ހަބަރު

ދާހިލީ ހަމަޖެހުން އޮންނާނީ ރައްޔިތުން ވަފާތެރިވެގެން: ސީޕީ

ދާހިލީ ހަމަޖެހުމަކީ މުޅި ގައުމުގެ ހަމަޖެހުން ކަމަށާއި މި ހަމަޖެހުން ދެމެހެއްޓުމުގައި ކޮންމެ ފަރުދެއްގެ ވަފާތެރިކަން މުހިންމު ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު އަރީފް މިއަދު ވިދާޅުވެއްޖެ އެވެ. ސީޕީ ވިދާޅުވީ ދާހިލީ ހަމަޖެހުމަށް ކޮންމެ ރައްޔިތެއްގެ އެހީތެރިކަން މުހިންމު ކަމަށެވެ.

ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ސީޕީ ދެއްވި ހިތޯބުގައި ވިދާޅުވީ، ހިޖުރީ އާ އަހަރެއް ފެށިގެންދިޔައިރު ރާއްޖެ މި އޮތީ، މިނިވަން ގައުމެއްގެ ގޮތުގައި ކަމަށާއި ރަށްރަށުގައި ހިމޭންކަން، މަގުމަގުގައި އަމާންކަން އެބަ އޮތް ކަމަށެވެ. ނަމަވެސް އިސްލާމީ ބޮޑެތި ބައެއް ގައުމުތައް މިއަދު އޮތީ އަމާންކަމެއްގައެއް ނޫން ކަމަށާއި އެ ގައުމުތަކުގެ ދާހިލީ ހާލަތު ވަރަށް ނިކަމެތި ކަމަށެވެ. ރައްޔިތުންވަނީ އިންސާނީ ކާރިސާއެއްގެތެރޭގައި ކަމަށް ސީޕީ ވިދާޅުވި އެވެ.

"މި ހާލަތަށް އެ ގައުމުތައް ވެށްޓެމުން މި ދަނީ އަޅުގަނޑުމެންގެ ކުރިމަތީގައެވެ. ކަންވާ ގޮތާ ވަމުންދާ ގޮތް ދެނެގަންނާކަށް، ވިސްނައިލީމާ އުނދަގުލެއް ނޫނެވެ. އެކި ބާވަތްވާތުގެ މިނިވަންކަމާއި، ހައްގުތަކުގެ ނަމުގައި ބޭރުގެ ލާދީނީ ހީލަތްތެރި ނުފޫޒުތައް އެ ގައުމުތަކަށް ވަދެގަތީ އެވެ. އެ ފަރާތްތަކުން ހިންގަމުންދާ އަޑި ނޭނގޭ ހެއްލުންތެރި ފިކުރީ ހަނގުރާމައިގެ ޝިކާރަޔަކަށް ބައެއް ރައްޔިތުންނަށް ވެވުނީއެވެ. ނަތީޖާއަކީ އެންމެ ޒަމާނީ ހަތިޔާރުތަކުގެ ގޮއްވުންތަކާއި ސުންނާފަތިކުރުންތަކާ މުޅި ގައުމު ކުރިމަތިލާން ޖެހުމެވެ. އާހިރުގައި ދިރި ތިބުމުގެ ހައްގު ވެސް ގެއްލިގެން ދިޔުމެވެ. ބާކީ އޮތީ ވީރާނާކަމާއި ވިއްސިވިހާލިވުމެވެ." ސީޕީ ވިދާޅުވި އެވެ.

ސީޕީ އަރީފް ވިދާޅުވީ، ދިވެހީންނަކީ މިނިވަންކަމަށް ލޯބިކުރާ ބައެއް ކަމަށެވެ. މިނިވަން ގައުމެއްގެ ގޮތުގައި ދެމި ތިބި ބައެއް ކަމަށެވެ. ތާރީހުގެ އެތައް ހާދިސާއަކަށް ބަލައިލާއިރު، ރާއްޖެ ބޭރުގެ ނުބައި ރޭވުންތަކުން ސަލާމަތްވެފައި ވަނީ، ދިވެހީންގެ އީމާނާއި، އިހްލާސްތެރި ދުއާގެ ހަތިޔާރުން ކަމަށާއި ކަނޑިބަޑި ސިލޭހަޔާއި، ރޮކެޓާއި ބަޒޫކާއަކުން ނޫން ކަމަށް ސީޕީ ވިދާޅުވި އެވެ. ހަމަ އެހެންމެ ރާއްޖެ ބޭރު ބައެއްގެ އަޅުވެތިކަމުގެ ދަށަށް ދިޔަ ކޮންމެ ފަހަރަކު އެ ގެއްލުން ރާއްޖެއަށް ލިބިފައިވަނީ، ދިވެހީންގެ ތެރެއިން ގައުމާއި ދީނަށް ހަޔާނާތްތެރި ބަޔަކު ބޭރުގެ އަދާވާތްތެރީންގެ ހެއްލުންތެރި ރޭވުންތަކުގައި ޖެހުމުގެ ސަބަބުންކަން ސީޕީ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން ފުލުހުންގެ ޒިންމާއަކީ ދިވެހި ގައުމުގެ ދާހިލީ ހަމަޖެހުން ދެމެހެއްޓުމެވެ. ފުލުހުންގެ ތާރީހުގައި އެ ކަމަށްޓަކައި އެންމެ ފުރަތަމަ ބޮޑު އޮޕަރޭޝަނެއް ހިންގަން ޖެހިފައި ވަނީ ވެސް ބޭރުބައެއްގެ އަތް މައްޗަށް ދިވެހީން ދީލިގެން ގޮސް، އުފެދުނު ހަމަނުޖެހުންތަކެއްގެ ތެރޭގައެވެ. އެއީ ބުންބާ މީހުން ރާއްޖޭގައި ތިބި ދުވަސްވަރު، އެ މީހުން ކުރި ހަޅުތާލެއް ހައްލުކުރުމުގައެވެ. އެއީ ވެސް އިނގިރޭސީންގެ ރައްޔިތުންގެ ނަމުގައި އެ މީހުން ތިބިތިބުމެއްގައެވެ." ސީޕީ ވިދާޅުވި އެވެ.

މިއަދު ވެސްފުލުހުން މި ތިބީ އެ ގޮތުގައި ކަމަށާއި ފުލުހުން ތިބުމަށް އެދެނީ ވެސް އެ ގޮތުގައި ކަމަށް ސީޕީ ވިދާޅުވި އެވެ. ދާހިލީ ހަމަޖެހުމަށް ކޮންމެ ފަރުދެއްގެ ވަފާތެރިކަމާއި އެހީތެރިކަން ބޭނުންވާ ފަދައިން ސީޕީ ވިދާޅުވި ގޮތުގައި ކޮންމެ ފުލުހެއްގެ ނުގުޑާނޭ އަޒުމާއި ސާފު އީމާންތެރިކަން ވެސް ނިހާޔަތަށް މުހިންމެވެ.

"މިއީ ދިވެހީންގެ ގައުމެވެ. ދިވެހިކޮންމެ ރައްޔިތެއްގެ ގައުމެވެ. އެހެންކަމުން ދިވެހި ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ދިފާއުކުރުމުގައި އަޅުގަނޑުމެން އެންމެން އެއް އަޒުމެއްގައި ދެމި ތިބެމާތޯއެވެ؟ ބޭރުގެ އަޑި ނުބައި ނުފޫޒުތަކުގެ ރޭވުންތައް މޭރުންވާ ހޭލުންތެރި ބަޔަކަށް ވަމާ ތޯއެވެ،" ސީޕީ ވިދާޅުވި އެވެ.