މިއީ ޗައިނާގެ ބައެއް ކުންފުނިތަކުގައި މަސައްކަތްކުރާ އެގައުމުގެ މުވައްޒަފުންނަށް ދިމާވެގެން އުޅޭ މައްސަލަ އެކެވެ. އައިފޯން ސެވަން ނުވަތަ އައިފޯން ސެވަން ޕްލަސްއެއް ގަނެފި ނަމަ ވަޒީފާ ގެއްލެނީ އެވެ. ނުވަތަ ޕްރޮމޯޝަނެއް ލިބުމުގެ ބަދަލުގައި ތިރިއަށް ވެއްޓުމުގެ ފުރުސަތު ބޮޑުވަނީ އެވެ.
ޗައިނާގެ ބައެއް ކުންފުނިތަކާއި ހޮސްޕިޓަލްތަކުގައި އައިފޯނާ ދެކޮޅަށް މިފަދަ ގަވާއިދެއް އާންމުކޮށްފައިވާއިރު ބެލެވެނީ މިއީ ވަތަނީ ފޯރީގައި އެގައުމުގެ ބައެއް ކުންފުނިތަކުންކޮށްފައިވާ ކަމެއް ކަމަށެވެ. ޗައިނާގެ ހެނަން ޕްރޮވިންސްގެ ނެންޔަންގް ޔޮންގްކަންގް މެޑިސިން ކޮމްޕެނީ އިން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ އައިފޯން ސެވަން ނުވަތަ ސެވަން ޕްލަސްއެއް ގަނެފި ނަމަ އެ މުވައްޒަފަކު އޮފީހަށް ދެން އަންނަން ޖެހޭނީ އެމީހެއްގެ އިސްތިއުފާގެ ސިޓީ ލިޔެގެން ކަމަށެވެ.
މީގެ އިތުރުން އެހެން ބައެއް ކުންފުނިތަކުން ނެރެފައިވާ މިފަދަ ގަވާއިދުތަކުގައި ބުނެފައި ވަނީ އައިފޯނުގެ ފަހުގެ ފޯނަކީ އަގު ވަރަށް ބޮޑު ފޯނެއް ކަމަށްވީ ހިނދު ބޭކާރު ޚަރަދުކުރުން ހުއްޓާލުމުގެ މަގުސަދުގައި ނަމަވެސް އައިފޯނު ގަތުން ހުއްޓާލަން ޖެހޭ ކަމަށެވެ.
އެމެރިކާގެ މަޝްހޫރު އެޕަލް ކުންފުނީގެ އައިފޯނާ ދެކޮޅު މިފަދަ ވަތަނީ ރޫހެއް ޗައިނާގެ ބައެއް ކުންފުނިތަކުން އާންމުކޮށްފައިވާއިރު އައިފޯނުގެ ގިނަ ފެކްޓަރީތަކެއް ޗައިނާގައި ގާއިމުކޮށް ހިންގަމުންގެންދާކަން ފާހަގަކޮށްލެވެ އެވެ. އަނެއްކޮޅުން ޗައިނާ މާކެޓަކީ އައިފޯނުގެ ޑިމާންޑް ވަރަށް ބޮޑު މާކެޓެކެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން ޗައިނާގައި 2015 ވަނަ އަހަރުގެ ނިޔަލަށް، ބޭނުންކުރާ ސްމާޓްފޯނުގެ އަދަދު 780 މިލިއަނަށް އަރާފައިވާއިރު އޭގެ ތެރޭގައި އެންމެ މަގްބޫލު ސްމާޓްފޯނަކީ އައިފޯނެވެ. އެއީ ޗައިނާ މާކެޓްގެ 16.8 ޕަސެންޓެވެ.
އެހެންކަމުން ޗައިނާގެ ސްމޯޓްފޯން މާކެޓް އެމެރިކާ އަށް ވުރެން ވެސް އެޕަލް އަށް މުހިންމެވެ. ޗައިނާގައި ބޭނުންކުރާ އައިފޯނުގެ އަދަދު 131 މިލިއަނަށް އަރާފައިވާއިރު އެމެރިކާގައި ބޭނުންކުރާ އައިފޯނުގެ އަދަދަކީ 110 މިލިއަނެވެ.