ސުޕްރީމް ކޯޓުގެ ސާކިއުލާއަކުން ސިވިލް ކޯޓުގައި ގާއިމްކުރި ފަސް ޑިވިޝަނުން މައްސަލަތައް ބެލުމުގައި އަމަލުކުރާނެ އުސޫލުތަކެއް ކަނޑައަޅައިފި އެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި އެ ކޯޓުގެ ގާޒީންގެ އާންމު މަޖިލީހުން ވަނީ މައްސަލަ ކޯޓަށް ބަލައިގަތުމާއި ރަޖިސްޓްރީ ކުރުމާއި ޑިސްޕިއުޓް ރިޒޮލިއުޝަނަށް ފޮނުވުމާއި އެ ޑިވިޝަނުން އެހެން ޑިވިޝަންތަކަށް މައްސަލަ ފޮނުވުމުގައި އަމަލުކުރާނެ އުސޫލުތަކާއި ހުކުމް ތަންފީޒު ކުރުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކޮށްފަ އެވެ.
ސުޕްރީމް ކޯޓުން މިދިޔަ މަހު ނެރުނު ސާކިއުލާއެއްގެ ދަށުން ސިވިލް ކޯޓުގައި ގާއިމްކޮށްފައިވަނީ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނަކާއި މުދަލާއި ފައިސާއާބެހޭ ކުދި މައްސަލަތަކާއި އަވަސް ނިޔާގެ މައްސަލަތައް ބަލާ ޑިވިޝަނެއްގެ އިތުރުން މުދަލާއި ފައިސާއާ ބެހޭ ބޮޑެތި މައްސަލަތައް ޑިވިޝަނަކާއި އިދާރީ މައްސަލަތައް ބަލާ ޑިވިޝަނަކާއި ހުކުމް ތަންފީޒު ކުރާ ޑިވިޝަނެކެވެ.
އެ ޑިވިޝަންތަކުން މައްސަލަ ބެލުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމުގެ އިތުރުން އެއިން ކޮންމެ ޑިވިޝަނަކަށް މައްސަލަ ހުށަހެޅުމަށް އާ ފޯމްތަކެއް ވެސް ސިވިލް ކޯޓުގެ ގާޒީންގެ އާންމު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެހެންވެ މާދަމާއިން ފެށިގެން އެ ކޯޓަށް މައްސަލަ ހުށަހަޅަންޖެހޭނީ އާ ފޯމް މެދުވެރިކޮށް ކަމަށް ސިވިލް ކޯޓުން ބުންޏެވެ.
ނަމަވެސް މާދަމާގެ ކުރިން ހުށަހަޅާފައިވާ ކުރީގެ ފޯމްތައް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.