ލައިފްސްޓައިލް

އިސްތަށިގަނޑަށް އެންމެ ރަނގަޅު ޑައެޓަކީ ކޮބާ؟

Oct 3, 2016

އަހަރެމެންގެ ހަށިގަނޑު އުފެދި ބޮޑުވެގެން ދަނީ ކާއެއްޗިއްސަށް ބަރޯސާވެގެންނެވެ. މިއީ ސިއްރެއް ނޫނެވެ. ތިބާ ތިއީ ތިބާ ކާ އެއްޗެހިތަކެއްގެ އުފެއްދުމެކެވެ. ކަންމިހެން އޮތްއިރު ވަރަށް ގިނަ ބަޔަކު ސިއްހީ ފައިދާ ގިނަ ބާވަތްތަކަށް ޝައުގުވެރިވަނީ އާންމުކޮށް ކޮލެސްޓްރޯލާއި ލޭގެ ޕްރެޝަރު މައިތިރި ކުރުމަށެވެ. އެކަމަކު އެނގޭ ހެއްޔެވެ؟

ސިއްހީ ފައިދާ ގިނަ ބާވަތްތައް ގަވާއިދުން ކަނީ ކަމުގައި ވަނީ ނަމަ އެއިން އެތަކެއް ފައިދާއެއް ހޯދިދާނެ އެވެ. މިސާލަކަށް ބޮލުގައި އޮންނަ އިސްތަށިގަނޑުގެ ކުރަކިކަން ފިލުވާލައި، ވިދައި ބަބުޅާ އޮމާން ވަރުގަދަ އިސްތަށިގަނޑެއްގެ ވެސް ކެއުމަކުން ހޯދައިގަނެވިދާނެ އެވެ.

ވިޓަމިން ސީ ވަރަށް މުހިންމު

ވިޓަމިން ސީ އަކީ ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަކޮށްދޭ ކަމަށް މަޝްހޫރު ވިޓަމިނެކެވެ. މިއީ ބޮލުގައި އޮންނަ އިސްތަށިގަނޑު ވަރުގަދަކޮށް ދިރުވައި ދިނުމަށް ވެސް ނިކަން މުހިންމު ފަރުވާއެކެވެ. ހެއާ ކެއާ އިންޑަސްޓްރީގެ އެންމެ އަގުބޮޑު ނުވަތަ އެންމެ ޑިމާންޑްބޮޑު ވިޓަމިނަކަށް ވިޓަމިން ސީ ވަނީ ވެސް މި ސަބަބާ ހެދި އެވެ.

ވިޓަމިން ސީ އަކީ އިސްތަށިގަނޑު ވަރުގަދަކުރުމަށް ބޭނުންވާ މާއްދާތަކުގެ މުހިންމު ކާނާއެކެވެ. އަދި ފާހަގަކޮށްލަން ޖެހެނީ ވިޓަމިން ސީގެ ތަފާތު ބާވަތްތައް ނެގުމުގެ ބަދަލުގައި ގުދުރަތީ މޭވާ އާއި ފަތްޕިލާވެލި ބޭނުންކޮށްގެން ބޮލަށް ވިޓަމިން ސީގެ ފައިދާ ހޯދުންކަމެވެ.

ލެމަން، ލައިމް، އޮރޭންޖު އަދި ގްރޭޕްފުރުޓާއި ސްޕިނެޗް ފަދަ ބާވަތްތަކުން ވިޓަމިން ސީގެ މުއްސަނދިކަން ލިބިގަނެވިދާނެ އެވެ.

އިސްތަށިގަނޑު ދިގުކުރަން ބޭނުން ނަމަ ޕްރޮޓީން ނަގާ

ކުރު ނުވަތަ ބުޅި އިސްތަށިގަނޑެއް ރީތިވެފައި ގެންގުޅެލަން ވެސް ފަސޭހަވާނެ އެވެ. އެކަމަކު އިސްތަށިގަނޑު ދިގުވުމަކީ ވެސް ނިކަން ރީތި ސިފައެކެވެ. ދިގު އިސްތަށިގަނޑެއް ބޭނުން ނަމަ ހަށިގަނޑަށް ޕްރޮޓީން ނަގާ މިންވަރު އިތުރުކުރަން ޖެހޭނެ އެވެ.

ނުވަތަ ބައޯޓިން (ވިޓަމިން ބީ7) ލިއްބައިދޭ ކެއުމުގެ ބާވަތްތައް ނެގުން އިތުރުކުރަން ޖެހޭނެ އެވެ. މި މާއްދާ އަކީ އެވޮކާޑޯ އާއި ބިހާއި އާމަންޑް ފަދަ ބާވަތްތަކުގައި މުއްސަނދި ވިޓަމިނެކެވެ.

ހަށިގަނޑުގެ ރީތިކަމަށް ވިސްނައިގެން ޑައެޓެއް އިހްތިޔާރުކުރަނީ ކަމުގައި ވަނީ ނަމަ ވިޓަމިން ބީގެ ހުރިހާ މާއްދާތަކެއް ލިއްބައިދޭ ބާވަތްބާވަތުގެ ކެއުން މުހިންމުވެ އެވެ. ވިޓަމިން ބީގެ އެކި ބާވަތްތަކަކީ ރެޑް ސެލްސް އުފައްދައި ސިކުނޑީގެ ތަރައްގީ އަށް ވެސް އުފެއްދުންތެރިކަން އިތުރުކޮށްދޭ ބާވަތްތަކެވެ.

ދިގު ވަރުގަދަ އިސްތަށިގަނޑެއް ހޯދުމުގެ ބޭނުމުގައި ހަމައެކަނި އެވޮކާޑޯ އާއި އާމަންޑް ފަދަ ބާވަތްތައް ނެގުމުގެ ބަދަލުގައި މަހާއި ގްރީކް ޔޯގަޓް ފަދަ ބާވަތްތައް ވެސް ޑައެޓަށް އިތުރުކުރުން މުހިންމެވެ.

ބޮލުން އިސްތަށިފޭބުން ހުއްޓުވާނީ ކިހިނެތް؟

ސްޓްރެސް ލެވެލް މަތިވުމަކީ ބޮލުން އިސްތަށިފައިބާ ކަމެކެވެ. އެހެންވީމަ ބޮލުން އިސްތަށިފޭބުން ކޮންޓްރޯލްކުރަން ބޭނުން ނަމަ އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ސްޓްރެސް ލެވެލް ކުޑަކުރުމެވެ. ސްޓްރެސް ލެވެލް ކުޑަކުޑަކުރުމަށް ޗޮކްލެޓާއި ކްރޭންބެރީސް އާއި ވެނީލާ ފަދަ ބާވަތްތައް ނެގިދާނެ އެވެ. ވެނީލާ ތެލަކީ ވެސް ވަރަށް ފައިދާ ބޮޑު އެއްޗެކެވެ.