޖައަށް ބަދަލުކޮށްފައި ވާތީ، ބޭރުގެ ހިލޭ އެހީތައް މިހާރު ރާއްޖެއަށް ނުލިބޭ ކަމަށެވެ. އަދި ރާއްޖޭގައި ބޮޑެތި އުމްރާނީ މަޝްރޫއުތައް ހިންގަނީ ބޭރުގެ މާލީ އިދާރާތަކުން ދޭ ކޮންސެޝަން ލޯނުތަކުގެ ތެރެއިން ކަމަށް ޒުހޫރު ވިދާޅުވި އެވެ. އެހެން ނަމަވެސް ރާއްޖޭގައި ހުރިހާ ކަމެއް ސަބްސިޑައިޒް ކޮށްފައިވާ ކަމަށް ބުނެ، އެފަދަ ލޯނުތައް ރާއްޖެއަށް ދިނުމަށް ބޭރުގެ މާލީ އިދާރާތަކުން ދެކޮޅު ހަދާ ކަމަށެވެ. ހާއްސަ ގޮތެއްގައި، ކަރަންޓާއި، ކާޑުގެ ބާވަތްތަކުގެ ސަބްސިޑީ ހަމަޔަކަށް އަޅުވަން ބޮޑެތި ފިއްތުންތައް ހުރިކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"ދުނިޔޭގެ މާލީ އިދާރާތަކުން މި އަންނަނީ ޕްރެޝަރު ކުރަމުން މިއީ އަޅުގަނޑުމެން ކުރަން ޖެހިފައި އޮތް ކަމެއް. ތަރައްގީގެ މަޝްރޫއުތައް އަޅުގަނޑުމެން ހިންގަން ޖެހޭ، އެކަން ކުރެވެނީ މި ބޭރުގެ މާލީ އިދާރާތަކުން އެހީތެރިކަން ލިބެމުން، އެކަމަކު އެހީތެރިކަން ލިބެން އަންނަނީ މި ސަބްސިޑީއަށް ބަދަލު ގެނެސްގެން،" ޒުހޫރު ވިދާޅުވި އެވެ. "[މިކަމުގައި] ސަރުކާރަށް ޕޮލިޓިކަލް ޕްރެޝަރު އެބަހުރި ނަމަވެސް އިހުލާސްތެރި ކަމާއެކު ކަންކަން ރަނގަޅު ކުރަންް ކުރެވޭ މަސައްކަތެއް މިއީ،"

މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ވިސްނުން ހުރީ ސަބްސިޑީތައް ނައްތާލައި، ދެވެން ހުރިހާ އެހީތަކެއް ރައްޔިތުންނަށް ދިނުމަށް ކަމަށެވެ. އެ ނޫން ގޮތަކަށް ގައުމު ހަމައަކަށް އެޅުވެން ނެތް ކަމަށެވެ.

"ޓާގެޓަކީ މިހެން ހުރި ހުރިހާ ސަބްސިޑީތައް ނައްތާލުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުން، އެހެން ނަމަވެސް ސަބްސިޑީއޭ ނުކިޔާ ދެވެން ހުރިހާ އެހީތެރިކަމެއް ދިނުން، އެއީ ސަބްސިޑީއޭ ކިޔައިގެން އަޅުގަނޑުމެންނަށް މި ގައުމު ހަމައަކަށް އެޅެވުމަށް ކުރިއަށް އޮތްތާގައި މަސައްކަތް ނުކުރެވޭނެ،" ނޫސްވެރިންގެ ބައްދަލުވުން ނިންމާލުމަށްފަހު މިނިސްޓަރު ވިދާޅުވި އެވެ.

މިހާރު ސަރުކާރުން ނިންމާފައިވާ ގޮތުގައި ކާޑުގެ ސަބްސިޑީ ދޭނީ އެންސްޕާ މެދުވެރިކޮށް، އެންސްޕާގައި ފަގީރުންގެ ގޮތުގައި ރަޖިސްޓާކޮށްފައިވާ ފަރާތްތަކަށެވެ. އެއީ ބޮލަކަށް 40 ރުފިޔާ އެވެ. ގޭބިސީއަކަށް 240 ރުފިޔާ އެވެ.

މީގެކުރިން ކަރަންޓްގެ ސަބްސިޑީ ވެސް ކުޑަކޮށްފައިވާއިރު، ސްކޫލްތަކުގެ ކިޔަވައި ތަކެއްޗަށް ވެސް ސަރުކާރުން މިހާރު ދަނީ ސަބްސިޑީ ދެމުންނެވެ.

"ސަބްސިޑީ މި ދެނީ ކާޑަކަށް އެކަންޏެއް ނޫން، ބޭސް ފަރުވާގައި ވެސް މި ދެނީ ސަބްސިޑީ، ސަބްސިޑީ މި އޮތީ ޑޮކްޓަރަށް ދެއްކުމުގައި ވެސް، ސަބްސިޑީ މި އޮތީ ކިޔަވަން ދިޔުމުގައި ވެސް، ސަބްސިޑީ މި އޮތީ ފޮތް ފަންސޫރު ގަތުމުގައި ވެސް، ސަބްސިޑީ މި އޮތީ ނަރުދަމާ ގައި ވެސް، ސަބްސިޑީ މި އޮތީ ބަނދަރު ހެދުމުގައި ވެސް، އެހެންވީމާ އަޅުގަނޑުމެންގެ ތެރޭގައި ސަބްސިޑީ އެއްޗަކަށް މި އޮތީ، ބޭރުގެ މާލީ އިދާރާތަކުން އަޅުގަނޑުމެންނަށް ސަބްސިޑީ ހުއްޓާލުމަށް އަންގަމުންދާ އެންގުން އަބަދުގެ އަބަދަށް އަޑު ނާހާ ތިބެވެން ނެތީމަ، ޑައިރެކްޓް ހޯލް ސޭލް ސަބްސިޑީއެއް ގޮތުގައި ދެވިގެން މި ދަނީ ކާޑު ސަބްސިޑީ އާއި ކަރަންޓު ސަބްސިޑީ، އެ ސަބްސިޑީ ރައްޔިތުންނަށް ގެއްލުން ކުޑަވާނެ ގޮތަކަށް ކުޑަކުރަން މަސައްކަތް ކުރަމުން މި ދިޔައީ،" މިނިސްޓަރު ވިދާޅުވި އެވެ.