ހަބަރު

ސަބްސިޑީދޭ ފަގީރުން ކަނޑައަޅަނީ ވޯލްޑް ބޭންކްގެ މިންގަނޑަށް: އެންސްޕާ

ސަރުކާރުން ދޭ ސަބްސިޑީތައް ދެނީ ވޯލްޑް ބޭންކުން ކަނޑައަޅާފައިވާ ފަގީރުންގެ މިންގަނޑަށް ބަލައިގެން ކަމަށް އެންސްޕާއިން ބުނެފި އެވެ. ފަގީރުންނަށް ސަބްސިޑީތައް ދޫކުރަނީ އެންސްޕާއިންނެވެ.

އިއްޔެއިން ފެށިގެން ސަރުކާރުން ނިންމާފައިވަނީ ކާޑުގެ ސަބްސިޑީ ދޭނީ އެންސްޕާ މެދުވެރިކޮށް، އެންސްޕާގައި ފަގީރުންގެ ގޮތުގައި ރަޖިސްޓާކޮށްފައިވާ ފަރާތްތަކަށެވެ. އެއީ ބޮލަކަށް މަހަކު 40 ރުފިޔާ އެވެ. ގޭބިސީއަކަށް 240 ރުފިޔާ އެވެ. ނަމަވެސް ފަގީރުންގެ މިންގަނޑު ސަރުކާރުން ހާމަނުކުރާ ކަމަށް ބުނެ ބައެއް ފަރާތްތަކާއި އިދިކޮޅު ސިޔާސީ ފަރާތްތަކުން ވަނީ ފާޑުކިޔާފަ އެވެ.

މިރޭ އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލު އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ސަބްސިޑީ ދިނުމަށް ފަގީރުން ކަނޑައަޅަނީ ވޯލްޑް ބޭންކްގެ ޕްރޮކްސީ މީންސް ޓެސްޓް (ޕީއެސްޓީ) އާ އެއްގޮތަށް ކަމަށެވެ. އެއީ އެހެން ގައުމުތަކުން ވެސް އެކަން ކުރަމުން އަންނަ އުސޫލު ކަމަށް ވެސް ވިދާޅުވި އެވެ.

ޕީއެސްޓީ މިންގަނޑުގައި މައިގަނޑު ގޮތެއްގައި ބަލަނީ ތިން ކަމަކަށެވެ. އެއީ، އެމީހަކަށް އާމްދަނީ ލިބޭ މިންވަރާއި ކެއުން ބުއިމަށް ކުރާ ހަރަދާއި އެގެއެއްގެ ހާލަތެވެ.

ވޯލްޑް ބޭންކުން ފަގީރެއްގެ ގޮތުގައި ކަނޑައަޅަނީ ވަކި މިންވަރަކަށްވުރެ ދަށް އާމްދަނީއެއް އެމީހަކަށް ލިބޭނަމަ އެވެ. އެގޮތުން އެންމެފަހުން، މިދިޔަ އަހަރު ކަނޑައަޅާފައިވާ ގޮތުގައި ފަގީރެއްކަމުގައި ބަލަނީ ދުވާލަކު 1.90 ޑޮލަރު ނުލިބޭ މީހުންނެވެ. އެއީ ގާތްގަނޑަކަށް 29.4 ރުފިޔާ އެވެ.

އެންސްޕާއިން އެކުލަވާލާފައިވާ، "ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ކާބޯތަކެތި ގަތުމަށް މާލީ އެހީ ދިނުމާ ބެހޭ ގަވާއިދު" އަކީ ވެސް ވޯލްޑް ބޭންކްގެ މިންގަނޑަށް ފައްތައިގެން އެކުލަވާލާފައިވާ ގަވައިދެއްކަން މުޖުތަބާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސަބްސިޑީ ހޯދުމަށް އެދޭ ފޯމުގައި ޕީއެސްޓީގެ މިންގަނޑުގައި ކަނޑައަޅާފައިވާ ތިން ކަން ހިމަނާފައިވެ އެވެ. ފަގީރުން ކަމަށް އެންސްޕާއިން ވެސް ކަނޑައަޅަނީ ޕީއެސްޓީގެ މިންގަނޑަށް ބަލައިގެނެވެ. އޭނާ އަދި ވިދާޅުވީ އެންސްޕާއިން އަބަދުވެސް އަމަލުކުރަމުން އައީ އެ މިންގަނޑަށް ބަަލައިގެން ކަމަށެވެ.

ސަބްސިޑީ ހޯދުމުގެ ފުރުސަތު މިހާރު ވެސް ވަނީ ހުޅުވާލާފަ އެވެ. މިދިޔަ މާޗް މަހު އެ ފުރުސަތު ހުޅުވާލިއިރު އެކަމަށް އެދުނީ ވަރަށް މަދު ފަރާތެކެވެ.

ކާޑުގެ ސަބްސިޑީ ހޯދުމަށް އެދޭ ފޯމްގައި، ގޭގައި ދިރިއުޅޭ މީހުންގެ އަދަދާއި އެގެއަށް ބޭނުން ކުރާ ކޮޓަރީގެ އަދަދާއި 18 އަހަރުން ދަށުގެ ކުދިން ތިބޭ މައިންގެ އަދަދު ފަދަ މައުލޫމާތުތައް ފޯރުކޮށްދޭންޖެހެ އެވެ. އޭގެއިތުރަށް، އެ ގެއެއްގައި ބޭނުންކުރާ ދޮންނަ މެޝިނާއި ރޭޑިއޯ އާއި ޓީވީ އަދި އައިސަލަމާރީ ފަދަ ތަކެތީގެ އަދަދު ވެސް ހާމަކުރަން ޖެހެ އެވެ.

ކާޑްގެ ސަބްސިޑީ ކޮންޓްރޯލް ކުރުމާ އެކު، 3.98 ރުފިޔާއަށް ވިއްކާ ހަޑޫ ކިލޯއެއް ދެން ވިއްކާނީ 7.96 ރުފިޔާއަށެވެ. އަދި ފުށް ކިލޯއެއްގެ އަގު، 5.96 ރުފިޔާ ބޮޑުވާނެ އެވެ. މިހާރު ވިއްކަނީ، 2.98 ރުފިޔާ އަށެވެ. އަދި ހަކުރު ކިލޯއެއްގެ އަގު ވަނީ ހަތަރު ރުފިޔާއިން އަށް ރުފިޔާއަށް ބޮޑުކޮށްފަ އެވެ.

މީގެ ކުރިން ވެސް ބާސްމަތީ ހަނޑޫ ފަދަ މޮޅުހަނޑުލަށް ސަބްސިޑީއެއް ނުދެ އެވެ. ހަމައެކަނި ސަބްސިޑީ ދެނީ އެންމެ އާދައިގެ ކާޑުގެ ބާވަތްތަކަށެވެ. މީގެ ކުރީގެ ސަރުކާރުތަކުން ވެސް ކާޑްގެ ސަބްސިޑީ ކަނޑާލުމަށް މަސައްކަތް ކުރި އެވެ.